ދެ ކުންފުންޏަކުން ޖުމްލަ 500 މިލިއަން ޑޮލަރު އިންވެސްޓް ކުރުމާއިއެކު ފޭސްބުކްގެ އަގު 50 ބިލިއަން ޑޮލަރަށް


ދުނިޔޭގެ މަޝްހޫރު އިންވެސްޓްމަންޓް ބޭންކެއް ކަމަށްވާ ގޯލްޑްމޭން ސެކްސް އިން އިންވެސްޓްކުރި 450 މިލިއަން ޑޮލަރާއި ރަޝިއާގެ އިންވެސްޓްމަންޓް ކުންފުނި ޑިޖިޓަލް ސްކައި ޓެކްނޮލޮޖީސް ގެ 50 މިލިއަން ޑޮލަރާއި އެކު ފޭސްބުކުގެ އަގު 50 ބިލިއަނަށް އަރައިފިއެވެ.


މީގެ ކުރިން ފޭސްބުކުން ވަނީ ފަސް ފަހަރެއްގެ މަތިން ޖުމްލަ 800 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް އިންވެސްޓްމަންޓްގެ ގޮތުގައި ހޯދައިފައެވެ. ވުމާއިއެކު މިފަހަރުގެ މި އިންވެސްޓެމަންޓާއިއެކު މި ޢަދަދު 1.3 ބިލިއަނަށް އަރާނެއެވެ.


މި މުޢާމަލާތްތަކާއި އެކު ފޭސްބުކުގެ އަގު 50 ބިލިއަނަށް އަރާފައި މިވަނީ، މިދިޔަ ސެޕްޓެމްބަރު މަހު 23 ބިލިޔަނާއި 33 ބިލިއަނާއި ދެމެދު އަދި ނޮވެމްބަރު މަހު 41 ބިލިއަނުގައި އޮތުމަށްފަހ ުއެވެ.


މީގެ އިތުރުން މި އިންވެސްޓްމަންޓާއި ގުޅިގެން ގޯލްޑްމޭން އާއި ފޭސްބުކާއި ދެމެދު އެއްބަސްވުމުގެ ދަށުން ފޭސްބުކަށް އިތުރު 1.5 ބިލިއަން ޑޮލަރު ހޯދައިދިނުމަށް ވަނީ ކަނޑައަޅާފައެވެ. މިކަން ކުރާނީ، ގޯލްޑްމޭން ބޭންކު މެދުވެރިކޮށް ފޭސްބުކްގައި އިންވެސްޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުވައިލެވޭ ޚާއްސަ ދޮރާށި ތަކަކުން ކަމަށްވެއެވެ. އޭރުން އެމެރިކާގެ ސެކިއުރިޓީ އެކްސްޗޭންޖް ކޮމިޝަނުގެ ޤަވާއިދުގައި ކަނޑައަޅާފައިވާ، 499 އިންވެސްޓަރުންނަށްވުރެ ގިނަ ފަރާތްތަކުން އިންވެސްޓް ކޮށްފައިވާ ކުންފުނިތަކުން އެކުންފުނިތަކުގެ މާލީ ހިސާބުކިތާބުގެ ނަތީޖާތައް ޢާންމުކުރަން ޖެހޭ ޖެހުމުން ފޭސްބުކް އެއްކިބާވާނެއެވެ.


ގޯލްޑްމޭން އިން ފޭސްބުކްގައި އިންވެސްޓްކުރި މިއީ ފުރަތަމަ ފަހަރު ނަމަވެސް ޑިޖިޓަލް ސްކައި އިން ވަނީ މީގެ ކުރިންވެސް ފޭސްބުކްގައި 200 މިލިއަން ޑޮލަރު އިންވެސްޓްކޮށްފަ އެވެ.


ނިއުޔޯކް ޓައިމްސް އިން ހާމަކޮށްފައިވާ ގޮތުގައި މި އެއްބަސްވުންތަކުގައި، ގޯލްޑްމޭން ބޭނުންނަމަ އެ މީހުން ފޭސްބުކްގައި ކުރި އިންވެސްޓްމަންޓްގެ ތެރެއިން 75 މިލިއަން ޑޮލަރުގެ ޙިއްސާ ޑިޖިޓަލް ސްކައި އަށް ވިއްކައިލުމުގެ ފުރުސަތު ވެސް ލިބެ އެވެ.


މި މުޢާމަލާތްތަކާއި ގުޅިގެން ސެކިއުރިޓީ އެކްސްޗޭންޖް ކޮމިޝަނުން އަދި ވަކި އެއްޗެއް ބުނެފައި ނުވާއިރު އެ ކޮމިޝަނުން މިފަދަ އެއްބަސްވުމަކަށް ފުރުސަތު ނުދީފާނެ ކަމުގެ ވާހަކަތަކެއްވެސް ވަނީ ފެންމަތިވެފައެވެ.


ފޭސްބުކުން ވެސް މި ފައިސާތަކަށް ހަދާނެ ވަކި ގޮތެއް ހާމަކޮށްފައެއް ނުވެއެވެ. ދިރާސާކުރާ ފަރާތްތަކުން ލަފާކުރާގޮތުގައި މިފަހަރުގެ ފަންޑުން މުވައްޒަފުން ގެ މުސާރައާއި މިހާރު އިންވެސްޓްކޮށްފައި ތިބި ފަރާތްތަކަށް ބަހާ ފައިދާވެސް ބޮޑުކޮށްފާނެ އެވެ. މާކެޓުގައި ހަރަކާތްތެރިވަމުން އަންނަ ގާބިލު މުވައްޒަފުން ފޭސްބުކާއި ދިމާއަށް އަނބުރައިލުމަށް ވެސް މި ފައިސާގެ ބޭނުން ކޮށްފާނެއެވެ. ވަކި އެއްޗެއް ކަނޑައަޅައި ބުނަން ނޭނގުނު ނަމަވެސް ޔަޤީންވާ އެއްކަމަކީ މި ދެކަންތައް ކުރުމުގެ މާލީ  ގާބިލުކަން މިހާރު ފޭސްބުކްގައި އެބަހުރިކަމެވެ.