ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯއިން ރާއްޖެ ގެނައި ފިޔާ، އަލުވި، ބިސް ހެޔޮ އަގުގައި މިއަދު ވިއްކަން ފަށައިފި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިއަދު "ސަން" އަށް ވިދާޅުވީ އެސްޓީއޯގެ ފިހާރަތަކާއި ގުދަން ތަކުން ރޯދައަށް ހާއްސަ ބާވަތްތައް ހޯލް ސޭލް އާއި ރީޓެއިލް އަގުތަކުގައި މިހާރު ގަންނަން ލިބޭނެ ކަމަށެވެ.

އެސްޓީއޯ އިން މިހާރު ގެނައި ޝިޕްމަންޓުން ރީޓެއިލްކޮށް ބިހެއް ވިއްކަމުން ދަނީ 1.25 ރުފިޔާއަށެވެ. އަދި ފިޔާ އާއި އަލުވި ކިލޯއެއް ރީޓެއިލްކޮށް ވިއްކަނީ 10 ރުފިޔާއަށެވެ.

ހޯލް ސޭލް އަގުތަކަށް ބަލާއިރު ބިސް ކޭހެއް 250 ރުފިޔާއަށް ވިއްކާއިރު ފިޔާ ބަސްތާއެއް ވިއްކަނީ 225 ރުފިޔާއަށެވެ. އަދި އަލުވި ބަސްތާއެއް ވިއްކަނީ 225 ރުފިޔާއަށެވެ.

އާޒިމް އިތުރަށް ވިދާޅުވީ މިމަހުގެ 21 ހާތާ އެސްޓީއޯއިން ފިޔާ، އަލުވި އަދި ބިހުގެ ބޮޑު ސުޓޮކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

ފިޔާ އަދި އަލުވި ކިލޯއެއްގެ އަގު 10ރ. އަށް ވުރެ ބޮޑު ނުވާ ވަރަށް، ކުކުޅު ބިހެއްގެ އަގު 1.25ރ. އަށް ވުރެ ބޮޑު ނުވެ މި ރޯދަ މަހު ހިފަހައްޓައިދޭނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ.