15 Jun 2014, 10:59
އިރާގުގައި އެމެރިކާ އުފައްދާފައިވާ ވެރިކަމުގެ ނިޒާމް ހިމާޔަތް ކުރުމުގައާއި އިރާގުގެ ސުންނީ ހަނގުރާމަވެރިން ކޮންޓްރޯލް ކުރުމުގެ ބާރާއި ގާބިލްކަމާއި ކުޅަދާނަކަން އެމެރިކާގެ ކިބާގައި ނެތްކަމަށް ކަމާބެހޭ ތަޖްރިބާކާރުން ވިދާޅުވެއްޖެ އެވެ.
އިރާގުގެ ބަދަލުވަމުންދާ ހަނގުރާމައިގެ މަސްރަހު ދިރާސާ ކުރައްވާ ތަޖްރިބާކާރުން ވިދާޅުވާ ގޮތުގައި ބަޣްދާދު ހިފައި ބޮޑުވަޒީރު ނޫރީ އަލްމާލިކީގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރަމުން ގެންދާ ސުންނީ ހަނގުރާމަވެރި ޖަމާއަތްތައް ހުއްޓުވޭނެ މާގިނަ ފުރްސަތުތަކެއް އެމެރިކާއަކަށް ނެތެވެ. އެމެރިކާ އިރާގުގައި އުފައްދާފައިވާ ޝިޔައީންގެ ވެރިކަމުގެ ނިޒާމާ ދެކޮޅަށް ބަދަލު ހިފުމުގެ ރޫހެއްގައި ހަނގުރާމަކުރާ ސުންނީ ހަނގުރާމަވެރި ޖަމާއަތްތައް ލީޑް ކުރަނީ އިރާގުގައި ބޮންގޮއްވުން ފަދަ ހަރުކަށި އަމަލުތައް ހިންގުމުގައި އެންމެ ފުޅާދާއިރާއެއްގައި ހަރަކާތްތެރިވާ އަދި އެގައުމުގެ އެންމެ ނުރައްކާތެރި ޖަމާއަތް ކަމަށްވާ "ދި އިސްލާމިކް ސްޓޭޓް ފޯ އިރާގް އެންޑް ދަ ލެވަންޓް" ދާޢިޝްގެ ހަނގުރާމަވެރިންނާއި ކޮމާންޑަރުން ކަމަށްވެ އެވެ. މަސްރަހު ދިރާސާ ކުރައްވާ ތަޖްރިބާކާރުން ދެކޭގޮތުގައި "ދާޢިޝް"ގެ ހަނގުރާމަވެރިންނާ އެއްގަމު މަގުން ކުރިމަތިލުމަކީވިއެޓްނާމް ހަނގުރާމައިގާ އެމެރިކާ ބަލިވިގޮތަށް އެމެރިކާގެ ލަޝްކަރުތައް އިރާގުގައި އިނދަޖެހިގެންދާނެ ކަމެކެވެ.
އެހެންކަމުން އެމެރިކާ ވިސްނަމުން ގެންދަނީ ދުރުގައި ތިބެފައި ވައިގެ މަގުން ހަނގުރާމަވެރިންނަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށެވެ. ނަމަވެސް މިއީ އިރާގައި އަފްޣާނިސްތާނުގައި އެމެރިކާ މިހާތަނަށް ކޮށްފައިވާ ހަނގުރާމަތަކާއި އޭގެ ތަޖްރިބާތަކަށް ބަލާއިރު އެމެރިކާ ބޭނުންވާ ނަތީޖާ ނެރެވޭނެ ކަމެއް ނޫންކަމެއްކަން ޚުދު އެމެރިކާގެ ކޮމާންޑަރުން ވެސް ގަބޫލުކުރައްވާ ކަމަށް މިފަރާތްތަކުން ދެކެ އެވެ.
އިރާގުގެ މަސްރަހު ދިރާސާ ކުރައްވާ ސްޓްރެޓީޖިކް ތަޖްރިބާކާރެއް ކަމަށްވާ މާކް ހޮޒިންބޫލް ވިދާޅުވާ ގޮތުގައި އިރާގުގެ ސުންނީ ހަނގުރާމަވެރިންނަކީ އެމެރިކާގެ އަސްކަރީ އަރާއި ބާރު 10 ވަރަކަށް އަހަރު ތަޖްރިބާކޮށްފައިވާ ވަރުގަދަ ބައެކެވެ. އެހެންކަމުން ބަޣްދާދު ހިފުމަށް މަސައްކަތްކުރާ ސުންނީ ހަނގުރާމަވެރިން ތަޖްރިބާކޮށްފައިނުވާ އައު އުކުޅެއް ނުވަތަ އައު ހަތިޔާރެއް އެމެރިކާ ސިފައިންނަށް މިހާރު ނުދެއްކޭނެ ކަމަށާއި އިރާގުގެ ހަނގުރާމައިގެ މަސްރަހު ބަދަލުވަމުންދަނީ އެމެރިކާއަށް ކޮންޓްރޯލް ކުރެވޭވަރަށް ވުރެ މާއަވަހަށް ކަމަށް މާކް ހޮޒިންބޫލް ވިދާޅުވި އެވެ.
