15 Jun 2014, 10:35
ވޯލްޑް ކަޕްގެ 2006ގެ ފައިނަލްގައި އިޓަލީ އަތުން ފްރާންސް ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. ވޯލްޑް ކަޕް 2010ގެ މުބާރާތުން އެ ޓީމު ކެޓިއިރު، މޮޅުވެފައި ވަނީ ގުރޫޕް ސްޓޭޖުގެ އެންމެ މެޗަކުންނެވެ. އޮލިވާ ޖިރޫ، ކަރިމް ބެންޒެމާ އާއި މެތިއު ވަލްބުއެނާއާ އެކު މިރޭގެ މެޗްގައި ފްރާންސް ޓީމުން 3 ފޯވާޑުން ފެންނާނެ ކަމަށް ބެލެވެ އެވެ.
ފިފާ ވޯލްޑް ކަޕްގެ އެންމެ ފަހު ދެ މުބާރަތުގެ ހަނދާންތައް ފޮހެލުމަށް ފަހުން ހޮންޑިއުރަސްއާ ދެކޮޅަށް ފްރާންސް ނުކުންނާނީ މިރޭ 12:00ގައެވެ.
ހޮންޑިއުރަސްގެ ކޯޗު ލުއިސް ފެނާންޑޯ ސުއަރޭޒަށް އޮތް އެންމެ ބޮޑު މައްސަލަ އަކީ ޓީމް ސެލެކްޝަންގެ މައްސަލައެވެ. ކަނާތު ވިންގަށް ކުޅޭ، އެންޑީ ނަޖަރު، އޮސްކާ ބޮއިނެޒް ގާސިޔާ، މާވިން ޗާވެޒް ފަދަ ކުޅުންތެެރިންނަކީ އެއް ފެންވަރަކަށް އެ މަގާމަށް ކުޅެމުން އަންނަ ކުޅުންތެރިންނެވެ.
މިއީ ވޯލްޑް ކަޕުގައި ފްރާންސް ވާދަކުރާ ނުވަ ވަނަ ފަހަރެވެ. ވޯލްޑް ކަޕް 1998 ފްރާންސް ކާމިޔާބުކުރި ފަހުން ވާދަކުރި ތިން ވޯލްޑް ކަޕެއްގެ ގުރޫޕްގެ ފުރަތަމަ މެޗުން މޮޅުވެފައެއް ނުވެއެވެ.
އެންމެ ފަހުން ހޮންޑިއުރަސް ވޯލްޑްކަޕުގަ ކުޅުނު ހަތަރު މެޗުން ގޯލެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެންމެ ފަހުން ރަަަށުން ބޭރުގައި ހޮންޑިއުރަސް ކުޅުނު 11 މެޗުގެ ތެރެއިން މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ.
ހޮންޑިއުރަސްގެ ޖެރީ ބެގްސަން ވަނީ ކޮލިފައިންގައި ކުޅުނު 12 މެޗުން 9 ގޯލް ކާމިޔާބުކޮށްފަ އެވެ.
ދެކުނު އެފްރިކާގައި 2010ވަނަ އަހަރު ބޭއްވުނު ވޯލްޑް ކަަޕްގައި ހޮންޑިއުރަސް ޓީމުގައި ހިމެނުނު 10 ކުޅުންތެރިން މިފަހަރުވެސް ވަނީ ހިމެނެ އެވެ.
މީގެ ކުރިން ފުޓްބޯޅަ މައިދާނުގައި ފްރާންސާއި ހޮންޑިއުރަސް ބައްދަލުކޮށްފައެއް ނުވެ އެވެ. އެހެންކަމުން ދެ ޓީމަށް ވެސް މިރޭގެ މެޗަކީ ހާއްސަ މެޗަކަށް ވެގެންދާނެ އެވެ.