ކިޔެވް (ޖޫން 14) : ޔުކްރޭންގައި ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތްތަކުންދިން ޙަމަލާއެއްގައި އެގައުމުގެ ސިފައިންގެ އަސްކަރީ މަތިންދާ ބޯޓެއް ވެއްޓި އެއިން ދަތުރުކުރި 49 މީހުން މަރުވެއްޖެ އެވެ.

ޔުކްރޭންގެ ސަރުކާރުން ބުނީ ހަނގުރާމަވެރިން ވައްޓާލާފައި ވަނީ އެގައުމުގެ ސިފައިންނާއި އަސްކަރީ ސާމާނު އުފުލުމަށް ބޭނުންކުރާ ކާގޯ މަތިންދާބޯޓެއް ކަމަށާއި އެއީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރުގެ ޓެކްނޮލޮޖީގައި އުފައްދާފައިވާ "އެލްޔޫޝަން 76" މަރުކާގެ ބޯޓެއް ކަމުގަ އެވެ. ޔުކްރޭންގެ ދިފާޢީ ވުޒާރާ ބުނާ ގޮތުން އެބޯޓު ވައްޓާލާފައި ވަނީ ޔުކްރޭންގެ އިރުމަތީ ސިޓީއެއް ކަމަށްވާ ލޮހާންސްކްގެ ކައިރީ ހިސާބެއްގައިވާ އެއަޕޯޓަކަށް ތިރިކުރަން ދަނިކޮށް "ޓެރަރިސްޓުން" ދިން ރެކެޓް ހަމަލާއެއް އެރުމުގެ ސަބަބުންނެވެ.

މިބޯޓު ވެއްޓުމުގެ ސަބަބުން އެއިން ދަތުރުކުރި އެތައް ބަޔަކު މަރުވެފައިވާކަން ޔުކްރޭންގެ ދިފާޢީ ވުޒާރާއިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް މަރުވި މީހުންގެ އަދަދެއް ހާމައެއް ނުކުރެ އެވެ. ޔުކްރޭންގެ ސަރުކާރުން ގެންދަނީ އެގައުމުގެ އިރުމަތީ ސަރަހައްދުތަކުގައި ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ހިންގަމުންނެވެ. މިއޮޕަރޭޝަންގައި ޔުކްރޭންގެ ސިފައިންގެ އަތްދަށުން އިދިކޮޅު ހަނގުރާމަވެރިންގެ އެތައް ބަޔަކު ވެސް މަރުވެފައިވެ އެވެ.

ޔުކްރޭންގެ ދާޚިލީ ވަޒީރު ވަނީ ރަޝިޔާ އިން އިދިކޮޅު ހަނގުރާމަވެރިންނަށް ޒަމާނީ ހަތިޔާރު ފޯރުކޮށްދޭ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާން މޭރީ ހާފް ވެސްވަނީ އަސްކަރީ މަތިންދާ ބޯޓު ވައްޓާލުމަށް ބޭނުންކުރާ ރޮކެޓާއި ޓޭންކާއި އުންޑަނާރާ ބާވަތުގެ ޢަސްކަރީ ވެހިކަލްތައް ރަޝިޔާ އިން ޔުކްރޭންގެ ހަނގުރާމަވެރިންނަށް ފޯރުކޮށްދޭ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. ރަޝިޔާ އިން ވަނީ މިކަން ދޮގުކޮށްފަ އެވެ. (ރޮއިޓާސް )