އަލީ ޝިހާމް،50، ބޭސް ފަރުވާއަށް ރާއްޖެ އިން ބޭރަށް ދަތުރެއް ނުދާ މަހެއް ނުދާނެ އެވެ. އާދައިގެ މުސާރައެއް ލިބޭ ޝިހާމް އަށް ކިތަންމެ ކުޑަ ސިއްހީ މައްސަލައެއް ދިމާވި ނަމަވެސް އޭނާ ބަލާނީވީ އެންމެ އަވަހަކަށް އަވައްޓެރި ކޮންމެވެސް ގައުމަކަށް ގޮސް ޑޮކްޓަރަށް ދެއްކޭތޯ އެވެ. އޭނާ އަކީ އެތެރެހަށީގެ ތަފާތު މައްސަލަތައް ކުރިމަތިވެފައިވާ މީހަކަށް ވުމުން ކޮންމެ މަހަކު ހަދަން ޖެހޭ ޓެސްޓްތަކެއް ވެސް ހުރެ އެވެ. އެއީ ރާއްޖެ އިން ވެސް ކުރެވޭ ވަރުގެ ކަންކަމެކެވެ. ނަމަވެސް އޭނާ ރާއްޖެ އިން އެއްވެސް ސިއްހީ ފަރުވާއެއް ހޯދާކަށް ބޭނުމެއް ނުވެ އެވެ.

"ރާއްޖެ އިން ޑޮކްޓަރުންނަށް ނުދައްކަނީ ބުނާ އެޗެއް ދިމާ ނުވާތީ. ރާއްޖެ އިން ހަދާ ޓެސްޓްތަކާ ރާއްޖެ އިން ބޭރުން ކުރާ ޓެސްޓްތައް ދިމައެއް ނުވޭ. ގިނަ ފަހަރަށް ބޭސްތަކެއް ދެނީ ޓެސްޓެއް ވެސް ހަދައެއް ނުލާނެ،" ރާއްޖެ އިން ސިއްހީ ފަރުވާ ނުހޯދާ ސަބަބު ކިޔައިދެމުން ޝިހާމް ބުންޏެވެ.

އެހެން މީހެކެވެ. އޭނާ އަކީ ހއ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ އުމުރުން 50 އަހަރުގެ އިބްރާހިމް އަލީ ނަމަކަށް ކިޔާ މީހެކެވެ. ދޭތެރެ ދޭތެރެއިން ބޯ އެނބުރުމުގެ ސަބަބުން އޮތްތަނުން ނުތެދުވެ އޮންނަ ހިސާބަށް ވެސް އޭނާގެ ހާލު ބައެއް ފަހަރު ދެ އެވެ. ނަމަވެސް އޭނާ އެއްބަސް ނުވާ ކަމެއް އޮވެ އެވެ. އެއީ ޑޮކްޓަރަށް ދައްކަން ދިއުމެވެ.

"ރާއްޖެ އިން ފަރުވާ ހޯދުމަށް ވުރެ ނުހޯދުން ރަނގަޅުވާނީ. އަހަރެން ބޯ އަނބުރައިގަތީމަ ޗުއިންގަމެއް ކައިލަނީ. އެ ގޮތް ވެސް ރަނގަޅު ހޮސްޕިޓަލަށް ދިއުމަށްވުރެ،" އޭނާ ބުންޏެވެ.

މިފަދަ ވިސްނުންތަކުގެ އެތައް ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި އެބަ އުޅެ އެވެ. ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ތަންތަނާ މެދު ދެކެވޭ ނޭދެވޭ ވާހަކަތައް ވެސް އެހާ އިތުރެވެ. ކޮންމެ ހަފްތާއެއްގައި މީޑިއާތަކުގެ ފަލަ ސުރުހީތަކަށާއި ހޮޓާތަކުގައި އެންމެ ގިނައިން ދެކެވޭ ވާހަކައަކަށް ވެފައި އޮންނަނީ ސިއްހީ ދާއިރާގެ ކޮންމެވެސް އިހުމާލަކުންވާ ގެއްލުންތަކެއްގެ ވާހަކަ އެވެ. އެކަންކަން ވެފައި އޮންނަނީ ގިނަ ބަޔަކު ސިއްހީ ދާއިރާއާ މެދު ކުރާ އިތުބާރު ގެއްލޭ ކަމަކަށެވެ.

