ބަޣްދާދު (ޖޫން 15) : އިރާގުގެ ވެރިރަށް ބަޣްދާދު ހިފައި ބޮޑުވަޒީރު ނޫރީ އަލްމާލިކީގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރަމުން ގެންދާ އިރާގުގެ ހަނގުރާމަވެރި ޖަމާއަތްތައް މައިތިރިކޮށް އެޖަމާއަތްތަކުގެ ކުރިއެރުން ކޮންމެވެސް ވަރަކަށް ހުއްޓުވިއްޖެ ކަމަށް އިރާގުން ބުނެފި އެވެ.

އިރާގުގެ ސިފައިންގެ ލަޝްކަރުތަކުގެ ތަރްޖަމާން ލެފްޓިނެންޓް ޖެނެރަލް ގާސިމް މޫސަވީ ވިދާޅުވީ ބަޣްދާދާ ދިމާއަށް މިސްރާބު ޖަހާފައިވާ ހަނގުރާމަވެރި ޖަމާއަތްތައް ލީޑް ކުރަނީ އިރާގުގައި ބޮންގޮއްވުމުގެ ޓެރަރިސްޓް އަމަލުތައް އެންމެ ފުޅާދާއިރާއެއްގައި ހިންގަމުން ގެންދާ އެންމެ ނުރައްކާތެރި ޖަމާއަތް ކަމަށްވާ "ދި އިސްލާމިކް ސްޓޭޓް ފޯ އިރާގް އެންޑް ދަ ލެވަންޓް" (ދާޢިޝް)ގެ ހަނގުރާމަވެރިންނާއި ކޮމާންޑަރުންނެވެ.

"ދާއިޝް"ގެ ހަނގުރާމަވެރިންނަކީ އެމެރިކާ ސިފައިން 2003 ވަނަ އަހަރު އިރާގަށް އަރައިގަތުމާ ގުޅިގެން ގެދޮރާއި އާއިލާގެ މެންބަރުންނާއި މުދައުފަދަ ހުރިހާ އެއްޗެއް ގެއްލި ނިކަމެތިވެފައިވާ ސުންނީ ހަނގުރާމަވެރިންނެވެ. އެމެރިކާ ސިފައިންގެ އިސްތިއްމާރުގެ ދަށުން އިރާގުގައި އުފައްދާފައިވާ ވެރިކަމުގެ ނިޒާމު ލީޑްކުރަނީ ޝިޔަޢީން ކަމަށްވާ އިރު މި ނިޒާމާ ދެކޮޅަށް ސުންނީ ހަނގުރާމަވެރި ޖަމާއަތްތަކުން ހަނގުރާމަ ކުރަމުން ގެންދަނީ ބަދަލު ހިފުމުގެ ވަރުގަދަ ރޫހެއްގަ އެވެ.

މިރޫހުގައި ސައްދާމަށް ތާއީދުކުރާ މީހުންނާއި އަލްގާއިދާގެ މެންބަރުންނާއި ސައްދާމާ ކުރިން އިދިކޮޅު އިރާގުގެ ސަލަފީ ޖަމާއަތްތައް ވެސް މާލިކީގެ ސަރުކަރާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ވަނީ އެއްގަލަކަށް އަރާފަ އެވެ. ދާޢިޝްގެ ހަނގުރާމަވެރިންގެ ގެތެރޭގައި އިރާގުގެ ކުރީގެ ރައީސް ސައްދާމް ޙުސައިންގެ ދުވަސްވަރު އިރާގުގެ ސިފައިންނާއި ޖުމްހޫރީ ގާޑުންގެ ލަޝްކަރުތަކުގައި އުޅުނު ތަޖްރިބާކާރު ޕްރޮފެޝަނަލް ސިފައިންނާއި ކޮމާންޑަރުންގެ އިތުރުން އެމެރިކާ ސިފައިންނާ ދެކޮޅަށް ހަރަކާތްތެރިވި އަލްގާއިދާއަށް ނިސްބަތްވާ ގެރިއްލާ ހަނގުރާމައަށް ކުޅަދާނަ މީހުންނާއި ކޮމާންޑަރުން ވެސް ހިމެނެ އެވެ.

މިއީ އިރާގު ސިފައިންގެ ލަޝްކަރުތައް ރޫޅާލުމަށް ފަހު އެމެރިކާ އިސްކޮށް އޮވެގެން އިރާގުގައި އުފައްދާފައިވާ ސިފައިންގެ ލަޝްކަރުތަކަށް ވުރެ މާ ކުޅަދާނަ އަދި ތަޖްރިބާކާރު އަދި ޕްރޮފެޝަނަލް ބައެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެހެންކަމުން ދާޢިޝްގެ ހަނގުރާމަވެރިންނާ ކުރިމަތިލުމުގައި އިރާގުގެ މިހާރުގެ ލަޝްކަރުތައް ވަނީ ނާކާމިޔާބުވެފަ އެވެ. ނަމަވެސް އިރާގުގެ ސިފައިންގެ ލަޝްކަރުތަކުގެ ތަރްޖަމާން އިއްޔެ ވިދާޅުވީ "ދާއިޝް"ގެ އަތްދަށަށް މިދިޔަ ހަފްތާގައި ގޮސްފައިވާ އިރާގުގެ އުތުރުގެ ބައެއް ސަރަހައްދުތަކުން އެޖަމާއަތުގެ ހަނގުރާމަވެރިން މިހާރު ބޭރު ކޮށްލެވިފައިވާ ކަމަށާއި އެމީހުންގެ އަމާޒުތަކަށް އިރާގު ސިފައިން އިއްޔެދިން ވައިގެ ހަމަލާތަކުގައި އޭގެތެރެއިން އެތަށް ބަޔަކު މަރާލެވިފައިވާ ކަމުގަ އެވެ. އިރާގު ސަރުކާރުގެ މިވާހަކަތައް މުސްތަގިއްލު ފަރާތަކުން ކަށަވަރު ކޮށްދީފައެއް ނުވެ އެވެ.

