14 Jun 2014, 18:31
އިންގްލެންޑާ ދެކޮޅަށް މިރޭ ކުޅޭ މެޗާ ދިމާކޮށް އިޓަލީގެ ގޯލްކީޕަރު ޖިއަންލުއީޖީ ބުފޯން ގެ ކުޑަހުޅަށް އަނިޔާއެއްވެ، ފަރުވާހޯދަން ފަށައިފިއެވެ.
އިޓަލީގެ ކޯޗް ސެޒާރޭ ޕްރަންޑެއްލީ ހުކުރު ދުވަހު ބުނީ ބުފާން އަށް ލިބިފައިވާ އަނިޔާއަކީ “ކުޑަކުޑަ ސްޓްރެއިން އެއް” ކަމަށާއި “އޭނާ މީހާރު އަންނަނީ ތެރަޕީ ހޯދަމުން” ކަމަށެވެ.
ބުފޯން އަށް އަނިޔާވެފައިވަނީ ބްރެޒިލްގެ މަނައުސްގައި ހުންނަ، ވޯލްޑް ކަޕް ގެ ބައެއް މެޗްތައް ކުޅެން ހަމަޖެހިފައިވާ “އެރީނާ ޑި އެމެޒޯނިއާ” ގައި ބޭއްވި ޓްރެއިނިންއެއްގައި ހުކުރު ދުވަހު އެވެ. އިންގްލެންޑާ އިޓަލީ މިރޭ ބައްދަލުކުރާނީ ވެސް މި ސްޓޭޑިއަމްގަ އެވެ.
އިޓަލީގެ ރިޒާވް ގޯލްކީޕަރުންނަކީ ސެލްވެޓޮރ ސިރިގޫ އާއި މަޓިއްޔާ ޕެރިން އެވެ. އިޓަލީން ވަނީ އެންޓޯނިއޯ މިރަންޓޭ ކިޔާ ހަތަރު ވަނަ ގޯލް ކީޕަރެއް ވެސް ބްރެޒިލް އަށް ގެންގޮސްފައެވެ. ނަމަވެސް ބުފޯންގެ ފަޔަށް އަނިޔާވުމުގެ ކުރިން އޭނާ ވަނީ އަނބުރައި އިޓަލީއަށް ފޮނުވާލާފައެވެ.
މީގެ ދެ ހަފްތާ ކުރިން އަޔަލަންޑް އާ އެކު ކުޅުނު މެޗެއް ސުމެއް ސުމަކުން ނިމިގެން ދިޔައީ ބަދަލު ގޯލްކީޕަރު ސެލްވެޓޮރ ސިރިގޫގެ ބެލުމުގެ ދަށުގައި ގޯލްހުރެގެންނެވެ. އެ މެޗުގައި ސެލްވެޓޮރ ސިރިގޫ ގެ މޭކަށިގަނޑަށް ކޮނެމެވެސްވަރެއްގެ އަނިޔާތަކެއް ވީ ނަމަވެސް މިދިޔަ ދެ ހަފްތާގެ ތެރޭގައި އޭނާގެ ފިޓްނަސް ވަނީ ރަނގަޅުކޮށްފައެވެ. ސެލްވެޓޮރ ސިރިގޫ އަކީ ޗެމްޕިއަންސް ލީގުގެ ބައެއް މެޗުތަކުގައި ވަސް ކުޅެފައިވާ ގޯލްކީޕަރެކެވެ.
އިޓަލީގެ ފުރަތަމަ 11 ގައި ހިމެނޭ ފަހަތަށް ކުޅޭ ކުޅުންތެރިއެއް ކަމަށްވާ މަޓިއާ ޑި ޝީލިއޯ ވެސް ހުރީ އިންޖަރީގަ އެވެ. މަޓިއާ ޑި ޝީލިއޯގެ ފައިގެ މަސްގަނޑަކަށް ލިބިފައިވާ އަނިޔާގެ ސަބަބުން މިރޭ އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާއެއް ނުފެންނާނެއެވެ.
މިއަހަރުގެ ވޯރލްޑް ކަޕް މުބާރާތަކީ އުމުރުން 36 އަހަރުގެ މަޝްހޫރު ގޯލްކީޕަރ ޖިއަންލުއީޖީ ބުފޯން ކުޅޭ 5 ވަނަ ވޯރލްޑް ކަޕް މުބާރާތެވެ. މިފަހަރުގެ މުބާރާތް ނިމުމުން އެންމެ ގިނަ ވޯރލްޑް ކަޕްގައި ބައިވެރިވި ކުޅުންތެރިންގެ ތެރޭގައި ބުފޯން ހިމެނޭނެއެވެ.
އެންމެ ފަހުން ބޭއްވި ވޯރލްޑް ކަޕްވެސް ބުފޯން ފަށާފައި ވަނީ ބުރަކަށީގެ މައްސަލަތަކަކާއި އެކުގައެވެ. އަދި 2010 ވަނަ އަހަރު ބޭއްވި މުބާރާތުގެ ގްރޫޕް ސްޓޭޖުން އިޓަލީ ވަނީ ކަޓައިގެން ގޮސްފައެވެ.