ވޯލްޑް ކަޕްގައި މިރޭ ކުޅުނު ޔުރުގުއާއީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ކުރި ހޯދާފައި ވަނިކޮށް ފަހަތުން އަރައި ތިން ލަނޑު ޖަހައި އެ ޓީމު ބަލިކޮށް ކޮސްޓާރިކާއިން ޔުރުގުއާ ސިއްސުވާލައިފި އެވެ.

އަނިޔާގެ ސަބަބުން ޔުރުގުއާއީގެ މަޝްހޫރު ފޯވާޑް ލުއިސް ސުއަރޭޒް ބެންޗުގައި ބަހައްޓައިގެން އެ ޓީމުން ފެށި މެޗުގައި އެޓީމުން ކުރި ހޯދީ 24 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން އެޑިސަން ކަވާނީ އެވެ.

ނަމަވެސް ކޮސްޓާރިކާއިން އިތުރު ހިތްވަރެއް ނެރެ ފެށި މަސައްކަތުގެ ނަތީޖާއަކަށް ވީ، މެޗުގެ 54 ވަނަ މިނިޓްގައި އެ ޓީމުގެ ސެލްސޯ ބޯޖަސް ބޮލުން ޖަހައި ޔުރުގުއާއީގެ ޕެނަލްޓީ އޭރިޔާ ކުރިމަތީގައި ހުރި ފޯވާޑް ޖޮއެލް ކެމްބެލްއަށް ލިބުނު ބޯޅަ ޔުރުގުއާއީ ކީޕަރު ފެނާންޑޯ މުސްލޭރާ ކައިރިން ނައްޓާލާފައި ގޯލް ތެރެއަށް ބޯޅަ ފޮނުވާލައިގެން ނަތީޖާ ހަމަހަމަ ކުރުމެވެ.

ގިނަ ބަޔަކު ހީކުރި ގޮތާ ހިލާފަށް، ދެކުނު އެމެރިކާގެ ފުޓްބޯޅައިގެ ގަދަ ބާރެއް ކަމަށްވާ ޔުރުގުއާއީގެ މައްޗަށް ކޮސްޓާރިކާއިން ކުރި ހޯދި ލަނޑު މެޗުގެ 57 ވަނަ މިނިޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ، އޮސްކާ ޑުއާޓޭ އެވެ. އަދި ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މާކޯސް ޔުރޭނާ ވަނީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައި ވަނިކޮށް ހަނި އެންގަލަކުން ބޯޅަ ފޮނުވާލައިގެން އެ ޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ.

މެޗުގެ ވަކި ހިސާބަކުން ސުއަރޭޒް ވޯމްއަޕްކުރަމުން ދިޔަ މަންޒަރު ފެނުނު ނަމަވެސް، މެޗު ނިމިގެން ދިޔައިރު ވެސް އޭނާ އިނީ ބެންޗުގަ އެވެ.

ބްރެޒިލްގެ ފޯޓްލޭޒާގައި މިރޭ ކުޅުނު މެޗުގެ ފަހުހާފުގެ އިތުރު ވަގުތުގައި ޔުރުގުއާއީގެ ކޯޗު އޮސްކާ ތަބަރޭޒަށް އިތުރު ހިތްދަތި ކަމެއް ގެނުވީ، ކޮސްޓާރިކާގެ ފޯވާޑް ކެމްބެލްއަށް ނުރައްކާތެރި ފައުލެއް ކުރުމާ ގުޅިގެން ޔުރުގުއާއީގެ ޑިފެންޑަރު މެކްސީ ޕެރެއިރާއަށް ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލުމެވެ. މިއީ މި ފަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ދެއްކި ފުރަތަމަ ރަތް ކާޑެވެ.