މަޖީދީމަގު އަރަބިއްޔާ ސްކޫލް ކައިރީ މިއަދު ހެނދުނު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހުންނަށް އައިޖީއެމްއެޗް އިމަޖެންސީ ރޫމްގައި ފަރުވާ ދެމުން އެބަދެ އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މިއަދު ހެނދުނު 10:50 ހާއިރު އެ އެކްސިޑެންޓް ހިނގީ މަޖީދީމަގުން ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލެއް، ހިނގާފައި ދިޔަ މީހެއްގެ ގައިން ނައްޓާލަން އުޅުމުގެ ތެރޭގައި އޭނާގެ ގައިގައި ޖެހި، އަރަބިއްޔާ ސްކޫލް ކުރިމަތީގައި އޮންނަ ޕާކިން ޒޯނުގައި ހުރި ދެ ސައިކަލެއްގައި ޖެހިގެން ކަމަށެވެ. އަދި ސައިކަލުން ޖެހުނު މީހާގެ ބޯފަޅައިގެން ގޮސްފައިވާ ކަމަށާއި ސައިކަލު ދުއްވަން އިން މީހާ އަށް މާ ބޮޑު އަނިޔާ އެއް ނުވިނަމަވެސް ވަރަށް ގަދަޔަށް އޭނާ ހޮޑުލާ ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.


ފުލުހުން ބުނީ ސައިކަލް ދުއްވީ 19 އަހަރުގެ މީހެއް ކަމަށާއި އޭނާގެ ފަހަތުގައި އަންހެނެއް އިން ކަމަށެވެ. އަދި އަނިޔާވީ އުމުރުން 29 އަހަރުގެ ފިރިހެނަކަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.


އެ އެކްސިޑެންޓްގައި އަނިޔާވި ދެ މީހުންނަށް ވެސް މިހާރު އަންނަނީ އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމްގައި ފަރުވާދެމުން ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. ނަމަވެސް އެ ދެމީހުންގެ ހާލު މާ ސީރިއަސް ނޫން ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ. އެހެންނަމަވެސް އެ މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.


ސަން އޮންލައިންގެ ނޫސްވެރިން އެ ސަރަހައްދަށް ދިޔައިރު އެކްސިޑެންޓްވި އެއް ސައިކަލް އޮތީ މަޖީދީމަގު ލެކިއުޓް ކުރިމަތީގަ އެވެ. އަދި ލެކިއުޓް ފިހާރައިގެ ބިއްލޫރި ގަނޑު ކޮންމެ ވެސް ވަރަކަށް ވަނީ ގޭނިފަ އެވެ.


އަދި އަރަބިއްޔާ ސްކޫލް ކުރިމަތީގައި އޮންނަ ޕާކިން ޒޯނުގައި ޕާކް ކޮށްފައި ހުރި ދެ ސައިކަލެއް ވެސް ވަނީ ވެއްޓިފަ އެވެ. އެހެންނަމަ ވެސް އެ ދެ ސައިކަލަށް މާ ބޮޑެތި ގެއްލުން ތަކެއް ވެފައެއް ނުވެ އެވެ. އަދި އެ އެކްސިޑެންޓްގައި އަނިޔާވި މީހެއްގެ ގައިން ފައިބައިފައި ހުރި ލޭ ކޮންމެ ވެސް ވަރަކަށް މަގުމަތިން ފެންނަން ހުއްޓެވެ.