14 Jun 2014, 23:32
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި އިންޑިއާގެ ސިފައިން ގުޅިގެން ރާއްޖޭގެ ތިން ރަށެއްގައި ޚާއްޞަ ބަލިތަކަށް ފަރުވާދިނުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.
މިއަދުން ފެށިގެން މިމަހުގެ 21 އަށް ހިންގާ އެ ޕްރޮގްރާމް ކުރިއަށް ގެންދާނީ ކ. ތުލުސްދޫ، އދ. މަހިބަދޫ އަދި ވ. ފެލިދޫގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެޕްރޮގްރާމްގައި މީހުންނަށް ފަރުވާ ދެއްވަނީ އިންޑިއާގެ ސިފައިންގެ ހަތަރު ސްޕެޝަލިސްޓް ޑޮކްޓަރުންނާއި އެމްއެންޑީއެފް "ސެނަހިޔަ ހޮސްޕިޓަލް"ގައި މަސައްކަތްކުރައްވާ ޑޮކްޓަރެކެވެ. އޭގެ ގެތެރޭގައި ކުޑަކުދިންގެ ޑޮކްޓަރަކާއި ދަތުގެ ޑޮކްޓަރަކާއި އެތެރެހަށީގެ ޑޮކްޓަރަކާއި އޮޕަރޭޝަން ޑޮކްޓަރެއްގެ އިތުރުން ހަމުގެ ޑޮކްޓަރެއް ހިމެނެއެވެ.
ޕްރޮގްރާމު ފެށުމުގެ ގޮތުން މިއަދު މާލެ އަތޮޅު ތުލުސްދޫގައި ވަނީ 131 ބަލި މީހަކު ބަލައި ފަރުވާދީފައެވެ. ފަރުވާދިން ބަލި މީހުންގެ ތެރޭގައި ހަމުގެ ބަލިތަކުގެ 40 މީހަކާއި، ކުޑަކުދިންގެ ބަލިތަކުގެ 40 ކުޑަކުއްޖަކާއި އޮަޕަރޭޝަން ބަލިތަކުގެ 6 މީހަކާއި ދަތުގެ ބަލީގެ 17 މީހެއްގެ އިތުރުން އެތެރެހަށީގެ 28 ބަލި މީހަކު ހިމެނެއެވެ.
ޕްރޮގްރާމްގެ މަގުސަދަކީ ހާއްސަ ބަލިތަކުގެ ޑޮކްޓަރުންގެ ޓީމަކުން ލުއި ފަސޭހަކަމާ އެކު ސިއްހީ ފަރުވާ ފޯރުކޮށްދީ، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގުފަހިކޮށްދިނުމާއި ކުއްލި ހާލަތުގައި ފޯރުކޮށްދޭން ޖެހޭ މެޑިކަލް އިވެކްއޭޝަންތައް މަދުކުރުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.