15 Jun 2014, 06:18
މެޗުގެ ފަހު ހާފުގައި މާރިއޯ ބަލޮޓެލީ ޖަހައިދިން ލަނޑާއެކު 2-1 އިން އިންގްލެންޑް ބަލިކޮށް އިޓަލީ އެޓީމުގެ ފެށުން ރަނގަޅުކޮށްފި އެވެ.
ބްރެޒިލްގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގެ ފުރަތަމަ ހާފު ނިމުނުއިރު ދެޓީމު ވަނީ 1-1 އިން އެއްވަރު ވެފައެވެ. އިޓަލީ މޮޅުވި ލަނޑު ބަލޮޓެލީ ކާމިޔާބުކޮށް ދިނީ މެޗުގެ 50 ވަނަ މިނިޓްގައި އިންގްލެންޑް ގޯލް ކުރިމައްޗަށް އެންޓޯނިއޯ ކަންޑްރެވާ ހުރަސްކޮށްލި ބޯޅަ ބޮލުން ޖަހައި ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.
ބްރެޒިލްގެ އެންމެ ހިތްގައިމު އެއް ސިޓީ ކަމަށްވާ، މަނާއުސްގެ އެމެޒޯނިއަން ސިޓީގައި ކުޅުނު ފޯރިގަދަ މެޗުގައި ފުރަތަމަ ފަހަރަށް ކުރި ހޯދީ ވެސް އިޓަލީ އެވެ. އިޓަލީއަށް އިނގިރޭސީންގެ ގޯލް ހުޅުވާލަދިނީ، މެޗުގެ 35 ވަނަ މިނިޓްގައި ދުރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލްތެރެއަށް ވައްދާލައިގެން މިޑްފީލްޑަރު ކްލައުޑިއޯ މާކީސިއޯއެވެ.
އިޓަލީން ލީޑުނެގިތާ ކުޑައިރު ކޮޅެއްގެ ތެރޭގައި އިންގްލެންޑުން ވަނީ، މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ، ވޭން ރޫނީ ނަގައިދިން ރީތި ހުރަހެއް ގޯލްތެރެއަށް ފޮނުވާލައިގެން 37 ވަނަ މިނިޓްގައި ޑެނީލް ސްޓްރިޖް އެވެ.
މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ވެސް ބަލޮޓެލީ ވަނީ، އިންގްލެންޑް ގޯލަށް ނުރައްކާތެރި ހަމަލާއެއް އުފައްދައިފައެވެ. އިނގިރޭސި ޕެނަލްޓީ އޭރިޔާތެރެއަށް ވަދެ "ޗިޕެއް"ޖަހައި ބަލޮޓެލި ފޮނުވާލި ބޯޅަ ކީޕަރު ޖޯ ހާޓްގެ އަތްމަތިން ދިޔަވަގުތު ގޯލްތެރެއަށް ވަނަ ނުދީ ސަލާމަތްކޮށްދިނީ، ފިލް ޖަގީލްކާ އެވެ.
އެޓޭކިން ގޭމެއް ކުޅެމުން އައި އިންގްލެންޑުން އިޓަލީ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދިއެވެ. އެހެން ނަމަވެސް މެޗު ނިމިގެން ދިޔައީ، ދެވަނަ ބުރަށް ދަތުރުކުރުމަށް އިޓަލީއަށް މަގު ފަހިވެގެން ދިޔައިރު، އިންގްލެންޑަށް މަސައްކަތް އިތުރަށް ބުރަވެގެންނެވެ.
އިޓަލީން އިންގްލެންޑާ ދެކޮޅަށް ނުކުތީ އެޓީމުގެ އަނިޔާގައި ހުރި ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮންއާ ނުލައެވެ. އުމުރުން 36 އަހަރުގެ ގޯލްކީޕަރަށް ހަތަރު ވަނަ ފަހަރަށް ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު ލިބޭނީ އޭނާގެ ފައިގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާ ރަނގަޅު ވެއްޖެ ނަމައެވެ.
މިއީ އިންގްލެންޑާއި އިޓަލީ ވޯލްޑް ކަަޕްގައި ކުރިމަތިލި ދެވަނަ ފަހަރެވެ. މީގެ ކުރިން މި ދެޓީމުގެ ކުރިމަތިލުމެއް ފެނިގެން ގޮސްފައި ވަނީ، 1990 ވަނަ އަހަރުގެ ވޯލްޑް ކަޕްގައެވެ. އެ ފަހަރު ވެސް އިންގްލެންޑް މައްޗަށް އިޓަލީ ކުރި ހޯދީ 2-1ގެ ނަތީޖާއަކުންނެވެ.