މިސާލަކަށް ބަލާލަމާތޯ އެވެ. މިދޭތެރެއަކުން ވަނީ ފުވައްމުލަކު ހޮސްޕިޓަލްގެ ޑޮކްޓަރުންގެ އިހުމާލުން މާބަނޑު ދެ އަންހެނަކަށް މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ވާހަކަތައް ފެންމަތިވެފަ އެވެ. ނަމަވެސް ޑޮކްޓަރުން ބުނާ ގޮތުން ނަމަ އެއީ އިހުމާލެއް ނޫނެވެ.

"އަޅުގަނޑުމެން ބަލާލި ބަލާމުން އެނގިފައި އޮތީ ކުރީގައި ފާހަގަ ނުކުރެވިފައި ހުރި ކަމެއް އޮޕަރޭޝަނަށް ފަހު ފާހަގަ ވިކަން. މަސް ހުރީ މާތިރީގަކަން. އެމަސް ހުރިގޮތުން ލޭނާރުތަކަށް ބަދަލުވެފައި ހުރުމުގެ ސަބަބުން މައިމީހާގެ ފުރާނައަށް ގެއްލުމެއް ކުރިމަތި ވެދާނެތީ އެ ޑޮކްޓަރު ނިންމެވީ އެވަގުތު ކުއްޖާ ނުނަގާ އެހީއަށް އެދިގެން އެހެން ޓީމެއް ގެނެވެންދެން ދަރިފުޅުގެ ފުރާނަ އާއި މައި މީހާގެ ފުރާނަ ސަލާމަތް ކުރުން. އެއީ އެންމެ ރަނގަޅުގޮތް،" އަންހެނުންގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ހައްވާ ހަނާ ވިދާޅުވި އެވެ.

ޑރ. ހަނާ ވިދާޅުވާ ގޮތުން ނަމަ ފުވައްމުލަކުގެ މައްސަލައަކީ ވެސް ހަގީގަތުގައި "މައްސަލައެއް" ނޫނެވެ. ޑރ. ހަނާއާ އެތައް ޑޮކްޓަރުންނެއް އެއްބަސްވެވަޑައިގަންނަވަ އެވެ. އެހެންވިއްޔާ ޑޮކްޓަރުންނަށް އިތުބާރު ނުކުރަނީ ކީއްވެގެންހެއްޔެވެ؟

"މީޑިއާ މައްސަލައަކީ. ކިތަންމެ ކުޑަ ކަމެއްވި ނަމަވެސް އެތަންކޮޅުގައި ހިފާ ދަމާނެ. ކަމެއް ދިމާވީމަ މީޑިއާ އިން މި ގޮތް ނިންމަނީ ޑޮކްޓަރުން ގޯސްކޮށޭ ކަންތައް ކޮށްފަ ހުރީ ކިޔައިގެން،" އައިޖީއެމްއެޗްގެ ސީއީއޯ ޑރ. މުހައްމަދު ހަބީބު ވިދާޅުވި އެވެ.

ޑރ. ހަބީބު ވިދާޅުވި ގޮތުގައި އޭނާ ބަލި މީހުންނަށް ފަރުވާ ދިނުމުގައި މަސައްކަތް ކުރި ދުވަސްވަރު އޭނާ އަށް ބަލިމީހާ އިތުބާރު ލިބުނު ކަމަށެވެ. އެގޮތަށް މިހާރު ވެސް ބަލި މީހުންގެ އިތުބާރު ޑޮކްޓަރުންނަށް ލިބޭ ކަމަށާއި އެކަމުގެ މިސާލަކީ އެތައް ބަޔަކު ޑޮކްޓަރަށް ދައްކަން ކޮންމެ ދުވަހަކު ވެސް ދިއުން ކަމަށް ހަބީބު ވިދާޅުވި އެވެ.

