ތައިލެންޑްގެ ވެރިރަށް ބެންކޮކުގެ ބަސް ތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފާހާނާ ކުރާނެ ވަގުތެއް ނުވާތީ ނެޕީ ޖަހައިގެން ވަޒީފާއަށް ނުކުންނަން ފަށައިފި އެވެ.

ތައިލެންޑްގެ ބައެއް ނޫސްތައް ބުނާ ގޮތުން އެ މީހުން ނެޕީ ޖަހައިގެން ވަޒީފާއަށް ނުކުންނަނީ އެ މީހުންގެ ޑިއުޓީ ގަޑީގައި ފާހާނާ ކުރަންދާނެ ވަގުތެއް ނުލިބޭތީ އެވެ. ފާހާނާ ކުރުމުގެ ވަގުތުގެ އިތުރުން އަސާސީ ބޭނުންތައް ފުއްދާނެ ވަގުތާއި ފުރުސަތު ވެސް ބަސްތަކުގައި ވަޒީފާ އަދާ ކުރާ ފަރާތްތަކަށް ނުލިބޭ ކަމަށް ބުނެފައިވެ އެވެ.

ނެޕީ ޖަހައިގެން މަސައްކަތަށް ނުކުންނަ މީހަކު ބުނީ އެގޮތަށް މަސައްކަތައް ނުހުންނަން ވީމާ އޭނާއަށް ތަފާތު މައްސަލަ ތަކާއި ކުރިމަތިވާ ކަމަށެވެ. އެގޮތުން ބައެއް އެލާޖިކް ތައް އޭނާ ވެފައިވާ ކަމަށް ބުނެފައިވެ އެވެ.

"އަހަރެންނަށް ވަރަށް ތަދުވޭ ނެޕީ ނައްޓާއިރު، ހާއްސަކޮށް ހީސް ލެވިއްޖެ ނަމަވަރަށް އުނދަގޫވޭ" އޭނާ ބުނެފައިވެ އެވެ.

އޭނާ ބުނާ ގޮތުންނަމަ ކޮންމެ ދުވަހެއްގައި އޭނާ ދެ ނެޕީ ބޭނުން ކުރަންޖެހެ އެވެ.

ބެންކޮކުގެ ބަސްތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން ނެޕީ ޖަހައިގެން ވަޒީފާއަށް ދާން ފެށުމުން އެ ގައުމުގެ ސަރުކާރުން މިހާރު ވަނީ ބަސް ޓާމިނަލްތަކުގައި ފާހާނާތައް ގާއިމް ކުރުމުގެ މަސައްކަތް ފަށަން ނިންމާފަ އެވެ.