އަނެއްކޮޅުން "ދާއިޝްއާ ދެކޮޅަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފެށުމަށް އިރާގު ސިފައިން ތައްޔާރުވަމުންދާ މިދަނޑިވަޅުގައި އީރާނުން ވަނީ އިރާގު ސަރުކާރު ބޭނުންވާ ކޮންމެ އެހީއެއް ވެސް ދިނުމަށް ތައްޔާރަށް އޮތްކަން އިރާގު ސަރުކާރަށް އަންގާފަ އެވެ. އިރާގުގައި ހަރަކާތްތެރިވާ އެންމެ ނުރައްކާތެރި ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ "ދި އިސްލާމިކް ސްޓޭޓް ފޯރ އިރާގް އެންޑް ދަ ލެވަންޓް" ދާޢިޝްގެ އަތްދަށަށް ގޮސްފައިވާ ރަށްތައް ކަމަށްވާ މޫސަލް، ތިކްރީތް، އައްދޫރު އަދި ބީޖީ އަލުން އަނބުރައި ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށްޓަކައި އިރާގު ސިފައިން ވަރުގަދަ ޢަސްކަރީ އޮޕަރޭޝަނަކަށް ދަނީ ތައްޔާރުވަމުންނެވެ.

އިރާގުގެ އަމަނާ ބެހޭ ދާއިރާތައް ބުނާ ގޮތުން މިއޮޕަރޭޝަން ފެށުމަށް ބޭނުންވާ ސިފައިން ބަޣްދާދުގެ އުތުރުގައިވާ ސާމައްރާއަށް އިއްޔެ ގޮސްފައިވާއިރު މިކަމަށް ބޭނުންވާ ބަރުހަތިޔާރު ވެސް އެރަށަށް މިހާރު ވަނީ ޖަމާކޮށްފަ އެވެ. އިރާގު ސަރުކާރުގެ އިސް މަސްއޫލުވެރިއަކު ވިދާޅުވިގޮތުގައި ބޮޑުވަޒީރު ނޫރީ އަލްމާލިކީ ވަނީ "ދި އިސްލާމިކް ސްޓޭޓް ފޯ އިރާގް އެންޑް ދަ ލެވަންޓް" ދާޢިޝްގެ އަތްދަށަށް ގޮސްފައިވާ އިރާގުގެ ރައްތަކުން އެޖަމާއަތް ބޭރުކޮށް އެރަށްތައް އަލުން ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔުމަށް ނިންމަވައި އެކަމުގެ ޕްލޭން އިރާގުގެ ވަޒީރުންގެ މަޖިލީހާ ހިއްސާ ކުރައްވާފައެވެ. އިރާގުގެ ވަޒީރުންގެ މަޖިލީހުންވަނީ "ދާޢިޝް" އާއި އިރާގުގެ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ ހަނގުރާމަވެރި ހުރިހާ ޖަމާއަތްތަކަކާ ދެކޮޅަށް އަޅަން ބޭނުންވާ ފިޔަވަޅުތައް އެޅުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު މާލިކީއަށް ދީފަ އެވެ.

"ދާޢިޝް"ގެ އަތްދަށަށް ގޮސްފައިވާ މޫސަލް، ތިކްރީތް، އައްދޫރު އަދި ބީޖީ އަލުން އަނބުރައި ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމުގެ އޮޕަރޭޝަން ފެށުމަށް އިރާގު ސިފައިން ރާވާފައި ވަނީ މިރަށްތަކަށް ފަސޭހައިން ހަމަލާތައް ދެވެންއޮތް އެންމެ މުހިއްމު ރަށް ކަމަށްވާ ސާމައްރާއިންނެވެ. ބަޣްދާދުގެ އުތުރުގައިވާ މިރަށަކީ އިރާގުގެ ސަލާހުއްދީން ގަވަނޭޓަށް ނިސްބަތްވާ ރަށެކެވެ. އަލްޖަޒީރާ ބުނާގޮތުން އިރާގުގެ ސަރުކާރު ވައްޓާލުމަށްޓަކައި ބަޣްދާދު ހިފުމަށް މަސައްކަތްކުރާ "ދާޢިޝް" ޖަމާއަތުގެ ހަނގުރާމަވެރިންނާއި އިރާގު ސިފައިންނާ ދެމެދު ދިޔާލީ ގަވަނޭޓްގައި އިއްޔެވަނީ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފަ އެވެ. މިކުރިމަތިލުންތަކުގައި "ދާޢިޝް"ގެ ހަނގުރާމަވެރިންނާ އެކު ކުރީގެ ރައީސް ސައްދާމް ހުސައިންގެ ބަޢްޘު ޕާޓީއަށް ނިސްބަތްވާ ހަނގުރާމަވެރިން ވެސް ސަރުކާރު ސިފައިންނާ ދެކޮޅަށް ހަނގުރާމަ ކޮށްފައިވާކަމަށްވެސްއަލްޖަޒީރާ ބުނެ އެވެ. (ނޫސްއެޖެންސީތައް)