ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތަކަށް މެމްބަރުން އައްޔަންކޮށް، ކޮމެޓީ ރިޕޯޓް އަންގާރަ ދުވަހު މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާނެ ކަމަށް، ދާއިމީ ކޮމެޓީތައް އެކުލަވާލާ ވަގުތީ ކޮމެޓީގެ މުގައްރިރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުގެ ޒިންމާ ހަވާލުކޮށްފައިވާ، ވަގުތީ ކޮމެޓީގެ މުގައްރިރު ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މިއަދު "ސަން" އަށް ވިދާޅުވީ ދާއިމީ ކޮމެޓީތައް އެކުލަވާލުމުގައި ދިމާވެފައިވާ މައްސަލަ އަށް މާދަމާ ބާއްވާ ކޮމެޓީ ބައްދަލުވުމުގައި ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި ކޮމެޓީތަކަށް މެމްބަރުން ކަނޑައަޅައި ނިންމައި ކޮމެޓީ ރިޕޯޓް އަންނަ އަންގާރަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ހުށަހަޅުއްވާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"ދާއިމީ ކޮމެޓީތައް އެކުލަވާލާ ވަގުތީ ކޮމެޓީގެ ބައްދަލުވުމެއް މަދަމާ ބޭއްވޭނެ. އިރާދަ ކުރެއްވީއްޔާ ދާއިމީ ކޮމެޓީތަކަށް މެންބަރުން ކަނޑައެޅުމުގައި ދިމާވެފައިވާ މައްސަލައަށް މަދަމާ ބާއްވާ ކޮމެޓީ ބައްދަލުވުމުގައި ހައްލެއް ލިބިގެންދާނެ، އެ މައްސަލަ ހައްލު ވާނެ. އެހެންވީމާ ކޮމެޓީގެ މަސައްކަތް ނިންމައި އަންގާރަ ދުވަހު މަޖިލީހުގެ ތަޅުމަށް ކޮމެޓީ ރިޕޯޓް ހުށަހަޅާނަން،" ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ނައިބް ލީޑަރުކަން ކުރައްވާ ރިޔާޒް ރަޝީދު ވިދާޅުވި އެވެ.

އަންނަ އަންގާރަ ދުވަހު ކޮމެޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާނެ ކަމަށް ރިޔާޒް ރަޝީދު ވިދާޅުވި އިރު ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތަކަށް މެމްބަރުން އައްޔަންކޮށް ނިންމަން ޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ލާޒިމުކޮށްފައިވާ މުއްދަތު ވަނީ ފަހަނައަޅައި ގޮސްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 111 ވަނަ މާއްދާގެ ހ.ގައި ބުނެފައި ވަނީ މަޖިލިސް އަލަށް އެކުލަވާލުމަށް ފަހު، ފުރަތަމަ ދެ ހަފްތާ ތެރޭގައި ދާއިމީ ކޮމެޓީތަކަށް މެމްބަރުން އިންތިހާބު ކުރަންވާނެ ކަމަށެވެ.

އާ މަޖިލީހުގެ މެމްބަރުން ހުވާ ކުރެއްވުމަށް ފަހު މަޖިލިސް އަލަށް އެކުލަވާލިތާ މިއަދަށް ދެ ހަފްތާ އާއި ހަތަރު ދުވަސްވީ އެވެ. ނަމަވެސް ކޮމެޓީތަކަށް އައްޔަންކުރާނެ ޕާޓީތަކުގެ މެމްބަރުންގެ އަދަދު ކަނޑައެޅުމުގެ ޒިންމާ ހަވާލުކޮށްފައިވާ ފަސް މެމްބަރުންގެ ވަގުތީ ކޮމެޓީ އެކުލަވާލާނެ ގޮތާމެދު އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.

ކޮމެޓީތަކަށް މެމްބަރުން އައްޔަން ނުކުރެވި ލަސްވަނީ ދެ ކޮމެޓީއެއްގައި މެމްބަރުން ތިބެން ޖެހޭ އަދަދަށް ވުރެ ގިނައިން މެމްބަރުން ހިމެނިފައި ވުމުންނެވެ.

ވަގުތީ ކޮމެޓީން ޕާޓީތަކަށް "ސްލޮޓް"ތައް ކަނޑައަޅާފައިވާ ގޮތުން ސަރުކާރު ހިންގާ ކޯލިޝަނަށް މަޖިލީހުގެ 12 ކޮމެޓީއަކުން 59 ގޮނޑި ލިބެ އެވެ. އަދި އެމްޑީޕީ އަށް 39 ގޮނޑި ކޮމެޓީތަކުން ލިބެ އެވެ. އަދި ޖޭޕީ އަށް 23 ގޮނޑި ކޮމެޓީތަކުން ލިބެ އެވެ. އަދި އަދާލަތަށް ދެ ކޮމެޓީއަކުން ދެ ގޮނޑި ލިބެ އެވެ. މަޖިލީހުގައި އިންނެވި ހަމައެކަނި މިނިވަން މެމްބަރަށް ކޮމެޓީން ލިބިވަޑައިގަންނަ ވަނީ އެންމެ އެންމެ ގޮނޑި އެވެ.

މަޖިލީހުގެ ދާއިމީ ކޮމެޓީތަކުގެ އަދަދަކީ 13 އެވެ. ދާއިމީ ކޮމެޓީތަކުގެ ތެރެއިން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) އަށް ޕާޓީތަކަށް ސްލޮޓްތައް ދޭނެ އުސޫލެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ.