14 Jun 2014, 17:55
ރާއްޖޭގައި ވޯލްޑް ކަޕް މެޗުތައް ދެއްކުމުގެ ހުއްދަ ޓީވީއެމް އާއި ވީޓީވީ ފިޔަވައި އެހެން ޗެނެލްއަކަށް ނުދޭ ކަމަށް، ރާއްޖެ އަށް މި މުބާރާތުގެ މެޗުތައް ދެއްކުމުގެ ހުއްދަދޭ އިންޑިއާގެ ސެވަން ތްރީ ސްޕޯޓްސް އިން ބުނެފި އެވެ.
ސެވަން ތްރީ ސްޕޯޓްސްގެ ފަރާތުން ސަން އަށް މިއަދު ދިން އިންޓަވިއުއެއްގައި އެ ކުންފުނީގެ ފަރާތުން ނެގޯޝިއޭޓަރު، އަބީޝޭކް ޝަކުލާނީ ވިދާޅުވީ ރާއްޖޭގައި ވޯލްޑް ކަޕް ދެއްކުމުގެ ރައިޓްސް ނަގާފައި ވަނީ ސެވަން ތްރީ ސްޕޯޓްސް އިން ކަމަށާއި ރާއްޖޭގައި ވޯލްޑް ކަޕްގެ މެޗުތައް ދެއްކުމުގެ ހުއްދަދީފައި ވާނީ، ރާއްޖެ އިން ހަމައެކަނި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ ޓީވީއެމް އާއި ވީޓީވީ އަށް އެކަނި ކަމަށެވެ.
އޭނާ ވިދާޅުވީ އެ ދެ ފަރާތް ނޫން ފަރާތަކުން ރާއްޖޭގައި ވޯލްޑް ކަޕްގެ މެޗުތައް ބްރޯޑްކާސްޓް ކުރާ ނަމަ ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
"އެ ނޫން ފަރާތަކަށް މޯބައިލްކޮށް ވެސް އަދި އިންޓަނެޓް މެދުވެރިކޮށް ވެސް މެޗުތަކެއް ނުދެއްކޭނެ. އެހެން ބަޔަކު މިހާރު ބްރެޒިލްގައި ބާއްވަމުން އަންނަ ވޯލްޑް ކަޕް މުބާރާތުގެ މެޗުތައް ދައްކާ ނަމަ ގާނޫނީ ފިޔަވަޅު އަޅާނަން،" އަބީޝޭކު ވިދާޅުވި އެވެ.
ނަމަވެސް ވޯލްޑް ކަޕްގެ މެޗުތައް މިހާރު ވެސް މީޑިއާ ނެޓް މެދުވެރިކޮށް، އައިސް ޓީވީ ކިޔާ ޗެނަލަކުން އަންނަނީ ދައްކަމުންނެވެ.
މީޑިއާ ނެޓުން ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ފަރާތުން ވޯލްޑް ކަޕްގެ މެޗުތައް ދައްކާނީ އައިސް ޓީވީ(100) އިން ކަމަށެވެ. އަދި އެކަމަށް ޖީއެސްޓީއާ އެކު 100 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ.
އެ ޗެނެލުން ވޯލްޑް ކަަޕްގެ މެޗުތައް ދައްކަނީ ކޮން އުސޫލަކުންތޯ ދެންނެވުމުން އަބީޝެކް ވިދާޅުވީ އެކަން ޖެހިވަޑައިގަންނަ ވާނީ ބައްލަވާލައްވަން ކަމަށެވެ.
