15 Jun 2014, 09:43
މެދުޒިޔާރަތް މަގުގައި ބަނޑޭރި ކޮށި ފުރަގަހަށް ވާގޮތަށް ހުންނަ ރޯޔަލް ކެފޭގައި ހުރި ބޮޑު ނިކަގަހެއް ބިމުންލުހިގެން ވެއްޓިއްޖެ އެވެ.
މިއަދު ހެނދުނު ގާތްގަނޑަކަށް 8:00 ޖަހާ އެހާކަންހާއިރު ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ގަސްދޮށުގައި ޕާކް ކޮށްފައި އޮތް ޕްރައިވެޓް ކާރެއްގެ މައްޗަށް ގަސް ވެއްޓުމުން ކާރަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ.

ރޯޔަލް ކެފޭގައި ހުރި ބޮޑު ނިކަގަސް ބިމުން ލުހެލައިގެން ވެއްޓިފައި -- ސަން ފޮޓޯ: އަހްމަދު ޝަރުވާން
ބިމުން ލުހިގެން އެ ބޮޑު ނިކަގަސް ވެއްޓުމުން ރޯޔަލް ކެފޭގެ ފާރެއް ވެއްޓިފައި ވާއިރު އެމްއެންޑީއެފްގެ ހެޑްކުއާޓާސްގެ ފާރަށް ވެސް ވަނީ ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައެވެ.
އެ ހާދިސާގައި އެ ކެފޭއަށް ގުޅާފައި ހުރި ފެންހޮޅިއެއް ފަޅައިގެން ގޮސް އެ ސަރަހައްދުގައި ކޮންމެވެސް ވަރަކަށް ވަނީ ފެންބޮޑުވެފައެވެ. އަދި ފާރުގައި ހަރުކޮށްފައި ހުރި ކަރަންޓް ޑިސްޓްރިބިއުޝަން ބޮކްސް އަށް ވެސް ވަނީ ގެއްލުންލިބިފަ އެވެ.

ރޯޔަލް ކެފޭގައި ހުރި ބޮޑު ނިކަގަސް ބިމުން ލުހެލައިގެން ވެއްޓިފައި -- ސަން ފޮޓޯ: އަހްމަދު ޝަރުވާން
އެ ހާދިސާއަށް ފަހު ސިފައިން އެސަރަހައްދަށްގޮސް، ވެއްޓިފައިވާ ގަސް ކޮށައި، ގަހުގެ ބައިތައް ނެގުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ރޯޔަލް ކެފޭގައި ހުރި ބޮޑު ނިކަގަސް ބިމުން ލުހެލައިގެން ވެއްޓުމުން ގަސް ކޮށައި، ގަހުގެ ބައިތައް ނެގުމުގެ މަސައްކަތް ސިފައިން ކުރަނީ -- ސަން ފޮޓޯ: އަހްމަދު ޝަރުވާން