ވޯލްޑް ކަޕުގެ ގްރޫޕް އީގައި އޮސްޓްރޭލިއާ އަތުން 3-1 ލަނޑުން ޗިލީ މޮޅުވެއްޖެ އެވެ.

ބްރެޒިލްގެ އެރީނާ ޕެންޓެނަލް ސްޓޭޑިއަމް ގައި ރޭ 03:00 ގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް ޗިލީ އިންނެވެ. ދެކުނު އެމެރިކާ ސަރަހައްދަށް ނިސްބަތްވާ ޗިލީ އަށް މެޗުގެ 12 ވަނަ މިނެޓްގައި މި ލަނޑު ކާމިޔާބުކޮށްދިނީ ބާސެލޯނާ އަށް ކުޅެމުން އަންނަ އެލެކްސިސް ސަންޗޭޒް އެވެ.

އޭގެ ދެ މިނެޓް ފަހުން ޗިލީގެ ފަރާތުން އިތުރު ލަނޑެއް ފެނިގެންދިޔަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޯޖް ވިލްޑިވިއާ އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ސަންޗޭޒްގެ މަސައްކަތާ އެކު އެވެ.

މެޗުގައި ޗިލީ އިން ދެ ލަނޑުގެ ލީޑެއް ހޯދުމާ އެކު އޭޝިއާ އަށް ނިސްބަތްވާ އޮސްޓްރޭލިއާ އިން ކުޅުން ރަނގަޅު ކުރުމަށް މަސައްކަތްކުރި އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރަތަމަ ހާފު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށް އޮސްޓްރޭލިއާ ވަނީ ޗިލީއިން ދަމަހައްޓަމުން ދިޔަ ލީޑު ކުޑަކޮށްފަ އެވެ. މި ލަނޑު އޮސްޓްރޭލިއާ އަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވަޑް ޓިމް ކޭހިލް އެވެ.

މެޗުގެ ދެވަނަ ހާފުގައި ޗިލީ އަށް އަދި އޮސްޓްރޭލިއާ އަށް ވެސް ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެ އެވެ. މެޗުގެ ދެވަނަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެގެން ލިބުނު ހަތަރު މިނެޓްގެ އިތުރު ވަގުތު ކޮޅު ތެރޭގައި ޗިލީގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޖީން ބިއޯސެޖޯ އެވެ.

މި މެޗުން މޮޅުވި ޗިލީ މިހާރު އޮތީ ގްރޫޕް ބީގެ ދެވަނައިގަ އެވެ. ގްރޫޕްގެ އެއްވަނައިގައި އޮތީ ރޭ ސްޕެއިން އަތުން ތަފާތު ބޮޑުކޮށް މޮޅުވި ނެދަލޭންޑްސް އެވެ. ތިންވަނައިގައި އޮސްޓްރޭލިއާ އޮތް އިރު، އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން އޮތީ އެންމެ ފުލުގަ އެވެ.

މި މުބާރާތުގައި މިރޭ ބައްދަލުކުރާނީ ކޮލަމްބިއާ އާއި ގްރީސް އެވެ. ގްރޫޕް ސީގައި މި ދެޓީމު ބައްދަލުކުރާ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 9:00ގަ އެވެ.