ކާބުލް (ޖޫން 14) : އަފްޣާން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުން މިއަދު ބާއްވާފައިވާ އިރު މިއިންތިޚާބުގައި ވޯޓުއޮޅުވާލުމުގެ ކަންތައް ފުޅާދާއިރާއެއްގައި ހިނގާފައިވާ ކަމަށް މިއިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ކޭންޕޭންގެ ކޮންމެ ފަރާތަކުން ވެސް އަނެއް ފަރާތަށް ތުހުމަތުކޮށްފި އެވެ.

އަފްޣާން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެކެންޑިޑޭޓުންނަކީ ފުރަތަމަ ބުރުގައި އެންމެ އެންމެ ގިނަވޯޓު ލިބުނު ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ އަބްދުﷲ އާއި އިގްތިސާދީ ތަޖްރިބާކާރެއް ކަމަށްވާ އަޝްރަފް އަބްދުލްޣަނީ އެވެ. ފުރަތަމަ ބުރުން އަބްދުﷲ އަބްދުﷲ އަށް 45 އިންސައްތަ ވޯޓު ލިބިފައިވާ އިރު އަޝަރަފް ޢަބްދުލްޣަނީ އަށް 31.6 އިންސައްތަ ވޯޓު ލިބިފައިވެ އެވެ. ޢަބްދުﷲގެ ކޭންޕޭން އޮފީހުން އިއްޔެ ބުނެފައި ވަނީ އަފްޣާނިސްތާނުގެ ޕޮޝްތޫ ގަބީލާތައް ދިރިއުޅޭ ރަށްފުށުގެ ސަރަހައްދުގައި ބަހައްޓާފައިވާ ވޯޓުފޮށިތަކަށް އޮޅުވާލައިގެން އެތައް ހާސްވޯޓެއް އަޅާފައިވާ ކަމަށާ އެސަރަހައްދުތަކުގައި ވޯޓުލުން ކުރިޔަށް ގޮސްފައިވަނީ އިންތިޚާބާ ބެހޭ އުސޫލުތަކާ މުޅިން ޚިލާފަށް ކަމުގަ އެވެ.
އަޝްރަފް ޣަނީގެ ކޭންޕޭންގެ ފަރާތުން ވެސް ވަނީ އަބްދުﷲ އަބްދުﷲ އަށް ތާއީދުކުރާ ރައްފުށުގެ ސަރަހައްދުތަކުގައި މިގޮތަށް ކަންތައްތައް ހިނގާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް އަފްޣާން އިންތިޚާބާ ބެހޭ ކޮމިޝަނުން ބުނެފައި ވަނީ އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާނެ ކަމަށް ގަބޫލުކުރެވޭ ވަރުގެ މައްސަލައެއް ހިނގާފައިވާކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމުގަ އެވެ. ރިޕޯޓްތައް ބުނާގޮތުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ގިނަ ކެންޑިޑޭޓުންތަކަކަށް ވިއްސިވިހާލިވެގެން ދިޔަ ޕޮޝްތޫ ދަރިކޮޅުގެ ވޯޓުތައް މިފަހަރުގެ އިންތިޚާބުގައި ޣަނީ އަށް ލިބިވަޑައިގަންނަވާނެ އެވެ.
އަފްޣާނިސްތާނުގައި އަޣްލަބިއްޔަތު އޮންނަނީ ޕޮޝްތޫ ދަރިކޮޅުގެ މީހުންނަށް ކަމަށް ވާތީ ޕޮޝްތޫ ދަރިކޮޅުގެ މީހުންގެ ވޯޓުތަކާ އެކު އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރްސަތު އެންމެ ބޮޑީ ޣަނީއަށް ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އަބްދުﷲ އަބްދުﷲ އަކީ އަފްޣާނިސްތާނުގެ ބައިމަދު ދަރިކޮޅެއް ކަމަށްވާ ތަޖިކް ދަރިކޮޅުގެ ބޭފުޅެކެވެ. ނަމަވެސް އޭނާ ނިސްބަތްވެވަޑައިގަންނަވާ އަފްޣާނިސްތާނުގެ އުތުރު ސަރަހައްދުތަކުގައި ދިރިއުޅޭ ތަޖިކް ނޫން ގަބީލާތަކުގެ މީހުންގެ ތާއީދު ވެސް އަބްދުﷲ އަށް އޮތުމުން ދެވަނަ ބުރުގައި އަބްދުﷲ އަށް ވެސް ލިބިވަޑައިގަންނަވާ ވޯޓުތައް ވެސް ފުރަތަމަ ބުރަށް ވުރެ ގިނަވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ނަމަވެސް ގިނަ ފަރާތްތަކުން ބުރަވާގޮތުގައި އިންތިޚާބު ކާމިޔާބު ކުރައްވާނީ އަޝްރަފް ޣަނީ އެވެ.

އަފްޣާނިސްތާނުގެ ހަނގުރާމަވެރި އެންމެ ބޮޑު ޖަމާއަތް ކަމަށްވާ ތާލިބާނުންވަނީ ފުރަތަމަ ބުރުގައި ވެސް އިންތިޚާބު ނާކާމިޔާބު ކޮށްލުމަށް މަސައްކަތް ކުރިގޮތަށް މިފަހަރު ވެސް އެމަސައްކަތް ފެށިކަން އިޢްލާންކޮށްފަ އެވެ. ނަމަވެސް އިންތިޚާބު ހުއްޓުވާލެވޭހާ ބާރު މިހާރު ތާލިބާނުންގެ އަތުގައި ނެތް ކަމަށް މުރާސިލުން ބުނެ އެވެ. ތާލިބާނުން ބުނާ ގޮތުން އަފްޣާން ރިޔާސީ އިންތިޚާބަކީ އެމެރިކާގެ އިސްތިއުމާރީ ވެރިކަމުގައި އުފައްދާފައިވާ ހުޅަނގުގެ ލާދީނީ ފިކުރުގެ ވެރިކަމުގެ ނިޒާމް އަފްޣާން ރައްޔިތުންގެ އެއްޗެއްގެ ގޮތުގައި ހެދުމުގެ ގޮތުން ނަގާ ވޯޓެއް ކަމަށް ސިފަކޮށްފަ އެވެ. މިގޮތުން އަފްޣާނިސްތާނުގައި އެމެރިކާ އުފައްދާފައިވާ ހާމިދު ކަރުޒާއިގެ ނިޒާމަކީ ގޮނޑިކޮށްކޮ ނިޒާމެއް ކަމަށް ތާލިބާނުން އަބަދުވެސް ގެންދަނީ ތުހުމަތު ކުރަމުންނެވެ.

އަފްޣާނިސްތާނުގައި މިއަދު ބޭއްވި ވޯޓުލުން މިއަދު ނިމިފައިވާ އިރު އިންތިޚާބުގެ ވަގުތީ ނަތީޖާ އިއްލާން ކުރުމަށް ހަފްތާއެއްހާ ދުވަސް ބޭނުންވާނެ ކަމަށް އެގައުމުގެ އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން ބުނެ އެވެ. (ނޫސްއެޖެންސީތައް)