ވޯލްޑް ކަޕުގެ ގްރޫޕް އީގައި އިކުއެޑޯއާ ދެކޮޅަށް ސުވިޒަލޭންޑް ނުކުންނާނީ ވަރަށް ސަމާލުވެ ތިބެ އެވެ. ޖަރުމަން އަދި އިޓަލީ ލީގުގެ ވަރުގަދަ ހަ ކްލަބަށް ކުޅެމުން އަންނަ ހަތް ކުޅުންތެރިޔަކު ސްވިސްގެ ފުރަތަމަ އެގާރައިގައި ހިމެނުމުގެ ފުރުސަތު ބޮޑެވެ.

ފޯވަޑު ލައިނުގައި ޖޯސެފް ޑެރެނިޗް އެކަނި ބަހައްޓައިގެން ސްވިސް ޓީމުން ބޮޑަށް ކުޅޭނެކަަމަށް ލަފާކުރެވެނީ 1-3-2-4 ފޯމޭޝަަނަކަށެވެ. ވޯލްޑް ކަޕް 1954ގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި ސުވިޒަލެންޑުން މި މެޗް ފަސޭހަކޮށް ނަގާނެ ކަމަކަށް ނުބެލެވެ އެވެ.

މިރޭގެ މެޗުގައި އިކުއެޑޯގެ މެދުތެރެ ބަލަހައްޓަމުން އަންނަ ކްރްސްޓިއަން ނޮބޯއާގެ ފިޓްނަސް މައްސަލައަކީ ޓީމްގެ ކޯޗިން ސްޓާފުންގެ ކަންބޮޑުވުމެކެވެ. އަނިޔާގެ ސަބަބުން މި މުބާރާތުގައި ނުކުޅޭ ކަސްޓީލޯގެ ބަދަލުގައި ކުޅޭނެކަމަށް ބޮޑަށް ލަފާކުރެވެނީ އެޑިސަން މެންޑޭޒް ނުވަތަ ޒުވާން ކުޅުންތެރިޔާ ކާލޮސް ގްރުއެޒޯ އެވެ.

މިރޭގެ މެޗަކީ ފުޓްބޯޅަ މައިދާނުގައި މި ދެ ޓީމުގެ ދެމެދުގައި ކުޅޭ ބައިނަލްއަގްވާމީ ފުރަތަމަ މެޗެވެ.

ދެކުނުކޮރެޔާ އަތުން 2012 ވަނަ އަހަރުގެ މެއި މަހު ސުވިޒަލެންޑް ބަލިވުމަށް ފަހު މިހާތަނަށް 18 މެޗު ކުޅުނުއިރު، އެ ޓީމު ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. އެ 18 މެޗުގެ ތެރެއިން 12 މެޗުން މޮޅުވި އިރު، ފަސް މެޗުން ވަނީ އެއްވަރުވެފަ އެވެ.

އެންމެފަހުން ވޯލްޑް ކަޕްގައި ސްވިޒަލެންޑް ކުޅުނު ހަތް މެޗުން އެ ޓީމަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ ގޯލެކެވެ. ވޯލްޑްކަޕް ކޮލިފައިންގައި ސްވިޒަލެންޑް ކުޅުނު ދިހަ މެޗުން ހަތް މެޗު ކާމިޔާބު ކުރި އިރު، ތިން މެޗުން ވަނީ އެއްވަރުވެފަ އެވެ. ވޯލްޑް ކަޕްގެ ތާރީހުގައި ސްވިސް ވާދަކުރި ފަސް ފަހަރުގެ ތެރެއިން ހަތަރު ފަހަރު ދެކެނު އެމެރިކާގެ ޓީމެއްގެ މައްޗަށް ކުރި ހޯދިފައެއް ނުވެއެވެ.

މިހާތަނަށް ވޯލްޑް ކަޕްގެ ތާރީހުގައި އިކުއިޑޯ ކުޅުނު އެއްވެސް މެޗެއް އެއްވަރުވެގެން ނިމިފައި ނުވާއިރު، ތިން މެޗުން މޮޅުވެ، ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ. ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އެކުއިޑޯ ވަނީ 201 ހަމަލާ އުފައްދައި، 396 ހުރަސް ނަގައިދީފަ އެވެ. ކޮލައިފައިންގައި އިކުއެޑޯއަށް އެންމެ ގިނަ ގޯލް ކާމިޔާބުކޮށްދީފައި ވަނީ ސަސީޑޯ އެވެ. ކޮލިފިކޭޝަންގައި ކުޅުނު ނުވަ މެޗުން އޭނާ ވަނީ ހަތް ގޯލް ކާމިޔާބުކޮށްދީފަ އެވެ.

ވޯލްޑް ކަޕުގެ ގްރޫޕް އީގައި ސްވިޒަލޭންޑާއި އިކުއެޑޯ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 9:00ގަ އެވެ.