މިދިޔަ މަހު ފަހުކޮޅު ޅ. ނައިފަރުން ގެއްލުނު އުމުރުން 72 އަހަރުގެ މީހާގެ ތަހުގީގަށް ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމު މިއަދު ވިދާޅުވީ އަންހެނަކާ ތިން ފިރިހެނަކު އެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ ކަމަށާއި އެއީ މުޅިންވެސް ނައިފަރު މީހުން ކަމަށެވެ. އެމީހުން ހައްޔަރު ކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ކަމަށް ޝިޔާމް ވިދާޅުވި އެވެ.


ނަމަވެސް އެ މައްސަލައިގެ ތަހުގީގު ކުރިއަށް ދާތީ އެކަމާ ގުޅޭ އިތުރު ތަފުސީލެއް އޭނާ ނުދެއްވި އެވެ.


މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އިރުއޮއްސުނު ވަގުތުގައި އެރަށުން ގެއްލިފައި ވަނީ އަލީ ހުސެންފުޅު 72، ހަވީރީ ހިޔާ އެވެ. އަލީ ހުސެންފުޅުގެ ފައިވާން ވަނީ އެ ރަށު އަތިރިމަތިން ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ފެނިފަ އެވެ. އެހެންނަމަވެސް ސިފައިން ނާއި ފުލުހުންނާއި ރަށުގެ ރައްޔިތުން ކުރި މަސައްކަތުން މިހާތަނަށް ހުސެންފުޅުގެ އިތުރު ނިޝާނެއް ފެނިފައި ނުވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދިނެވެ.


އަލީ ހުސައިންފުޅަކީ ނައިފަރުން މިގޮތަށް ގެއްލުނު ތިން ވަނަ މީހާ ކަމަށް ރަށު އޮފީހުން ބުންޏެވެ.


ނައިފަރު ކުޑަ ކަތީބު މުހައްމަދު ހުސައިން މިއަދު ވިދާޅުވީ 2003 ވަނަ އަހަރު ވެސް މީހަކު ގެއްލިފައިވާ ކަމަށާއި އަދި 2009 ވަނަ އަހަރު ވެސް މީހަކު ގެއްލިފައިވާ ކަމަށެވެ. އަދި އެ ތިން މީހުން ވެސް ގެއްލިފައި ވަނީ، އިރުއޮއްސެނިކޮށް އަތިރިމައްޗަށް ދަނިކޮށް ކަމަށާއި އެ ތިން މީހުންނަކީ ވެސް އުމުރުން ދޮށީ އުމުރުގެ މީހުންކަމަށެވެ.


ކުޑަ ކަތީބު ވިދާޅުވީ ގޮތުގައި މިދިޔަ އަހަރު ގެއްލުނީ އެ ރަށު ފިނިފެންމާގޭ އާދަމް ޔޫސުފު،80، ކަމަށާއި 2003 ވަނަ އަހަރު ގެއްލުނީ ވެސް 82 އަހަރުގެ މީހެއް ކަމަށެވެ. ނަމަވެސް އޭނާގެ ނަމެއް އޭނާ ވިދާޅެއް ނުވެ އެވެ.


ނައިފަރުން 2003 ވަނަ އަހަރު ގެއްލުނު މިހާ ފެނުނު ނަމަވެސް ދެން ގެއްލުނު ދެ މީހުން އަދި މިހާތަނަށް ފެނިފައި ނުވާކަމަށް ރަށު އޮފީހުންބުންޏެވެ. އަދި 2003 ވަނަ އަހަރު ގެއްލުނު މީހާ ފެނިފައި ވަނީ އެ ރަށު ކައިރީގައި އޮންނަ ދިއްފުށި މާދޫކިޔާ ފަޅުރަށެއްގެ އަތިރިމަތީގައި މަރުވެފައި އޮއްވައި ކަމަށް ރަށު އޮފީހުން ބުންޏެވެ.