ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާުގެ ގުރޫޕް ސީގެ ދެވަނަ މެޗުގައި ޖަޕާނުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ދެ ލަނޑު ކާމިޔާބު ކޮއްގެން އައިވަރީ ކޯސްޓް މުބާރާތުގެ ފެށުން ރަނގަޅު ކޮށްފި އެވެ.

ބްރެޒިލްގެ ރެސިފޭގެ އެރީނާ ޕާރްނަބޫކޯގައި ރާއްޖެ ގަޑިން ހެދުނު 6 ޖެހިރު ފެށި މެޗުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ބަލާހިތްވާ ކުޅުމެއް ފެނިގެން ދިޔައެވެ. މެޗްގެ ފުރަތަމަ ގޯލް ފުރަތަމަ ހާފްގެ 16 ވަނަ މިނިޓް ޖަޕާނަށް ކާމިޔާބު ކޮށްދިނީ ހޮންޑާއެވެ. ހޮންޑާގެ ބާރު ހަމަލާ ގޯލްއަށް ވަދެގެން ދިޔައިރުގަ އައިވަރީ ކޯސްޓްގެ ކީޕަރަށް ވެސް ހުރެވުނީ ހަރަކާތްކުރަން ވެސް ނޭގިފައެވެ.

އައިވަރީ ކޯސްޓްގެ ތަރި ޑްރޮގްބާ ބެންޗުން ފެށި މި މެޗްގައި ޑްރޮގްބާ ކުޅެން ނުކުތުމާއެކު އައިވަރީ ކޯސްޓް ހަމަލާތައް އިތުރުވި އެވެ. މިއާއެކު އެޓީމުން ނަތީޖާ ހަމަހަމަ ކުރީ މެޗްގެ 64 ވަނަ މިނަޓްގައި ވިލްފްރެޑް ބޯނީ ޖަހައިދިން ލަނޑުންނެވެ.

އައިވަރީ ކޯސްޓް ނަތިޖާ ހަމަހަމަ ކުރިތާ މިނިޓެއް ފަހުން 66 މިނިޓްގައި ޖިއޮވާނިއޯ ވަނީ ލަނޑެއް ޖަހައި އެޓީމަށް ކުރި ހޯދައި ދީފައެވެ. މި މެޗްގައި ގިނައިރު ބޯޅަހިފަހައްޓައި ގިނަހަމަލާތަކެއް ގޯލަށް އަމާޒުކޮއްފަވަނީ އައިވަރީ ކޮސްޓުންއެވެ.

މި ނަތިޖާއެކު އަވަރީ ކޯސްޓަށް ލިބެނީ ގުރޫޕްގެ ދެވަނައެެވެ. ގުރޫޕް އެއްވަނަ ލިބެނީ ގްރީސް އަތުން 3-0 މޮޅުވި ކޮލަންބިޔާއަށެވެ. އަންނަ ބުރާސްފަތި ދުވަހުގެރޭ 9 ޖަހާއިރު އައިވަރީ ކޯސްޓް ނުކުންނަނީ ކޮލަންބިޔާއާ ދެކޮޅައަށެވެ. ހުކުރު ވިލޭރޭ 3 ޖަހާއިރު ޖަޕާން ނުކުންނީ ގްރީސް އާދެކޮޅަށެވެ.