އެޑިސް އަބާބާ (ޖޫން 14) : ދެކުނު ސޫދާންގައި ހިނގަމުންދާ ދާޚިލީ އަރާރުންތައް ހައްލުކުރުމުގެ ގޮތުން އެގައުމުގައި ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުވަލާލުމަށް އެގައުމުގެ ސަރުކާރާއި އިދިކޮޅު ހަނގުރާމަވެރިން އެއްބަސްވެއްޖެެ އެވެ.

މިކަމަށް އެއްބަސްވެފައި ވަނީ ދެކުނު ސޫދާނުގެ ރައީސް ސަލްވާ ކީރު އާއި އޭނާގެ ވާދަވެރިޔާ އަދި ކުރީގެ ނައިބު ރައީސް ރިކް މުޝާރު އިތިއޮޕިޔާގެ ވެރިރަށް އެޑިސް އަބާބާގައި މިދިޔަ އަންގާރަ ދުވަހު ކުރެއްވި މަޝްވަރާތަކުގައި ކަމަށް އިތިއޮޕިޔާ ސަރުކާރުން ބުނެ އެވެ. އިތިއޮޕިޔާގެ ބޮޑުވަޒީރު ހެލަމަރިޔަމް ދިސިލިން ވިދާޅުވީ 60 ދުވަހުގެ ތެރޭގައި ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުވަލާލައި ދެކުނު ސޫދާންގެ ވެރިކަން އެސަރުކާރާ ހަވާލު ކުރުމަށް ސަލްވާ ކީރު އާއި ރިކް މުޝާރު އެއްބަސްވެ ވަޑައިގެންފައިވާ ކަމުގަ އެވެ. ދެކުނު ސޫދާންގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ ހުއްޓާލުމަށް މިދިޔަ މޭމަހު އެޑިސް އަބާބާގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވަނީ ހަމަލާތައް ހުއްޓާލާފަ އެވެ.

ހަމަލާތައް ހުއްޓާލުމަށް ފަހު ދެފަރާތް ގުޅިގެން ސޫދާނުގައި ގައުމީ އެއްބައިވަންތަ ކަމުގެ އިންތިގާލީ ސަރުކާރެއް އުފައްދައި އެއަށް ފަހު މިނިވަން އިންސާފުވެރި އިންތިޚާބަކަށް މަގުފަހި ކުރުމަށް ވެސް އެދެފަރާތުން އެއްބަސްވެފައިވެ އެވެ. ދެކުނު ސޫދާނުގެ ދާޚިލީ ހަނގުރާމައިގެ މައްސަލައަށް ސިޔާސީ ހައްލެއް ގެނައުމަށް މަގުފަހިވެގެންދިޔައީ އެގައުމަށް އެހީދޭ ހުޅަނގުގެ ބާރުތަކުގެ ފިއްތުންތަކުގެ ސަބަބުން ކަަމަށް މުރާސިލުން ބުނެ އެވެ. އެމެރިކާއާއި ޔުރަޕްގެ އިއްތިޙާދުން ވަނީ ދާޚިލީ ހަނގުރާމަ ހުއްޓާލުމަށް ދެކުނު ސޫދާނުގެ ލީޑަރުން އެއްބަސް ނުވެއްޖެ ނަމަ އެބޭފުޅުންނާ ދެކޮޅަށް ޝަޚްސީގޮތުން ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ. އަދި ދެކުނު ސޫދާން ދެވަނަ ރުވަންޑާ އަކަށް ވުމުގެ ފުރްސަތު ނުދޭނެ ކަަމަށާ ހަނގުރާމަ ހުއްޓުވުމަށް ޓަކައި ދެކުނު ސޫދާނަށް އަސްކަރީ ގޮތުން ވަދެގަންނަން ޖެހިއްޖެ ނަމަ އެކަންވެސް ކުރާނެ ކަމުގެ އިންޒާރު ހުޅަނގުގެ ބާރުތަކުން ދެކުނު ސޫދާނަށް ވަނީ ދީފަ އަވެ. (ރޮއިޓާސް)