ވޯލްޑް ކަޕުގައި ކޮސްޓާރިކާ އަތުން އުރުގުއާއީ ބަލިވި މެޗުގައި ނުފެނުނު އުރުގުއާއީގެ ތަރި ލުއިސް ސުއަރޭޒް އަށް ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި އިނގިރޭސީންނާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް އޭނާ ނުފެނިދާނެ ކަމަށް އުރުގުއާއީ ކޯޗު އޮސްކާ ޓަބަރޭޒް ބުނެފި އެވެ.

ބްރެޒިިލްގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕުގެ ގްރޫޕް ޑީގައި އުރުގުއާއީ ކުޅުނު ފުރަތަމަ މެޗުގައި ކޯސްޓަ ރިކާ އަތުން އެ ޓީމު ބަލިވީ 3-1 ލަނޑުންނެވެ. މެޗުގައި އުރުގުއޭއަށް ލިބުނު ޕެނަލްޓީއަކުން އެޑިންސަން ކަވާނީ ލީޑު ނަގައިދިން ނަމަވެސް، ކޯސްޓަ ރިކާ ވަނީ ފަހަތުން އަރައި ތިން ލަނޑު ކާމިޔާބުކޮށްފަ އެވެ.

"މިހާރު ސުއަރޭޒް ހުރީ އަނިޔާއަކު ނޫން. އޭނާ އަނިޔާގައި ހުރި ނަމަ ބަދަލު ކުޅުންތެރިންގެ ތެރޭގައި ބެންޗަކު އޭނާ އެއް ނީންނާނެ،" ޓަބަރޭޒް ބުންޏެވެ. "ސުއަރޭޒް އަށް ކުރިމަތިވި އަނިޔާ އިން ސަލާމަތްވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް އޭނާ ނިންމައިފި. ދެން އޮތީ އޭނާގެ ފިޓްނަސް ރަނގަޅުވޭތޯ ކެތްކޮށްލައިގެން ތިބުން. އަހަރެމެންނަށް ސުއަރޭޒް އަކީ ވަރަށް މުހިންމު ކުޅުންތެރިއެއް. މެޗެއްގައި ބައިވެރިވެވޭނީ ރަނގަޅަށް ފިޓްވެގެން. އިނގިރޭސި މެޗުގައި އޭނާ ފެނިދާނެތޯ ނުވަތަ ނޫންތޯ އެނގޭނީ ފަހުން."

ކޯސްޓަ ރިކާ އިން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ވާދަކުރި އުރުގުއާއީ ބަލިކުރުމުން ގިނަ ބަޔަކަށް ވަނީ ގަބޫލުކުރަން އުނދަގޫވެފަ އެވެ. މި ބައްޔާއެކު އިނގިރޭސިންނާއި ދެކޮޅަށް ކުޅޭ މެޗަކީ ވަރަށް މުހިންމު މެޗެއް ކަމުގައި އުރުގުއާއީ ކޯޗު ދެކެ އެވެ.

"ކޯސްޓަ ރިކާ އިން މެޗުގައި ލީޑު ނެގީ ދެވަނަ ހާފުގައި އެ ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ކޮށްގެން،" އޭނާ ބުންޏެވެ. "މިއީ އަހަރެމެން ލިބުނު ވަރަށް ބޮޑު ދެރައެއް. އަހަރެމެންނަށް ކުރިން ވެސް އެނގޭ ކޯސްޓަ ރިކާގެ ފެންވަރު. އަހަރެމެން ކޮޅަށް ވަދެފައި ވަނީ އާންމުކޮށް އަހަރެމެން ކޮޅަށް ވަދެފައި ނުވާ ކަހަލަ ލަނޑުތަކެއް. ނަމަވެސް މިހާރު އަހަރެމެން އެ ނަތީޖާ ގަބޫލުކުރަން. ދެން އަހަރެމެން ޖެހޭނީ ކުރިއަށް އޮތް މެޗުން މޮޅުވެ، އަހަރެމެން ވެއްޓުނު އަނދަވަޅުން އަރައިގަންނަން."

އިނގިރޭސިންނާ ދެކޮޅަށް އުރުގުއާއީ ނުކުންނާނީ އަންނަ ބުރާސްފަތި ދުވަހުގެ މެންދަމު 3:00ގަ އެވެ.