14 Jun 2014, 10:35
ފުރާވަރުގެ ކުދިންނަށް ހާއްސަކޮށްގެން ފުލުހުން ކުރިޔަށް ގެންދާ "ބްލޫސް ފޯ ޔޫތު ކޭމްޕް"ގެ މާލެ ސަރަހައްދުގެ ތިން ވަނަ ކޭމްޕް ނިންމާލައިފި އެވެ.
ބްލޫސް ފޯ ޔޫތު ކޭމްޕްގެ ތިން ވަނަ ބުރު ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރޭ ފޭދޫ ފިނޮޅުގައި ބޭއްވި ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަދީބު ވިދާޅުވީ، ބައެއް ފަހަރު ސްކޫލް ނިންމައިގެން ނުކުންނަ ޒުވާނުން ވަޒީފާއެއް ނުލިބި މަގު ގެއްލިގެން ދާތަން ފެންނަ ކަމަށާއި ޒުވާނުންނަށް ހާއްސަކޮށްގެން ފުލުހުން ކުރިޔަށްގެންދާ "ބްލޫސް ފޯ ޔޫތު"ކެމްޕަކީ އެކަންކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކޭމްޕްތަކެއް ކަމަށް އަދީބު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދެއްކި ބްލޫސް ފޯ ޔޫތު ކޭމްޕްގެ ބައިވެރިއެއް ބުނީ، އެ ކޭމްގެ ސަބަބުން ދިރިއުޅުމުގެ ރީތި އާދަތަކާއި މުޖުތަމައުގައި ބަލައިގަންނަ އަދި ބޭނުންހިފޭ މީހަކަށް ވުމަށް އަށަގަންނަން ޖެހޭ ރީތި އާދަތައް ދަސްވެގެން ދިޔަ ކަމަށެވެ.
ބްލޫސް ފޯ ޔޫތު ކޭމްޕް މާލެ ސަރަހައްދުގެ އިތުރުން ފުވައްމުލަކާއި އައްޑޫ ސިޓީގައި ކުރިޔަށްދާ އިރު، މިއަދު ނިންމާލި ކޭމްޕްގައި 13 އަންހެން ކުދިންނާއި 28 ފިރިހެން ކުދިން ބައިވެރިވި އެވެ.