މި ސަރުކާރުގެ އަމާޒަކީ ޒުވާނުން ގެންގޮސް ބިއްޖައްސައި ޖަލަށް ލުން ނޫން ކަމަށާއި ސަރުކާރުގެ އަމާޒަކީ ޒުވާނުން މުޖުތަމަ އަށް ނެރެ ބޭނުންތެރި ބަޔަކަށް ހެދުން ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ޒުވާނުންނަށް ހާއްސަކޮށްގެން ފުލުހުން ހިންގާ "ބްލޫސް ފޯ ޔޫތު"ގެ ތިން ވަނަ ބުރު ނިންމުމަށް ރޭ ފޭދޫ ފިނޮޅުގައި އޮތް ރަސްމިއްޔާތެއް ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އަދީބު ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ ޒުވާނުން މުޖުތަމަ އަށް ނެރެ މަގު އޮޅިގެން އުޅޭ ޒުވާނުންނާއި އެހީތެރިކަން ބޭނުންވާ ޒުވާނުންނަށް ވެސް އެހީތެރިކަން ފޯރުކޮށް ދިނުން ކަމަށާއި ޒުވާނުންނަކީ މި ގައުމުގެ އެންމެބޮޑު އާބާދީ އަށްވާ އިރު، މިހާރުގެ ސަރުކާރު ވުޖޫދަށް އައިސްފައި ވަނީ އެ ޒުވާނުން ހަމަމަގަށް އެޅުވުމަށް ކަމަށް އަދީބު ވިދާޅުވި އެވެ.

"ޒުވާނުންނަކީ ސަރުކާރުގެ ހުރިހާ މުއައްސަސާތަކުގައި ވެސް އެކި ކަންކަމުގައި އެހީތެރިވާން ޖެހޭ ބައެއް. އަދި ޒުވާނުންގެ ޖީލެއް އަރަމުން އަންނަ އިރު ސަރުކާރުގެ އެހީއަށް ބޭނުންވާ ޒުވާނުން ވެސް އެބަތިބި. އެ އެހީތެރިކަން ސަރުކާރުގެ ފަރާތުން އަބަދު ވެސް ޒުވާނުންނަށް ލިބޭނެ،" އަދީބު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ ސަރުކާރުން ހަމައެކަނި އިންވެސްޓް ކުރާނީ ބިންތައް ހިއްކުމާއި އެކިއެކި އިންފްރާސް ސްޓްރަކްޗާ ޕްރޮޖެކްޓްތައް ހަދަން ނޫން ކަމަށާއި އެފަދަ ކަންކަމުގެ އިތުރުން ގައުމުގެ އެންމެ ބޮޑު އާބާދީ ކަމަށްވާ ޒުވާން ޖީލަށް ވެސް އިންވެސްޓް ކުރާނެ ކަމަށް އަދީބު ވިދާޅުވި އެވެ. ސަބަބަކީ ޒުވާނުންނަކީ ގައުމު ސަލާމަތްކޮށް މިހާރު އޮތް ޖީލުން ދެން އޮތް ޖީލަށް ފޯރުކޮށްދީ ގައުމު ކުރިއެރުވުމުގައި ވަރަށް ބޮޑު ރޯލެއް އަދާކުރާނެ ބައެއް ކަމަށް ވާތީ ކަމަށް އަދީބު ވިދާޅުވި އެވެ.

ގައުމުގެ އެންމެން ވެސް ޒުވާނުންނަށް އެހީތެރިވާން ޖެހޭ ކަމަށާއި ބައެއް ފަހަރު ޒުވާނުން ފެނުމުން "އެމީހުން އެ ތިބެނީ ކިހިނެއްތޯ" އަހައި ސުވާލު ކުރާ ކަމަށާއި ޒުވާން ބޮޑު މުޖުތަމައެއްގައި ޒުވާނުން ތިބޭނީ ޒުވާނުންގެ ސްޓައިލްގައި ކަމަށް އަދީބު ވިދާޅުވި އެވެ. އަދި އެމީހުންގެ އެ ކަންކަމަށް ޖަޖުކޮށްގެން ނުވާނެ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

"ކޮންމެ ކަމަކަށް ވެސް އުމުރުފުރައެއް އޮވޭ. އަޅުގަނޑުމެން ނުވާނެ އެމީހުން ޖަޖުކޮށްގެނެއް. ޖަޖު ކުރަންޏާ ކުރަންވީ އެމީހުންގެ އަމަލު. އެމީހުންގެ ކެރެކްޓާ. މިއަދު މުޖުތަމައުގައި ޒުވާން ލީޑަރުންނަށް ފުރުސަތު ލިބެން އެބަޖެހޭ. ޒުވާނުންނާ އެކީގައި ސަރުކާރު ވެސް އޮތީ. ކުރިޔަށް ވެސް ދާނީ ޒުވާނުންނާ އެކު. ޒުވާނުން ސަލާމަތް ކޮށްގެން ނޫނީ ގައުމު ތަރައްގީއެއް ނުކުރެވޭނެ." އަދީބު ވިދާޅުވި އެވެ.

ބައެއް ފަހަރު ސްކޫލް ނިންމައިގެން ނުކުންނަ ޒުވާނުން ވަޒީފާއެއް ނުލިބި މަގު ގެއްލިގެން ދާތަން ފެންނަ ކަމަށާއި ޒުވާނުންނަށް ހާއްސަކޮށްގެން ފުލުހުން މިހާރު ކުރިޔަށްގެންދާ "ބްލޫސް ފޯ ޔޫތު" ކެމްޕަކީ އެކަންކަމަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމެއް ކަމަށް އަދީބު ވިދާޅުވި އެވެ.