"މިސާލަކަށް ބަލަމާ ކަކޫ ހުޅުބަދަލުކުރަން ފެށި ދުވަސްވަރު 17 މީހުން ގެނެސްގެން އެކަން ކުރަން ބުނުމުން އެއްބަސްވީ ދެ މީހުން. އެކަމު މިހާރު ރާއްޖެ އިން ބޭރަށް ދިއުމުގެ ބަދަލުގައި އައިޖީއެމްއެޗްގައި އިތުބާރުކޮށް މިކޮޅުގައި އެތައް ބަޔަކު ހުޅުބަދަލުކުރޭ،" ޑރ. ހަބީބް ވިދާޅުވި އެވެ.

ޑރ. ހަބީބް ވިދާޅުވާ ގޮތަށް ކަންތައްވި ނަމަވެސް ޑޮކްޓަރުންނާ މެދު އާންމުންގެ ތެރޭގައި ނުތަނަވަސްކަމެއް އުޅޭ ކަމީ ހަގީގަތެކެވެ. ޑރ. ހަބީބް ދެކެވަޑައިގަންނަވާ ގޮތުގައި އެފަދަ ކަންކަން ދިމާވަނީ ޑޮކްޓަރުންނަށް އިތުބާރު ކުރުމުގެ ބަދަލުގައި ޑޮކްޓަރުން ބަދުނާމަ ކުރުމަށް ބަޔަކު މަސައްކަތް ކުރާތީވެ އެވެ. ޑރ. ހަބީބު ވިދާޅުވީ ބައެއް ބޮޑެތި އަދި ކުދި މީޑިއާތަކުން އަދި ބައެއް މީހުން ސިއްހީ ދާއިރާއާ ގުޅުވައިގެން "ހުސް ދޮގު" ވާހަކަތައް ފެތުރުމުގެ ސަބަބުން ޑޮކްޓަރުންނަށް ފާޑުކިޔުން ރައްދުވާ ކަމަށެވެ. އެކަމުގެ ސަބަބުން ސިއްހީ ދާއިރާއާ މެދު ކުރެވޭ އިތުބާރު ގެއްލޭކަމަށް ޑރ. ހަބީބް ވިދާޅުވި އެވެ.

ހުރިހާ ހާލަތެއްގައި ޑޮކްޓަރުންގެ ފަރާތުން އެންމެ ރަނގަޅު މަސައްކަތް ނުފެންނަ ކަމަކީ ދޮގެއް ނޫނެވެ. ވަރަށް ދެރަކޮށް ވެސް ޑޮކްޓަރުން ކަންތައް ކޮށްފައި އެބަ ހުއްޓެވެ. ނޫންތޯ އެވެ؟ ޑރ. ހަބީބު ވިދާޅުވާ ގޮތުން ރާއްޖޭގައި މަސައްކަތް ކުރާ ދިވެހި ޑޮކްޓަރުންނަކީ "މި ސަރަހައްދުގައި ތިބި އެންމެ މޮޅެތި ޑޮކްޓަރުންނަށް ވާނެ" ކަމަށެވެ. ނަމަވެސް ރާއްޖެ އިން ބޭރުގެ ގައުމުތަކުން ރާއްޖެ އައިސް އުޅޭ ބައެއް ޑޮކްޓަރުންނާއި ދޭތެރޭ ހަބީބް ހިތްހަމައެއްނުޖެހެ އެވެ.

"ބައެއް ބިދޭސީ ޑޮކްޓަރުންނަށް ޑޮކްޓަރުންނޭ ކިޔަންވެސް ހެޔޮ ނުވާނެ،" ޑރ. ހަބީބް ވިދާޅުވި އެވެ.

ބިދޭސީ ޑޮކްޓަރުންގެ މައްސަލަތަކެއް އުޅޭ ކަމަށް ސަރުކާރުން ވެސް އެއްބަސްވެ އެވެ. ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ގީލާ އަލީ ވެސް ވަނީ ބިދޭސީ ޑޮކްޓަރުންގެ ފެންވަރާ މެދު ސުވާލު އުފެދޭ ގޮތަށް ވާހަކަ ދައްކަވައިފަ އެވެ.

