14 Jun 2014, 22:38
ރާއްޖޭގެ އިގުތިސާދު މިދިޔަ އަހަރަށް ވުރެ މި އަހަރު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށާއި އެކަން ވާނެ ކަމަށް ބެލެވެނީ ޓޫރިސްޓުން އަންނަ މިންވަރު އިތުރުވެގެން ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.
ވޯލްޑްބޭންކުން މިދިޔަ އަންގާރަ ދުވަހު ނެރެފައިވާ ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް ރިޕޯޓްގައި ބުނެފައި ވަނީ ރާއްޖޭގެ އިގުތިސާދީ ކުރިއެރުން މިދިޔަ އަހަރު ހުރީ 3.7 ޕަސެންޓްގައި ކަމަށް ވިޔަސް މި އަހަރު އެނިސްބަތް 4.5 ޕަސެންޓަށް މަތިވާނެ ކަމަށް ބެލެވޭ ކަމަށެވެ.
ރިޕޯޓްގައި އަދި ބުނެފައި ވަނީ ޔޫރަޕްގެ ޓޫރިސްޓުން ރާއްޖެ އައުމުގެ ސަބަބުން ލިބޭ އާމްދަނީ އަނެއްކާ ވެސް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
".. ޔޫރަޕުން ރާއްޖެ އަށް ޓޫރިސްޓުން އައުމުން ލިބޭ އާމްދަނީ އަނެއްކާ ވެސް އިތުރުވާނެ ކަމަށް ބެލެވެ އެވެ. އެހެންވެ، ރާއްޖޭގެ އިގުތިސާދީ ކުރި އަރާ މިންވަރު އަހަރަކު ހަތަރު ޕަސެންޓްގައި ދެމެހެއްޓޭނެ ކަމަށް ދެކެމެވެ. އެއީ ދެމެހެއްޓެނިވި މިންވަރެކެވެ،" ވޯލްޑް ބޭންކްގެ ރިޕޯޓްގައިވެ އެވެ.
އަދި ބުނެފައި ވަނީ ރާއްޖެ އަށް އެތެރެކުރާ މުދަލާއި ރާއްޖޭން ބޭރުކުރާ މުދަލުގެ މިންވަރުގައި ހުރި ތަފާތު މި އަހަރު ކުޑަވާނެ ކަމަށް ރިޕޯޓްގައިވާ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ވޯލްޑް ބޭންކުގެ ޓީމެއް ދާދި ފަހުން ވަނީ ރާއްޖެއައިސް ސަރުކާރުގެ ބައެއް އިދާރާތަކަށް ޒިޔާރަތްކޮށް، ދިރާސާތައްކޮށްފަ އެވެ.