ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީ ގެ ފުރަތަމަ މެޗުގައި ގްރީސް އަތުން 3-0 ލަނޑުން ފަސޭހަ ކަމާއެކު ކޮލަމްބިއާ މޮޅުވެ، ގްރޫޕްގެ ފުރަތަމަ ތިން ޕޮއިންޓު ކަށަވަރުކޮށް، މުބާރާތުގެ ފެށުން ކޮލަމްބިއާއިން ރަނގަޅު ކޮށްފި އެވެ.

ރާއްޖެ ގަޑިން މިރޭ 9:00ގައި ބްރެޒިލްގެ އެސްޓާޑިއޯ މެނޭރާއޯ ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗުގެ ފުރަތަމަ ލަނޑު ފަސް ވަނަ މިނެޓުގައި ޖަހާ މެޗުގެ ލީޑް ނެގީ ކޮލަމްބިއާއިންނެވެ. އެލަނޑު ކޮލަމްބިއާއަށް ކާމިޔާބު ކޮށްދިނީ އުމުރުން 27 އަހަރުގެ ޑިފެންޑަރު އާމޭރޯ އެވެ. އާމޭރޯއަށް ލަނޑު ޖަހާދިނުމުގައި އެހީތެރިވެދިނި ކްޑްރާޑޯއެވެ. އެގޮތުން ކްޑްރާޑޯ ގްރީސްގެ ޕެނަލްޓީ އޭރިއާ ބޭރުން ތަނަވަސް ކޮށްދިން ބޯޅަ ޕަބްލޯ އަމޭރޯ ގޯލްތެރެއަށް ފޮނުވާލީ ވަރަށް ހަމަޖެހިލައި ހުރެ، ގޯލް ތިރީ ކަނަށެވެ.

މެޗުގެ ކުރީ ކޮޅު ކޮލަމްބިއާއިން ލަނޑު ޖަހާ ލީޑް ނެގި ކަމުގަިއ ވިޔަސް، ގްރީސް އަށް ވެސް ނަތީޖާ ހަމަހަމަ ކުރުމަށް ފުރަތަމަ ހާފުގައި ގިނަ ފުރުސަތުތަކެއް ލިބުނު ކަން ފާހަގަ ކޮސްލެވުނެވެ. އެގޮތުން ގްރީސްޓީމުގެ ފޯވާޑުން ކޮލަމްބިއާ ގޯލަށް އަމާޒްކޮށް ފޮނުވާލި ދެ ބޯޅަ ވެސް ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.


މިރޭގެ މެޗުގައި ކޮލަމްބިއާއަށް ލީޑް ފުޅާކޮށްދިން ލަނޑު މެޗުގެ 58 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އުމުރުން 29 އަހަރުގެ ފޯވާޑް ގުޓިއެރޭޒް އެވެ. އޭނާ އެލަނޑު ގްރީސް ކޮޅަށް ޖެހީ ރޮޑްރިގުއޭޒް ނަގައިދިން ކޯނަރަކުން އެޓީމުގެ އަގުއިލާ ގައިގައި ޖެހިފައި އައި ބޯޅަ ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.

މެޗުގެ ދެ ވަނަ ހާފުގެ ކުރީ ކޮޅު ކޮލަމްބިއާއިން އެޓީމުގެ ދެ ވަނަ ލަނޑު ޖެހިތާ މާގިނައިރެއް ނުވަނީސް، އިދިކޮޅު ގްރީސްގެ ޓީމުން ކުޅުން ރަނގަޅު ކުރިކަން ފާހަގަ ކުރެވުނެވެ. އެގޮތުން ކޮަލްމިއާގެ ގޯލަށް ގްރީސްއިން ނުރައްކާ ކުރަން ފެސިއެވެ. އޭނަގެ ނަތީޖާއެއްގެ ގޮތުން މުޅިމެޗުގައި ވެސް ގްރީސްއަށް ލަނޑު ޖަހަން ލިބުނު ފުރުސަތުގައި އެޓީމްގެ ނަސީބް ނެތް ކަންވެސް ފާހަގަ ކުރެވުނެވެ. ގްރީސްއަށް މުޅިމެޗުގަިއ ވެސް ލަނޑު ޖަހަން ލިބުނު އެންމެ ބޮޑު ފުރުސަތު ލިބުނީ އެޓީމުގެ ގެކަސް އަށެވެ. ނަމަވެސް ކޮލަމްބިއާ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެ ގެކަސް ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ރުރަސް ދަނޑި އަށެވެ.

މިރޭގެ މެޗުގައި ކޮލަމްބިއާގެ ތިން ވަނަ ލަނޑު 90 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ 22 އަހަރުގެ މިޑްފީލްޑަރު ޖޭމްސް ރޮޑްރިގުއޭޒް އެވެ.

ގްރޫޕް ސީ ގައި ކޮލަމްބިއާ ކުލޭ ދެ ވަނަ މެޗުގައި މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 9:00ގައި ނުކުންނާނީ އައިވަރީކޯސްޓާ ދެކޮޅަށެވެ.