"ހަމަޔަގީނުން ވެސް ރާއްޖޭގައި ތިބި ދިވެހި ޑޮކްޓަރުންނަކީ ވަރަށް ރަނގަޅު ބޭފުޅުން. ނަމަވެސް ބިދޭސީ ޑޮކްޓަރުންނަށް ވިސްނާލަން ޖެހޭ ކަންކަން އެބަހުރި،" ގީލާ ވިދާޅުވި އެވެ.

ޑޮކްޓަރުން ކިޔަން ނުވާ ވަރުގެ ޑޮކްޓަރުން ތިބުމާއި ޑޮކްޓަރުންގެ ކިބައިގައި ވިސްނާލަން ޖެހޭ ކަންތައްތައް ހުރުމަކީ ކުޑަ މައްސަލައެއް ނޫނެވެ. އަވަހަށް ހައްލެއް ގެންނަންޖެހޭ މުހިންމު މައްސަލައެކެވެ. އެކަމަށް އެއްވެސް މަސައްކަތެއް ކުރަމުން އެބަ ދޭ ހެއްޔެވެ؟

"ބިދޭސީ ޑޮކްޓަރުން ގެނައުމަށް ބަލާ މިންގަނޑު ތަކަށް ބަދަލުކުރަން ޖެހޭ. އެ ޑޮކްޓަރުންނަށް އިމްތިހާނުތަކެއް ދިނުމާއި ވަކި މުއްދަތެއް ވަންދެން އައިޖީއެމްއެޗްގައި މަސައްކަތް ކުރުވާ ޓެސްޓް ކުރުވުން މުހިންމު،" އޭނާ ވިދާޅުވި އެވެ.

އެއީ ސަރުކާރުގެ ބަހެވެ. އެކަމަކު ޑޮކްޓަރުންގެ ވެސް ޝަކުވާއެއް އެބަ އޮތެވެ. އެއީ ބަލި މީހުން ބެލުމާއި އެމީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލުގައި އެކަށީގެންވާ ސާމާނު ނުހުރުމެވެ. ބައެއް ޑޮކްޓަރުން ބުނާ ގޮތުން ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ފަރުވާ ދިނުމަށް ބޭނުންވާ ސާމާނެއް ނުހުރެ އެވެ. އަދި ޑޮކްޓަރުންނަކީ އަބަދުވެސް ތަމްރީން ލިބެންޖެހޭ ބައެއްކަމުން އެމީހުންނަށް ދޭތެރެ ދޭތެރެއިން ލިބެންޖެހޭ ތަމްރީން ޕްރޮގުރާމްތައް ނުހިންގޭ ކަމަށް ވެސް ޑޮކްޓަރުން ބުނެ އެވެ.

"އަޅުގަނޑުމެންނަށް ރަނގަޅު ހިދުމަތެއް އާންމުންނަށް ދެވޭނީ ވެސް ފަރުވާ ދިނުމަށް ރަނގަޅު ވަސީލަތްތަކެއް ވެސް ހުރެގެން. އެންމެ އުނދަގޫވާ ކަމަކީ އެއީ،" އަންހެނުންގެ ހާއްސަ ދިވެހި ޑޮކްޓަރަކު ވިދާޅުވި އެވެ.

ޑޮކްޓަރުންނާ މެދު އިތުބާރު ނުކުރެވޭ ނަމަ އެ އިތުބާރު އުފައްދަންޖެހެ އެވެ. ޑޮކްޓަރުންގެ ފެންވަރު ދަށް ނަމަ އެމީހުންގެ ފެންވަރު ރަނގަޅު ކުރަން ވެސް ޖެހެ އެވެ. އަދި ޑޮކްޓަރުން ކިޔަންނުވާ ވަރުގެ މީހުން ހޮސްޕިޓަލްތަކުގައި ތިބުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. މިހާރުން މިހާރަށް އެކަމަށް ހައްލެއް ލިބެންޖެހެ އެވެ.