ވަދު ދޯންޏެއްގައި މަސް ބާނަން ނުކުންނަން އުޅެނިކޮށް ދޯނި ބަންޑުން ޖަހާލައި ތޮށިގަނޑާއި ދޯންޏާ ދޭތެރޭ ފައި ތާށިވެ، ރަސްގަތީމު ކައުންސިލް ގެ ރައީސް އަލީ ނަޖީބުގެ ފައި "ޗަސް" ވެއްޖެ އެވެ. ޑޮކްޓަރުން ބުނާ ގޮތުން އޭނާގެ ކަނައަތު ކަކުލު ހުޅުން ތިރި ވަނީ "މަރުވެފަ" އެވެ.

އަލީ ނަޖީބުގެ ބޭބެ، އަހުމަދު ވަޖީހު އައިޖީއެމްއެޗްގައި ހުރެގެން ދާދި ދެންމެ "ސަން" އަށް ކިޔައިދިން ގޮތުގައި ކޮއްކޮގެ ފައި "ޗަސް" ވާން ދިމާވީ ފަރުމަސްވެރި ކަމަށް ގޮސް އެނބުރި ފަޅަށް ވަންނަން އުޅެނިކޮށް، ރަސްގަތީމު ފަޅުގެ ބޭރު ތޮށިގަނޑާ ދިމާލުން ދޯނި ބަންޑުން ޖަހާލައި ތޮށިގަނޑާއި ދޯންޏާ ދޭތެރޭ ކޮއްކޮގެ ފައި ތާށިވެގެންނެވެ.

"ވަދާ ދުއްވަން ނުކުމެފައި އެނބުރި ރަށަށް ވަންނަން އުޅެނިކޮށް މި ކަމެއް މި ހިނގީ. ރާޅާއެކު ދޯނި ބަންޑުން ޖަހާލި ވަގުތު ކޮއްކޮ ފުންމާލަން ވެސް މަސައްކަތް ކުރި. ނަމަވެސް ކޮންމެވެސް ތަނެއްގައި ސޯޓު އަޅައިގަނެގެން ތޮއްޓާ ދޯންޏާ ދެމެދު ފައި ތާށިވީ،" އަހުމަދު ވަޖީހު ބުންޏެވެ.

އަލީ ނަޖީބު މިއަދު ހަވީރު ވަނީ މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފަ އެވެ. އޭނާގެ ފައި ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދެއް ނެތް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ވެސް އާއިލާއިން ބުންޏެވެ.

އައިޖީއެމްއެޗުގެ ސީއީއޯ ޑރ. މުހައްމަދު ހަބީބު "ސަން" އަށް ދެންމެ ވިދާޅުވީ އަލީ ނަޖީބުގެ ފަޔަށް އޮތީ ވަރަށް "ބޮޑުވަރު ވެފައި" ކަމަށާއި އޭނާގެ ފައި ހަށިގަނޑާ ވަކިނުވެ އޮތީ "ކިރިޔަ ކިރިޔާ" ކަމަށެވެ. ޒަހަމްވެފައިވާ ފައިގެ ހުރިހާ ލޭ ނާރުތައް ބުރިވެފައިވާ ކަމަށް ވެސް ހަބީބް ވިދާޅުވި އެވެ.

"ޑޮކްޓަރުންގެ ޓީމަކުން މިހާރު އަންނަނީ އޭނާއަށް ފަރުވާދިނުމުގައި ބައިވެރިވަމުން. މިހާރު އެ އޮތީ ތިއޭޓަރަށް ވައްދާފައި. ކަށީގެ ޑޮކްޓަރުންނާއި ނާރުގެ ޑޮކްޓަރުންގެ ޓީމަކުން އޭނާގެ ފައި ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރަމުން އެދަނީ. އެކަމަކު ފައި ސަލާމަތް ކުރުމުގެ ޗާންސް ކުޑަކަމަށް ޑޮކްޓަރުން އަދި ބުނަނީ،" އައިޖީއެމްއެޗްގެ ސީއީއޯ ބުންޏެވެ.