14 Jun 2014, 22:13
ބެލެނިވެރިޔަކު ނެތި އާޓިފިޝަލް ބީޗު މޫދަށް އެރި އުޅެނިކޮށް ގެނބެމުން ދިޔަ ހަތަރު އަހަރުގެ ކުއްޖަކު ސަލާމަތްކޮށް ދިނުމުގައި އެހީތެރިވެ ދެއްވި ޕޮލިސް ކޯޕްރަލް ޝާއިރާ ރަފީޢުގެ މަސައްކަތަށް ތަޢުރީފް ކުރައްވައި އޭނާގެ މަސައްކަތަށާއި އޭނާ ދައްކުވައިދިން އިންސާނީ ޚިދުމަތުގެ ނަމޫނާ އަށް ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން ވަޙީދު ޝުކުރު އަދާކުރައްވައިފި އެވެ.
ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ޝާއިރާގެ މަސައްކަތަށް ކޮމިޝަނަރު ތައުރީފު ކުރައްވައި ދިވެހި ފުލުހުން ދިވެހި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ތައްޔާރުވެ އަބަދު ވެސް ތިބޭކަމުގެ ލާމަސީލު ނަމޫނާއެއް ޝާއިރާ ދެއްކެވި ކަމަށެވެ. ހަމައެހެންމެ ފުލުހުންނަކީ ޑިއުޓީގެ ވަގުތުގައި ވެސް އަދި އެހެން ވަގުތުގައި ވެސް ރައްޔިތުންގެ ސަލާމަތަށް އިސްކަންދިނުމުގައި ދެމިތިބޭ ބައެއްކަން މިކަމުން ވެސް ދޭހަވެގެން ހިނގައްޖެކަމުގައި ކޮމިޝަނަރު ވިދާޅުވި ކަމަށެވެ.
ޕޮލިސް ކޯޕްރަލް ޝާޢިރާ ރަފީޢުގެ މިޚިދުމަތުން ހާމަވެގެންދިޔައީ ދިވެހި ކޮންމެ ފުލުހަކީ ވެސް ޤައުމީ ވާޖިބު އަދާކޮށް، ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ފަސްނުޖެހި ކޮންމެ ކަމެއްގައި ވެސް ސާބިތުކަމާ އެކު ދެމިތިބޭނެ ބައެއްކަން ކަމަށާއި މިފަދަ ޚިދުމަތްތެރި ނަމޫނާ ހަމަ ކޮންމެ ފުލުހެއްގެ ކިބައިން ފެނިގެން ދިއުމަށް އެދިވަޑައިގަންނަވާކަމުގައި ވެސް ކޮމިޝަނަރު އެބައްދަލުކުރެއްވުމުގައި ވިދާޅުވި ކަމަށެވެ.
އާޓިފިޝަލް ބީޗަށް މޫދަށް އެރި އުޅުނު ހަތަރު އަހަރުގެ ކުއްޖާ ގެނބެމުން ދަނިކޮށް ފޮރެންސިކް ސަވިސް ޑައިރެކްޓަރޭޓްގައި މަސައްކަތްކުރާ ޕޮލިސް ކޯޕްރަލް ޝާޢިރާ ރަފީޢު ވަނީ އެ ކުއްޖާ ސަލާމަތްކޮށްފަ އެވެ.