އޭނާ ވިދާޅުވީ، މި އަހަރު ބްރެޒިލްގައި ކުރިއަށްދާ ވޯލްޑް ކަޕް މުބާރާތުގެ ރައިޓްސް، ދެކުނު އޭޝިޔާ ސަރަހައްދަށް ނެގީ އިންޑިއާގެ ސޮނީ އިން ކަމަށާއި ރާއްޖޭގެ ފަރާތްތަކަށް ރައިޓްސް ވިއްކުމަށް ހަވާލުވެފައި ވަނީ ސެވަން ތްރީ ސްޕޯޓްސް އިން ކަމަށެވެ. އަދި ސޮނީ އިން އޭނާ ނޫން މީހަކު މެދުވެރިކޮށް ރާއްޖޭގެ ފަރާތްތަކަށް ހުއްދަދިންކަން ނޭނގޭ ކަމަށާއި އަދި ސެވަން ތްރީ ސްޕޯޓްސް އާއި ސޮނީ އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެކަން ނުކުރެވޭނެ ކަމަށެވެ.
މީޑިއާ ނެޓް މެދުވެރިކޮށް އައިސް ޓީވީ އިން ވޯލްޑް ކަޕްގެ މެޗުތައް ދައްކަނީ ހުއްދަ ހޯދައިގެންތޯ ސާފު ކުރުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފަ އެވެ.
ވޯލްޑް ކަޕްގެ މެޗުތަކަކީ ރާއްޖޭގައި ވެސް ލިސްޓެޑް އިވެންޓެކެވެ. ރާއްޖޭގައި މެޗުތައް ދެއްކުމުގެ ހުއްދަ ނަގާފައިވާ ފަރާތްތަކަކީ ކޮބައިތޯ ދެންނެވުމުން ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ނޫރާ އަލީ މިއަދު ސަން އަށް ވިދާޅުވީ އެ ކޮމިޝަނުން ކުރި އިއުލާނަކާ ގުޅިގެން އެ ރައިޓްސް ނެގި ކަމަށް މިހާތަނަށް އަންގާފައި ވަނީ އެމްބީސީ އިން އެކަނި ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ އެ ކޮމިޝަނުން އިއުލާންކޮށްފައި ވާނީ ވޯލްޑް ކަޕް ދެއްކުމުގެ ރައިޓްސް ނަގާތާ، ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި އެންގުމަށް ކަމަށެވެ.
ހުއްދަދީފައި ނުވާ އެއްވެސް ފަރާތަކުން މެޗުތައް ދައްކާ މައްސަލަ ކޮމިޝަނަށް ހުށަހަޅާފައިވޭތޯ ދެންނެވުމުން އޭނާ ވިދާޅުވީ ރަސްމީ ސިފައެއްގައި އެ ފަދަ ޝަކުވާއެއް ލިބިފައި ނުވާ ކަމަށެވެ.
ބްރޯޑްކާސްޓިންގް ކޮމިޝަނަކީ ގާނޫނާ ހިލާފަށް ބްރޯޑްކާސްޓް ކުރާ ފަރާތްތައް ހުއްޓުވުމުގެ ގާނޫނީ ޒިންމާ އޮންނަ ފަރާތް ނޫންތޯ އާއި ކޮމިޝަނުން އިސްވެ އެ މައްސަލަ ނުބައްލަވާނެތޯ ދެންނެވުމުން އޭނާ ވިދާޅުވީ އެކަން ނިންމަވާނީ ކޮމިޝަންގެ މެންބަރުން ކަމަށެވެ. އޭނާގެ ޒިންމާއަކީ އިދާރީ ކަންކަން ބެލުން ކަމަށެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ ގަވާއިދު ބުނާ ގޮތުގައި، ކޮންމެ ގައުމެއްގައި އަދި ކޮންމެ ޗެނަލްއަކަށް މެޗުތައް ދޫކުރެވޭނީ އެ އިދާރައިގެ ހާއްސަ ހުއްދައަކާ އެކު ކަމަށެވެ. ފީފާ އިން ޗެނެލްތަކަށް ހުއްދަދޭ އިރު، އެ އިދާރާ އިން އެކަމަށް ފީއެއް ނަގަ އެވެ. އަދި ފީފާ އިން އެކަމުގެ ހުއްދަ ދެނީ ވަކި ގައުމުތައް ނުވަތަ ޓެރިޓަރީތަކުގައި މެޗުތައް ދެއްކުމުގެ ހުއްދަ އެވެ.