14 Jun 2014, 15:05
ވޯލްޑް ކަޕުގައި ވާދަކުރާ ފްރާންސް ޓީމުގައި ފްރޭންކް ރިބެރީ ނެތަސް، އެ ޓީމު ބަލިކަށްޓެއް ނުވާނެ ކަމުގައި ގްރޫޕް އީގައި ފްރާންސާއި ދެކޮޅަށް ނުކުންނަ ސްވިޒަލޭންޑްގެ ބަޔާން މިއުނިކް މިޑްފީލްޑަރު ޒާޑަން ޝަގީރީ ބުނެފި އެވެ.
އުމުރުން 31 އަހަރުގެ ރިބެރީ އަށް ފްރާންސް ޓީމާއެކު ވޯލްޑް ކަޕުގައި ބައިވެރިވެވިދައި ނުވަނީ މި މުބާރާތް ފެށެން ހަފްތާއަކަށް ވެފައި ވަނިކޮށް އޭނާގެ ބުރަކަށްޓަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި ރެއާލް މެޑްރިޑް އަތުން ލިބުނު ނާކާމިޔާބީ އަށް ފަހު، ކްލަބަށް އަދި ގައުމަށް ވެސް ރިބެރީ ކުޅެފައި ވަނީ އެންމެ މެޗެކެވެ.
"ފްރާންސް އަކީ އަދިވެސް ފްރާންސް،" އުމުރުން 22 އަަހަރުގެ ޝަގީރީ ބުންޏެވެ. "ރިބެރީ އަކީ ފްރާންސްގެ އެންމެ މުހިންމު ކުޅުންތެރިޔާ ކަމާއި މުޅި ޓީމު އޭނާއަށް ބިނާވެފައިވާކަމީ ޝައްކެއް ނެތް ކަމެއް. ނަމަވެސް އޭނާ އަނިޔާވުމާއެކު އެ ދައުރު އަދާކުރެވޭނެ އެހެން ކުޅުންތެރިންތަކެއް ވެސް ޓީމުގައި އެބަތިބި."
ޝަގީރީ ގަބޫލުކުރާ ގޮތުގައި ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ޖެމެއިކާއާ ދެކޮޅަށް ފްރާންސް ކުޅުނު މެޗުން ދައްކުވައިދިނީ އެ ޓީމުގެ ވަރުގަދަކަން ކަމުގަ އެވެ.
"ފްރާންސުން އަދިވެސް ފުޓްބޯޅަ ކުޅެމުން އެ ދަނީ ހަމަ އެއްގޮތަކަށް،" އޭނާ ބުންޏެވެ. "އެކުވެރިކަމުގެ މެޗުގައި 8-0 ލަނޑުން ޖެމެއިކާ މޮޅުވި މެޗަށް ބަލައިލިޔަސް އެކަން އެނގޭނެ. އަހަރެމެންނަކީ ފްރާންސެއް، ސްޕެއިނެއް އަދި ބްރެޒިލެއް ވެސް ނޫން. އަހަރެމެން ޓީމެއްގެ ގޮތުގައި ކުޅެފިނަމަ، ކޮންމެ ވެސް ކަމެއް ހާސިލް ކުރެވިދާނެ. އަހަރެމެންނަކީ ކުޑަ ސްވިޒަލެންޑް."
މި މުބާރާތުގައި ފްރާންސާ ދެކޮޅަށް ސްވިޒަލޭންޑް ނުކުންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ މެންދަމު 12:00ގަ އެވެ. ފްރާންސާއި ދެކޮޅަށް ނުކުތުމުގެ ކުރިން މާދަމާ ރޭ 9:00 ގައި އިކުއެޑޯއާ ދެކޮޅަށް ސްވިޒަލޭންޑް ނުކުންނާނެ އެވެ.