14 Jun 2014, 14:42
މޯލްޑިވިޔަން ޑިމޮކުރެޓިކް ޕާޓީ (އެމްޑީޕީ) އޮފީހުގެ ބިއްލޫރި ގަނޑު ތަޅާލައިފި އެވެ.
އެމްޑީޕީގެ ތަރުޖަމާން އިމްތިޔާޒް ފަހުމީ "ސަން"އަށް ވިދާޅުވީ ސޯސަން މަގުގައި ހުންނަ އެ ޕާޓީގެ މައި އޮފީހުގެ ބިއްލޫރި ގަނޑު ތަޅާލާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.
"ސޯސަން މަގުގައި ހުންނަ އަޅުގަނޑުމެން ޕާޓީ އެމްޑީޕީގެ މައި އޮފީހުގެ ބިއްލޫރި ގަނޑު ވަނީ ތަޅާލާއިފައި. އެކަން ހިނގި ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ ރޭ ދަންވަރުގެ ވަގުތެއްގައި،" އިންތި ވިދާޅުވި އެވެ.
އިންތި ވިދާޅުވީ އޮފީހުގެ ބިއްލޫރި ގަނޑު ތަޅާލި ކަމުގައި ވިޔަސް އޮފީހުގެ އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ޕާޓީ އޮފީހުގެ ބިއްލޫރި ގަނޑު ތަޅާލި މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ 21:30 އެހާކަށްހާއިރު އެމްޑީޕީ އޮފީހުގެ ބިއްލޫރީ ގަނޑު ތަޅާލާފައިވާ ކަމުގެ ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިހާރު އެ މައްސަލަ ތަޙްގީގު ކުރަމުންދާ ކަމަށާއި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.