މިއާއެކު ވެސް އެމެރިކާގެ ދިފާއީ ވަޒީރު ޗަކް ހޭގްލް ވަނީ އަރަބި ކަނޑުގެ އުތުރުގައި ހަރަކާތްތެރިވާ އެމެރިކާގެ ކަނޑުގެ ސިފައިންގެ ހަވަނަ ފްލީޓަށް ނިސްބަތްވާ މަތިންދާބޯޓު އުފުލާ މަނަވަރު ކަމަށްވާ "ޖޯޖް އެޗް ޑަބްލިޔު ބުޝް" އާއި ހަނގުރާމަ މަތީ އެހެން މަނަވަރެއް ކަމަށްވާ "ފިލިޕީންސް ސީ" އަރަބި ގަލްފުގެ ކަނޑުއޮޅީގައިވާ އިރާގުގެ ދެކުނުގެ އައްސޭރިފަށާ ގާތަށް ދިޔުމަށް އަމުރުކުރައްވާފަ އެވެ. ޕެންޓަގަންއިން ބުނީ މިއީ އިރާގުގެ މިހާރުގެ ހާލަތު ހުރިގޮތުން އިރާގާއި ގަލްފުގައިވާ އެމެރިކާގެ މަސްލަހަތުތައް ރައްކާތެރި ކުރުމުގެ ގޮތުން އެމެރިކާ އަޅާ ފިޔަވަޅެއް ކަމުގަ އެވެ. އެމެރިކާގެ ރައީސް އޮބާމާ ވަނީ އިރާގުގެ ހަނގުރާމަވެރިންނަކީ އިރާގުގެ އިތުރުން އެގައުމުގެ އަވަށްޓެރި ގައުމުތަކަށާ އަދި މުޅި ދުނިޔެއަށް ވެސް ހުރި ބިރެއް ކަމަށް ސިފަކުރައްވައި އެމީހުންގެ ކުރިއެރުން ހުއްޓުވުމަށް ޓަކައި އަސްކަރީ ބާރުގެ ބޭނުންކުރަން ވެސް އެމެރިކާ ފަސްނުޖެހޭނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.
މިއިންޒާރަށްފަހު ވައިޓް ހައުސް އިން ބުނީ އިރާގަށް އެމެރިކާ ސިފައިން އެރުމުގެ އެއްވެސް ޕްލޭނެއް ނެތްކަމަށާ އިރާގުގެ ސުންނީ ހަނގުރާމަވެރިން ނާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކެއް ދެތިން ދުވަހުގެ ތެރޭގައި އޮބާމާ އިއްލާން ކުރައްވާނެ ކަމުގަ އެވެ. ތަޖްރިބާކާރުން ދެކޭގޮތުގައި އެމެރިކާ ނުވަ އަހަރު އިރާގުގައި ގަދަބާރާއެކު އޮވެގެން ބިނާކުރި އިރާގު ސިފައިންގެ ލަޝްކަރުތައް، އިރާގުގެއެންމެ ނުރައްކާތެރި ސުންނީ ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ "ދި އިސްލާމިކް ސްޓޭޓް ފޯ އިރާގް އެންޑް ދަ ލެވަންޓް" ދާޢިޝްގެ ހަނގުރާމަވެރިންގެ ކުރިމަތީގައި ބަލިކަށިވެ ރޫޅިގެން ދިޔަ ދިޔުމަކީ އިރާގަށް އެމެރިކާ ސިފައިން އަރައި ނުވަ އަހަރުވަންދެން ކުރި މަސައްކަތްތައް މުޅިން ބޭކާރުވެގެން ދިޔުން ކަމުގަ އެވެ.
މިއާއެކު މިމުއްދަތުގައި އެމެރިކާ އިރާގުގައި ބިނާކޮށްފައިވާ ވެރިކަމުގެ ނިޒާމް ރޫޅިގެން ދިޔުންވެސް އޮތީ ދާދި ގާތުގައި ކަމަށް ތަޖްރިބާކާރުން ދެކެ އެވެ. "ދި އިސްލާމިކް ސްޓޭޓް ފޯ އިރާގް އެންޑް ދަ ލެވަންޓް" (ދާޢިޝް) ވުޖޫދަށް އައިސްފައި ވަނީ 2003ވަނަ އަހަރު އެމެރިކާ ސިފައިން އިރާގަށް އަރައިގަތުމާ އެކު އިރާގުގެސުންނީންނަށް ލިބިގެންދިޔަ އަނިޔާތަކާއި ނިކަމެތި ކަމުގެ އިތުރުންއެމެރިކާގެ ބާރުގައި އިރާގުގައި އުފައްދާފައިވާ ޝިޔައީންގެ ވެރިކަމުގައިސުންނީންނާ މެދު އަމަލު ކުރަމުންގެންދާ ތަފާތު ކުރުން ތަކުގެ ސަބަބުންބަދަލުހިފުމުގެ ރޫހެއްގަ އެވެ.
"ދި އިސްލާމިކް ސްޓޭޓް ފޯރ އިރާގް އެންޑް ދަ ލެވަންޓް"، (ދާޢިޝް) އިން އިޢްލާން ކޮށްފައިވާ ގޮތުގައި އެޖަމާއަތުގެ ބޭނުމަކީ އިރާގާއި ސޫރިޔާއާއި ފަލަސްތީނާއި އުރުދުން އާއި ލުބްނާނާ އަދި ކުވައިތު ހިމެނޭ ގޮތަށް އިސްލާމީ ޚިލާފަތުގެ ދައުލަތެއް ގާއިމް ކުރުމެވެ. މިދައުލަތުގެ ނަމަކީ "ދި އިސްލާމިކް ސްޓޭޓް ފޯރ އިރާގް އެންޑް ދަ ލެވަންޓް" ކަމަށް ވެސް އެޖަމާއަތުން ބުނެ އެވެ.(ނޫސްއެޖެންސީތައް)