14 Jun 2014, 15:10
މެލޭޝިއާ އިން ރާއްޖެ އައުމަށް އިއްޔެ ފުރަން ދިޔަ ދިވެއްސަކު ގެއްލިގެން އޭނާ ހޯދަން އެގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީއާއި މެލޭޝިއާގެ ފުލުހުން ގުޅިގެން މަސައްކަތް ކުރަމުން އެބަދެ އެވެ.
ފޮރިން މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރު ނަހުލާ އަލީ މިއަދު ސަން އަށް ވިދާޅުވީ ގެއްލިގެން ހޯދަމުން އަންނަނީ އުމުރުން 28 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި ވިދާޅުވީ އޭނާ ގެއްލުނީ އެއާޕޯޓް ޗެކިން ނިންމި ފަހުން ކަމަށެވެ.
"... ގެއްލުނީ ޗެކިން ވެސް ނިންމި ފަހުން ކަމަށް އެނގިފައި ވަނީ. ނަމަވެސް އިމިގްރޭޝަން ހުރަސް ކޮށްފައެއް ވެސް ނުވާ ކަމަށް ވެސް ވަނީ އެނގިފައި. އޭނާ ހޯދަން މެލޭޝިއާގައި ހުރި ރާއްޖޭގެ އެމްބަސީއާއި މެލޭޝިއާ ފުލުހުން ގުޅިގެން އަންނަނީ މަސައްކަތް ކުރަމުން،" ނަހުލާ ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މެލޭޝިއާގައި ގެއްލިގެން ހޯދަމުން އަންނަނީ މ.ހާޑްރޮކް މުހައްމަދު ހަމްދާން އެވެ. އޭނާ ގެއްލިފައިވާ ކަމަށް ބުނެ އޭނާއާ ގުޅުން ހުރި ބައެއް މީހުން އޭނާއާ ބެހޭ މައުލޫމާތު ސޯޝަލް މީޑިއާގައި ވަނީ އާއްމުކޮށްފަ އެވެ. އެގޮތުން އާއްމުކޮށްފައިވާ މައުލޫމާތެއްގައިވާ ގޮތުން އޭނާ އިއްޔެ ރާއްޖެ އަށް އަންނަން އުޅުނީ ޑިގްރީ ކޯހެއް ނިންމާފަ އެވެ.