14 Jun 2014, 10:21
އެކަކު އަނެކަކުގެ ވާހަކަ ދައްކައި ޣީބަ ބުނެ ހެދުން ރާއްޖޭގައި އާއްމު ވެފައިވާ ކަމަށް ވިދާޅުވެ، އައް ޝައިޚު މުޙައްމަދު ސަމީރު އިބުރާހީމް އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރަމަޟާން މަސް ކައިރިވަމުން އަންނާތީ އެންމެ ފައިދާ ހުރި ގޮތުގައި ރޯދަހިފުމާ ބެހޭ ގޮތުން ހުޅުމާލޭ ޣާޒީ ސްކޫލްގައި ރޭ ދެއްވި ދަރުސެއްގައި ޝައިޚު ވިދާޅުވީ ރާއްޖޭގައި ކަނޑުމަހާއި ފަރުމަހަށް ވުރެ ވެސް ގިނައިން ކަނީ "މިނިމަސް" ކަމަށެވެ.
"... ޝައިތޯނާ އިންސާނާގެ ދުލުގައި ހިފައިގެން ދަމާ ކަހަލަ. ކޮންމެވެސް މީހެއްގެ ވާހަކަ. ކޮންމެވެސް މީހެއްގެ ހުރި އައިބެއްގެ ވާހަކަ. އެމީހެއްގެ ހުރި ނުބައި ސިފައެއްގެ ވާހަކަ، ނުވަތަ އެމީހާ ނުރުހޭ ކޮންމެވެސް ކަމެއްގެ ވާހަކަ، ވަރަށް ފަސޭހައިން މީހުން ދައްކާ. އަޅުގަނޑުމެން ކަނޑުމަސް ނުކެޔަސް، ފަރުމަސް ނުކެޔަސް، އަޅުގަނޑުމެން ވަރަށް ގިނައިން މިނިމަސް ކައި އުޅެމު. ކަނޑުމަހަށް ވުރެ، ފަރުމަހަށް ވުރެ، އަދި އެއްގަމު މަހަށް ވުރެ، ގެރިމަހަށް ވުރެ މިނިމަސް މާ އަގުހެޔޮ އެއްޗަކަށް ވެފައި އޮންނަނީ،" ރޯދައަށް ހުންނަ މީހާ އެހެންމީހުންގެ ވާހަކަ ދެއްކުމުން އޭނާގެ ރޯދަ ބޭކާރުވާނެ ކަމަށް އޮންނަ ހަދީސެއް ވިދާޅުވެދެއްވުމަށް ފަހު ޝައިޚު ސަމީރު ވިދާޅުވި އެވެ.
ޝައިޚު ވިދާޅުވީ ރަމަޟާން މަހުގައި ނޫނަސް އެކަކު އަނެކަކުގެ ވާހަކަ ދައްކައި ޣީބަބުނެ ހެދުމަކީ މަނާކުރައްވާފައިވާ ކަމެއް ކަމަށެވެ. އަދި ރޯދައިގެ އަޅުކަމުގައި ވަގުތު ހޭދަކުރަމުންދާ އިރު އެކަން ވަކީން ބޮޑަށް މަނާ ވެގެންދާ ކަމަށް ވެސް ވިދާޅުވި އެވެ. އެހެންވީމާ ރޯދައަށް ހުންނަ އިރު ދޫރައްކާތެރި ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެއީ ގިނަ ބަޔަކަށް މިހާރު ވަރަށް އުނދަގޫ ކަމަކަށް ވެފައިވާ ކަމެއް ކަމަށް ވެސް ޝައިޚު ވިދާޅުވި އެވެ.
ވިދާޅުވީ ރޯދައަށް ހުންނަ އިރު ދޫ ރައްކާތެރި ކުރުމަށް މާތް ރަސޫލާ އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
"... އެހެންވީމާ މިޙަދީސް ފުޅުގައި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވައާލިހީ ވަސައްލިމް އިރުޝާދު ދެއްވާފައި ވަނީ ރޯދައަށް އަޅުގަނޑުމެން ހުންނަން ޖެހޭނީ އަޅުގަނޑުމެންގެ ދޫ ރައްކާތެރިކޮށްގެންކަން. އަޅުގަނޑުމެންގެ ދުލުން ހަޑި އެއްޗިހި ކިޔައިގެން ނުވާނެކަން. ދޮގު ހަދައިގެން ނުވާނެކަން. ދޮގު ހެދުމާއި ހަޑި އެއްޗިހި ކިއުމާއި ދޭތެރެޖެއްސުމާއި ޣީބަ ބުނުމާއި މިކަންކަމަކީ އާއްމުކޮށް އެހެން މަސްތަކުގައި ވެސް މަނާކުރެވިފައިވާ ކަންކަން. އެހެން ނަމަވެސް ރޯދައަށް އަޅުގަނޑުމެން ހުންނަ އިރުގައި އިތުރަށް އެކަން ކަން މަނާވެގެން އެބަދޭ،" ޝައިޚު ވިދާޅުވި އެވެ.
އެކަން އެހެން އޮތް ނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި ދޫރައްކާތެރި ކުރުމަކީ މިއަދު އުނދަގޫ ކަމަކަށް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއީ ވަރަށް ބޮޑު، ވަރަށް ނުރައްކާތެރި ކަމެއްކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.
"...އަޅުކަމެއްގެ ތެރޭގައި އަޅުގަނޑުމެން ވަގުތު ހޭދަކުރަމުންދާ އިރު އަޅުގަނޑުމެންގެ ދޫ އެބަޖެހޭ ރައްކާތެރިކުރަން. ލޮބުވެތި އިއްޒަތްތެރި މުސްލިމް އަޚުންނާ އުޚުތުން. މިއީ ވަރަށް ބޮޑު ކަމެއް. އަޅުގަނޑުމެންނަށް ރޯދަ ގެއްލިދާނެތީ ފެން ނުބޮއި ތިބެވޭ. އެއްޗެއް ނުކައި ތިބޭ. އެކަމަކު ވެސް މީހުންގެ މަސް ނުކައި ތިބެން ވަރަށް އުނދަގޫ. މީހެއްގެ ވާހަކަ ނުދައްކައި ތިބެން ވަރަށް އުނދަގޫ ކަމަކަށް ވެފައި އޮންނަނީ،" އެކަކު އަނެކަކުގެ ވާހަކަ ދެއްކުން ރާއްޖޭގައި އާއްމުވެފައިވާ މިންވަރު ބަޔާން ކޮށް ދެއްވުމަށް ޝައިޚު ވިދާޅުވި އެވެ.
" ރޯދައަކީ އައްޑަނައެކެވެ" މިމައުޟޫއުގެ ދަށުން ރޭ ދެއްވި ދަރުސްގައި ރަނގަޅު ގޮތުގައި ރޯދަ ހިފާނެ ގޮތާ ބެހޭ ގޮތުން ކީރިތި ޤުރުއާނާއި ސުންނަތުގެ އަލީގައި ވަރަށް ތަފުސީލުކޮށް ޝައިޚު ސަމީރު ވާހަކަފުޅު ދެއްކެވި އެވެ.