29 Mar 2010, 10:03
10:00
ޑިމޮކްރަސީގެ އުސޫލްތައް ފުނޑުފުނޑުކޮށް، ރައްޔިތުގެ މައްޗަށް ގަދަބާރުން ވެރިކަން ހިންގާ އަދުގެ ސަރުކާރުގެ ވާހަކަތައް ޑޯނަރ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނަވާ ބޭރުގެ ފަރާތްތަކަށް ދަންނަވާފައިވާނެ ކަމަށް ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކަންތައްތައް ހަމަ މަގަށް އެޅުވުމަށްޓަކާ ސިލްސިލާކޮށް ޑީއާރުޕީން ބާއްވާ އެއްވުމުގައި، ރޭ އާޓްފިޝަން ބީޗްގައި އޮތް އެ އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ތަސްމީން ވިދާޅުވީ ދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮތް އިރު ރާއްޖެއަށް ލިބެމުންދިޔަ އެހީތައް ހުއްޓުވުމަށްޓަކާ އެ ޕާޓީން މަސައްކަތް ކުރި އުސޫލުން، ރައްޔިތުގެ ހާލުގައި ޖެއްސުމުގެ ނިޔަތުގައި ޑީއާރުޕީން މަސައްކަތް ނުކުރާނެ ކަމަށެވެ. އަދި އެ ފަދަ އެހީއާއި މަދަދަށް އަބަދުވެސް ޑީއާރުޕީން މަރުހަބާ ކިޔާނެ ކަމަށް ތަސްމީން ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ އިދިކޮޅު އެންމެ ބޮޑު ޕާޓީގެ އިސްވެރިއެއްގެ ހައިސިއްޔަތުން "މޯލްޑިވްސް ޑޯނަރ ކޮންފަރެންސް 2010" ގައި ބައިވެރި ފަރާތްތަކަށް މިއަދު ގައުމުގެ ހާލަތު ގޮސްފައިވާ މިންވަރު ބަޔާންކޮށް ސީޓީއަކުން ދަންނަވާފައިވާނެ ކަމަށެވެ. އެ ގޮތުން އުސޫލީ ހަމަތަކަށް ތަބާވުނެއްނެތި ގަދަބާރުން އަދުގެ ސަރުކާރުން ކަންތައްތައް ނިންމަން މަސައްކަތްކުރާ ކަމަށާއި ދެފުށް ފެންނަ އުސޫލެއް ނެތި ގައުމުގެ ހަރުމުދާތައް ވަކި ބައެއްގެ އަތް މައްޗަށް ދޫކުރަމުންދާ ކަމަށް އެ ސީޓީތަކުގައި ބަޔާންކޮށްފައިވާނެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
ތަސްމީން އިތުރަށް ވިދާޅުވީ ރައްޔިތުންގެ ބޭނުންވާ ގޮތް ކަމަށް ބުނެ، ގަދަބާރުން ރައްޔިތުގެ މަޖިލީސް ހިސޯރަކޮށް ޑިމޮކުރަސީގެ އުސޫތައް ރޫޅާލުމަށްޓަކާ ސަރުކާރުން ކުރައްވަމުން ގެންދަވާ ކަންތައްތަކުގެ ވާހަކަ ޑޯނަރ ކޮންފަރެންގެ ބޭފުޅުންނާ ސިޓީއަކުން ހިއްސާކޮށްފައިވާނެ ކަމަށެވެ.
ޑޯނާސް ކޮންފަރެންސަށް ޑީއާރްޕީގެ ސަޕޯޓަރުން ހުރަސްއަޅައި، ނާކާމިޔާބުކޮށްލުމަށް މަސައްކަތްކޮށްފައިވާ ކަމަށް އިއްޔެ އެ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ތުހުމަތުކުރައްވާފަ އެވެ.
ރޭގެ އެއްވުމުގައި ވާހަކަ ދެއްކެވި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް އިސްލާމް ދީނުގެ ހަމަތަކާއި އުސޫލުތައް ރަނގަޅަށް އެނގިވަޑައިނުގެންނަވާ ކަމަށް ބުނެ، އެކަމުގެ އަސްލަކީ ވަކި ބައެއްގެ ނުފޫޒުން ލާދީނީ ފިކުރުތައް ގައުމުގައި އަށަގެންނެވުމަށް މަސައްކަތް ކުރައްވަން ފެއްޓެވުން ކަމަށް ތުހުމަތުކުރައްވައިފަ އެވެ.
ދީނުގެ ހުކުމްތަކަށް ތަބާވުމެއް ނެތި ރައީސް ނަޝީދުގެ ރޭޑިއޯ ހިތާބުގައި ވިދާޅުވި އެއްޗަކަށް އަދާލަތު ޕާޓީން ރައްދުދިނުން އެއީ ސަރުކާރުން ޒިންމާދާރު ކުރެވޭނެ އުސޫލެއް ނޫން ކަމަށާއި ސަރުކާރު ހަމަ މަގަށް އެޅުވޭނީ އަދާލަތު ޕާޓީ ޑީއާރުޕީގެ ނޫ އިންގިލާބަށް ގުޅިގެން ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ވިދާޅުވި އެވެ.