ކޭބަލް ޓީވީގެ ހިދުމަތް ދެމުންދާ މީޑިއާ ނެޓް މެދުވެރިކޮށް، ރާއްޖޭގެ ޗެނަލްއެއް ކަމަށްވާ، "އައިސް ޓީވީ" އިން "ސޮނީ ސިކްސް"ގެ ފީޑު ނަގައިގެން ރީބްރޯޑް ކާސްޓް ކުރަމުން ދިޔަ ވޯލްޑް ކަޕް މެޗުތައް ދެއްކުން އެ އައިސް ޓީވީ އިން ހުއްޓާލައިފި އެވެ.

މީޑިއާ ނެޓްގެ ޗެނަލް ނަމްބަރު 100 އަކީ އައިސް ޓީވީ އަށް މީޑިއާ ނެޓުން ދޫކޮށްފައިވާ ނަމްބަރެވެ. ބުރާސްފަތި ދުވަހުގެ ރޭ ފެށި ވޯލްޑް ކަޕުގެ މެޗުތައް ރެއާ ހަމަޔަށް އެ ޗެނަލުން ދައްކަމުން ދިޔައީ އިންޑިއާގެ ކުޅިވަރު ޗެނަލެއް ކަމަށްވާ "ސޮނީ ސިކްސް"ގެ ފީޑުންނެވެ. އެ ޗެނަލުގެ ރީބްރޯޑްކާސްޓް ކުރި އިރު، އައިސް ޓީވީގެ ލޯގޯ ވެސް ވެސް ސްކްރީންގެ ވައަތް ފަރާތު ތިރިއަށް ދިޔައީ އަރުވަމުންނެވެ. އަދި މީޑިއާ ނެޓުގެ އިސްތިހާރު ވެސް އެ ޗެނަލުން ދިޔައީ ދައްކަމުންނެވެ.

ނަމަވެސް އައިސް ޓީވީން މިހާރު ވަނީ ވޯލްޑްކަޕް ދެއްކުން ހުއްޓާލާފަ އެވެ. މީޑިއާ ނެޓުގެ 100 ނަމްބަރު ޗެނަލުން އައިސް ޓީވީގެ ލޯގޯ އާ ނުލައި މިހާރު ހަމައެކަނި ދައްކަނީ ސޮނީ ސިކްސް އެވެ. އަދި އެ ޗެނެލުން އަންނަނީ ވޯލްޑް ކަަޕްގެ މެޗުތައް ދައްކަމުންނެވެ.

އައިސް ޓީވީ އިން ވޯލްޑް ކަޕްގެ މެޗުތައް ދެއްކުން ހުއްޓާލި އިރު، މީޑިއާ ނެޓްގެ ކޮންމެ ކަސްޓަމަރުންގެ އަތުން ވޯލްޑް ކަޕްގެ މެޗުތައް ބެލުމަށް 100 ރުފިޔާ ދެއްކުމަށް އެންގި އެވެ. އަދި ގިނަ ބަޔަކު ވަނީ އެ އިޝްތިރާކު ދައްކައިފަ އެވެ.

މީޑިއާ ނެޓްގެ ޕާޓްނަރު އަހުމަދު ޝަފީއު މިރޭ ސަން އަށް ވިދާޅުވީ ސޮނީ ސިކްސް މެދުވެރިކޮށް ވޯލްޑް ކަޕްގެ މެޗުތައް ދައްކަމުން ދާނެ ކަމަށާއި ސޮނީ ސިކް އިން މެޗުތައް ދެއްކުމަށް ރައިޓްސް ނަގާފައިވާ ކަމަށެވެ.

އައިސް ޓީވީ އިން މެޗުތައް ދެކުމަށް ނެގި އިޝްތިރާކަށް ހަދަނީ ކިހިނެއްތޯ ދެންނެވުމުން އެ ސުވާލަކަށް އޭނާ ޖަވާބެއް ނުދެއްވި އެވެ.

އައިސް ޓީވީން ވޯލްޑްކަޕް ދެއްކުން ހުއްޓާލީ ވޯލްޑް ކަޕް މެޗުތައް ދެއްކުމުގެ ހުއްދަ ޓީވީއެމް އާއި ވީޓީވީ ފިޔަވައި އެހެން ޗެނެލްއަކަށް ނުދޭ ކަމަށް، އިންޑިއާގެ ސެވަން ތްރީ ސްޕޯޓްސް އިން ބުނި ހަބަރު "ސަން"ގައި ޝާއިރު ކުރި ފަހުންނެވެ.

ސެވަން ތްރީ ސްޕޯޓްސްގެ ފަރާތުން ސަން އަށް މިއަދު ދިން އިންޓަވިއުއެއްގައި އެ ކުންފުނީގެ ނެގޯޝިއޭޓަރު، އަބީޝޭކް ޝަކުލާނީ ވިދާޅުވީ ރާއްޖޭގައި ވޯލްޑް ކަޕް ދެއްކުމުގެ ރައިޓްސް ދޫކުރާނީ އެ ކުންފުނިން ކަމަށާއި ރާއްޖޭގައި ވޯލްޑްކަޕްގެ ދެއްކުމުގެ ހުއްދަ ހަމައެކަނި އަދި ދީފައި ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ ޓީވީއެމް އާއި ވީޓީވީ އަށް އެކަނި ކަމަށެވެ.

އޭނާ ވިދާޅުވީ އެ ދެ ފަރާތް ނޫން ފަރާތަކުން ރާއްޖޭގައި ވޯލްޑް ކަޕްގެ މެޗުތައް ބްރޯޑްކާސްޓް ކުރާ ނަމަ ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.