ރެއާލް މެޑްރިޑުގެ ކޯޗު ކަމުގައި ހޯސޭ މޮރީނިއޯ ހުރި އިރު، ގޯލްކީޕަރު އިކާ ކަސިޔަސްއަށް އެ ޓީމުން ޖާގަ ނުދޭން ނިންމި ނިންމުން ރަނގަޅު ކަމުގައި ބުނެ، ކަސިޔަސް އަށް އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ ފާޑުކިޔައިފި އެވެ.

ބްރެޒިލްގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕުގެ ގްރޫޕް ބީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ނެދަލޭންޑްސްއާ ދެކޮޅަށް ކުޅެ، އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިނުން ލަދުވެތި ގޮތަކަށް ބަލިވި މެޗުގައި އެ ޓީމުގެ ކެޕްޓަން ކަސިޔަސް އަށް ހެދުނު ކުށެއްގެ ސަބަބުން ނެދަލޭންޑްސުން ވަނީ ލަނޑެއް ކާމިޔާބުކޮށްފަ އެވެ.

"އަހަރެންގެ ހަޔާތުގައި ކަސިޔަސްގެ ފަރާތުން ފެނުނު އެންމެ ދަށް ކުޅުން މި ފެނުނީ. އޭރު އަހަރެންގެ ހަނދާނަށް އައީ ކަސިޔަސްއާ މެދު އަހަރެންގެ ރަހްމަތްތެރިޔާ މޮރީނިއޯ ބުނި ވާހަކަތައް،" އުމުރުން 53 އަހަރުގެ މަރަޑޯނާ ބުންޏެވެ. "އޭނާ އަހަރެން ކައިރީ ބުނީ ކަސިޔަސްއަކީ އެންމެ ރަނގަޅު ކީޕަރު ނޫން ކަމަށް. އެންމެ ފަހުން މިހާރު މޮރީނިއޯގެ ވާހަކަތައް ހަގީގަތަކަށް ވެއްޖެ."

ނެދަލޭންޑްސް އާ ދެކޮޅަށް ކުޅެ 5-1 ލަނޑުން ސްޕެއިން ބަލިވި މެޗުގައި އެ ޓީމުގެ ޑިފެންޑަރު ސާޖިއޯ ރާމޯސް ދެއްކި ކުޅުމަށް ވެސް މޮރީނިއޯ ވަނީ ފާޑު ކިޔައިފަ އެވެ. ފަސް މީޓަރު ދުރުން ނެދަލޭންޑްސްގެ އާރްޔެން ރޮބެން ދުވަމުން އައި އިރު، ރާމޯސް އަށް ރޮބެން އަތުން ބޯޅަ ނުލިބުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް މަރަޑޯނާ ބުންޏެވެ.

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ސްޕެއިން ނުކުންނަން ޖެހޭނީ ޗިލީއާ ދެކޮޅަށެވެ. މި މެޗަށް ސްޕެއިން ނުކުންނާނީ އަންނަ ބުދަ ދުވަހުގެ ރޭ 12:00ގަ އެވެ.