14 Jun 2014, 12:17
އދ. ފެންފުއްޓަށް މެދުނުކެނޑި އުދައަރަމުން އަންނަތާ ތިން ދުވަސް ވެފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
ފެންފުށީ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ސައީދު މިއަދު ސަން އަށް ވިދާޅުވީ އެ ރަށު އިރުމަތީ ފަރާތަށް ވޭތުވެ ދިޔަ ތިން ދުވަހު އުދަރާފައި ވަނީ ކޮންމެ ދުވަހެއްގެ މެންދުރު 12:00 އިން ފެށިގެން މެންދުރު 2:30 އާ ހަމައަށް ކަމަށެވެ. އުދައަރާ އިރު އެރަށު ބަނދަރުން ފެށިގެން އެއްގަމަށް 100 ފޫޓަށް އުދައަރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އދ. ފެންފުއްޓަށް އުދަ އަރަނީ -- ފޮޓޯ :ފެންފުށި ކައުންސިލް އިދާރާ
"ކައުންސިލް އިދާރާ ވެސް ސްކޫލް ވެސް މިހުންނަނީ ބަނދަރާއި ކައިރީގައި، މިސަރަހައްދަށް ވެސް ވަރަށް ބޮޑަށް އުދައަރާ،" 982 މީހުންގެ އާބާދީއެއް އޮންނަ ފެންފުށީ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ރަށަށް އުދަ އެރުމުގެ ސަބަބުން މީހަކަށާއި ތަކެއްޗަށް މާ ބޮޑެތި ގެއްލުންތަކެއް ނުވި ނަމަވެސް އެ ރަށު ރައްޔިތުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިވާ ކަމަށެވެ.

އދ. ފެންފުއްޓަށް އުދަ އަރަނީ -- ފޮޓޯ :ފެންފުށި ކައުންސިލް އިދާރާ
"މީހުން ދިރިއުޅޭ ގޭގެއަށް އުދައެއް ނާރާ، ނަމަވެސް އުދައެރުމުގެ ސަބަބުން ބަނދަރުގައި އަޅާފައި ހުރި ދޯނި ފަހަށަށް ބޮޑެތި ގެއްލުންތަކެއް ވެފައިވޭ،" އަހުމަދު ވިދާޅުވި އެވެ.
ފެންފުށިން ސަން އަށް ވާހަކަ ދެއްކި އެ ރަށު މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ، އެ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް، އެ ރަށަށް ރާޅު އަރާދިމާލުގައި ބޮޑު ހިލައިން ތޮށި ލައްވައި ދެއްވާނެ ކަމަށް ވިދާޅުވިތާ ފަސް ވަރަކަށް އަހަރުވެފައިވާ ކަމަށާއި ނަމަވެސް އެކަން ނުވެ، ކޮންމެ އަހަރެެއްގެ ވެސް މި މޫސުމުގައި އެ ރަށަށް ރާޅުއަރައި ބޮޑެތި ގެއްލުންތަކެއްވާތީ ހިތާމަ ކުރާ ކަމަށެވެ. އޭނާ ބުނީ އޭނާ އަކީ ގާސިމް އިބްރާހީމަށް ތާއީދު ކުރާ މީހެއް ކަމަށާއި މިހާރު ވެސް އެ މަނިކުފާނަށް ތާއީދު ކުރާ ކަމަށާއި ނަމަވެސް ތޮށީގެ މައްސަލަ އަށް އަވަސް ހައްލެއް އައުމަށް އެދޭ ކަމަށެވެ.

އދ. ފެންފުއްޓަށް އުދަ އަރަނީ -- ފޮޓޯ :ފެންފުށި ކައުންސިލް އިދާރާ
މެޓް އޮފީހުން ބުނީ، ހުޅަނގު މޫސުން ފެށޭ ދުވަސްވަރަކީ އުދައިގެ އަސަރު ރާއްޖެ އަށް ކުރަމުންދާ ދުވަސްވަރެއް ކަމަށެވެ. އަދި މި މަހުގެ އެންމެ ދިޔަވަރު ބޮޑުވާ ދުވަސްތައް ވެސް ދިމާވަނީ މިދުވަސްތަކާ ކަމުން، އުދައިގެ އަސަރު ކުރިއަށް އޮތް ދެތިން ދުވަހު ވެސް ރާއްޖޭގެ ބައެއް ރަށްތަކަށް ކުރުން އެކަށީގެންވާ ކަމަށެވެ.
ހުޅަނގު މޫސުމާ ދިމާކޮށް ރާއްޖޭގެ ރަށްރަށަށް ރަށް ގިރުމާއި އުދަ އެރުމުގެ އަސަރު ތަންކޮޅެއް ބޮޑަށް ތަހައްމަލު ކުރަން ޖެހޭ އިރު، އެކަމުގެ ބިރު ރާއްޖޭގެ އެތައް ރަށަކަށް އެބަ އޮތް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނެ އެވެ.