ރަޝިޔާގައި 2018 ވަނަ އަަަހަރު ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މެޗު ތަކުގެ ޓިކެޓް ގަނެފައި ތިބޭ ސަޕޯޓަރުންނަށް ހިލޭ ދަނޑަށް ދެވޭނެ އިންތިޒާމް ހަމަޖައްސައި ދޭނެ ކަމަށް ބުނެފިއެވެ.

ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕްގެ އިންތިޒާމް ކޮމެޓީގެ ވެރިޔާ، އެލެކްސީ ސޮރޮކިން ވިދާޅުވީ، "ވޯލްޑް ކަޕްގެ ބިޑް އެއްބަސްވުމުގައި ސޮއިކުރި އިރު ހިލޭ ދަތުރު ފަތުރު ހަމަޖައްސައި ދޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑަށް ދިީފައި ވާނެ،" ކަމަށެވެ.

ރިއޯގައި ހޮނިހިރު ދުވަހު ނޫސްވެރީންނާ ވާހަކަ ދައްކަވަމުން، ސޮރޮކިން ވިދާޅުވީ، ރަޝިޔާގައި ވޯލްޑް ކަޕް މެޗުތައް ކުޅެން ހަމަޖެހިފައިވާ 11 ސިޓީއެއްގެ 12 ސްޓޭޑިއަމަށް ސަޕޯޓަރުންނަށް ބަހުގައި ނުވަތަ ޓްރެއިންގައި ހިލޭ ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށެވެ.

ސޮރޮކިން ސިފަކުރެއްވި ގޮތުގައި ތަފާތު ސްޓޭޑިއަމްތަކުގައި މެޗުތައް ކުޅޭ ގޮތަށް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް އޮތުން އެއީ "ވަރަށް އޮޅުންބޮޅުން ބޮޑު" ނިޒާމެކެވެ.

ދަތުރު ފަތުރުގެ މައްސަލައަކީ މިފަހަކަށް އައިސް ބޭއްވި ހުރިހާ ފުޓްބޯޅަ މުބާރާތެއްގައި ވެސް ވަރަށް ބޮޑު "ގޮންޖެހުމަކަށް" ވެފައިވާ މައްސަލައެކެވެ. އެގޮތުން ބްރެޒިލްގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތާއި، 2012 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕާއި، ސައުތު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވެސް ދަތުރު ފަތުރުގެ މައްސަލަތަކަކީ، އެންމެ ބޮޑަށް ފާހަގަ ކުރެވިގެން ދިޔަ އެއް މައްސަލައެވެ.