ރ. ރަސްގެތީމު ކައުންސިލްގެ ރައީސް އަލީ ނަޖީބުގެ ވަދު ދޯންޏެއްގައި މަސް ބާނަން މިއަދު ނުކުންނަން އުޅެނިކޮށް ރާޅަކާއެކު ދޯނި ބަންޑުން ޖަހާލައި ތޮށިގަނޑާއި ދޯންޏާ ދޭތެރޭ ފައި ތާށިވެ، ލިބުނު ބޮޑު ޒަހަމްތަކުގައި ފައި ސަލާމަތް ނުކުރެވި، ފައި ބުރިކޮށްލައިފި އެވެ.

އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ރަސްގެތީމު، މޫނިމާގެ، އަލީ ނަޖީބު، 47،ގެ ކަނައަތު ފައި ކަކުލު ހުޅާ ހިސާބުން މިރޭ ބުރުކޮށްލީ އާއިލާގެ ރުހުމާ އެކުގަ އެވެ. އޭނާގެ ކަނައަތު ފައިގެ ކަކުލު ހުޅާދިމާލުން ބުރިކޮށްލީ ފައި ޗިސްވެ، ލޭނާރުތައް ބުރިވެ، ފައިގެ ދިރުން ނެތިދިއުމުންނެވެ. ޑޮކްޓަރުން ބުނާ ގޮތުން އޭނާގެ ކަނައަތު ފައިގެ ކަކުލު ހުޅުން ތިރި ވަނީ "މަރުވެފަ" އެވެ.

އައިޖީއެމްއެޗުގެ ސީއީއޯ ޑރ. މުހައްމަދު ހަބީބު "ސަން" އަށް މިރޭ ވިދާޅުވި ގޮތުގައި ނަޖީބުގެ ފައި ބުރިކޮށްލަން ނިންމީ ނާރުގެ ޑޮކްޓަރުންނާއި ކަށީގެ ޑޮކްޓަރުންގެ ލަފާގެ މަތިންނެވެ.

"ފައިގެ ޓިޝޫތައް ވެސް ވަނީ ހަލާކުވެފައި. ނާރުތައް އެ ވަނީ ބުރިވެފައި. ދެން އެ ފައި ސަމާލަތް ކުރެވޭގެ ގޮތެއް ނޯންނާނެ. އެ ހިސާބުން ފައި ބުރިކޮށްލަން ނިންމީ. އެކަން އަޅުގަނޑުމެން ކުރާނީ އާއިލާގެ ރުހުމުގައި،" އައިޖީއެމްއެޗުގެ ސީއީއޯ ވިދާޅުވި އެވެ.

ނަޖީބުގެ ފައި ބުރިކޮށްލުމަށްފަހު ކުރިއަށް ގެންދާ އޮޕަރޭޝަން ނުވަ ގަޑިއިރަށް ކުރިއަށްދާނެ ކަމަށް އާއިލާއިން ބުނެ އެވެ. އެ އޮޕަރޭޝަންގައި ޑޮކްޓަރުންގެ ޓީމަކުން ދަނީ އަވަދިނެތި މަަސައްކަތް ކުރަމުންނެވެ.

ރަސްގެތީމު ކައުންސިލްގެ ރައީސް ނަޖީބުގެ ބޭބެ، އަހުމަދު ވަޖީހު ބުނީ ކޮއްކޮގެ ފުރާނަ ސަލާމަތް ކުރެވެން އޮތް ގޮތަކީ ފައި ބުރުކުން ކަމަށްވާނަމަ އެ ކަމަށް އާއިލާ "ރުހޭ" ކަމަށެވެ. ޗިސްވެފައިވާ ފަޔާއެކު ނަޖީބު އައިޖީއެމްއެޗަށް ގެނައި އިރު، އޭނޭގެ ފައިގެ ބައެއް މަސްތައް މަދު ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުނާ ހަވާލާދީ ވަޖީހު ބުންޏެވެ.

"ކޮއްކޮގެ ފައި މަރުވެފައި އޮތް ކަމުގެ ހެކި ޑޮކްޓަރުން އަޅުގަނޑުމެންނަށް ދެއްކި. އަދި އެ ހާލަތުގައި ބާއްވައިގެން ލަންކާއަށް ގެންގޮސްފިނަމަ ދިމާވާނެ މައްސަލަތައް ވެސް ހޮސްޕިޓަލުން އަޅުގަނޑުމެންނަށް ވަނީ ކިޔައިދީފައި. މިހާލަތުގައި ދެން ކުރެވޭނެ ކަމެއް ނެތް. ފައި ބުރިކޮށްލަން އިއުތިރާޒެއް ނެތް ކަމަށް ވާނީ އަންގާފައި،" ރަސްގެތީމު ކައުންސިލްގެ ރައީސް ނަޖީބުގެ ބޭބެ ބުންޏެވެ.

ރަސްގަތީމު ކަނޑިންމައާ ދިމާލު ބޭރުން ނެގި ރާޅަކާއެކު ދޮށިގަނޑާއި ދޯންނާ ދޭތެރޭ ފައި ތާށިވެ، ނަޖީބު ޒަހަމްވީ މިއަދު ހެނދުނު 7:00 އެހާކަންހާއިރު އެވެ. އޭނާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނައީ މިއަދު ހަވީރު އެވެ.