14 Jun 2014, 10:00
ޕެރިސް (ޖޫން 14) : އީރާނުގެ ނިއުކްލިޔާ މައްސަލާގައި ހުޅަނގުގެ ބާރުތަކާއި އީރާނާ ދެމެދު މިދިޔަ ހަފްތާގައި ވަކިވަކިން ބޭއްވި ވާހަކަތައް ކާމިޔާބު ނޫންކަމަށާއި ހުޅަނގުން ބޭނުންވާ ދޫތައް ދިނުމަށް އީރާން ފަސްޖެހިފައިވާ ކަމަށް ފަރަންސޭސިވިލާތުން ތުހުމަތުކޮށްފި އެވެ. ފަރަންސޭސި ޚާރިޖީ ވުޒާރާގެ އިސް ޑިޕްލޮމޭޓަކު ވިދާޅުވީ ޖެނީވާގައި މިދިޔަ ބުދަދުވަހު ފަރަންސޭސިވިލާތާ އެކު ބޭއްވި ވާހަކަތަކުގެ ޖައްވު ރަނގަނޅު ނޫން ކަމުގަ އެވެ. އަދި އީރާނުން އޮތީ ހުޅަނގުން ބޭނުންވާ ހުރިހާ ދޫތަކެއް ނިއުކްލިޔާ މައްސަލާގައި ދޭގޮތަށް ނޫންކަން މިވާހަކަތަކުން އެނގިގެން ދިޔަ ކަމަށް ވެސް ފަރަންސޭސި މަސްއޫލުވެރިޔާ ވިދާޅުވި އެވެ.
މިވާހަކަތަކުގެ ކުރިން އީރާނާއި އެމެރިކާއާ ދެމެދުވެސް ވަނީ ސީދާގޮތެއްގައި އީރާނުގެ ނިއުކްލިޔާ މައްސަލައާބެހޭ ގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވާފަ އެވެ. މިމަޝްވަރާތައް ކާމިޔާބު ނޫން ކަމަށް އެމެރިކާ ވެސް ވަނީ ބުނެފަ އެވެ. އީރާނުގެ ނިއުކްލިޔާ މައްސަލާގައި ހުޅަނގުގެ ބާރުތަކާއި އީރާނާ ދެމެދު މިދިޔަ ހަފްތާގައި ވަކިވަކިން މަޝްވަރާތައް ބާއްވާފައި ވަނީ މިމައްސަލާގައި ހުޅަނގުގެ ބާރުތަކާ އެކު މިމަހުގެ 26ގައި ބޭއްވުމަށް ހަމަޖެހިފައިވާ ވާހަކަތަކަށް ތައްޔަރުވުމުގެ ގޮތުންނެވެ. މިމަހުގެ 26 ގައި ބާއްވާ ވާހަކަތަކަކީ މިމައްސަލާގައި އީރާނާއި ހުޅަނގުގެ ބާރުތަކާދެ މެދު ދާއިމީ އެއްބަސްވުމަކަށް އައުމުގެ މަގްސަދުގަ އެވެ. ދާއިމީ އެއްބަސްވުމަކަށް އާދެވުމަކީ އީރާނުން އެގައުމުގެ ނިއުކްލިޔަރ ޕްރޮގްރާމް އަސްކަރީ ކަންކަމަށް ބޭނުންކުރާ ކަމަށްބުނެ އީރާނާ ދެކޮޅަށް ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.
ނިއުކްލިޔާ މައްސަލާގައި ހުޅަނގުގެ ބާރުތައް އީރާނުގެ ކިބައިން އެދެނީ ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް މުޅިން ހުއްޓާލައި ހުޅަނގުގެ ގައުމުތަކުން އީރާނަށް ފޯރުކޮށްދޭ ފައްކާކުރި ޔޫރޭނިޔަމްގެ މައްޗަށް އީރާނުގެ ނިއުކްލިޔާ ޓެކްނޮލޮޖީއާއި މިކަމާ ބެހޭ ސިނާއަތު ބަރޯސާ ކުރުމަށެވެ. އޭރުން އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމުގެ ހަގީގީ ކޮންޓްރޯލް އީރާނުގެ އަތުން ގެއްލި އެ ކޮންޓްރޯލް އޮންނާނީ ހުޅަނގުގެ ބާރުތަކުގެ އަތްމަތީގަ އެވެ. މީގެބަދަލުގައި އީރާން ބޭނުން ވަނީ އެގައުމުގެ މަދަނީ ކަންކަމަށް ބޭނުންވާ ހަކަތަ އުފެއްދުމަށާއި ނިއުކްލިޔާ އައިސޮޓޮޕްސް އުފެއްދުމަށް ޓަކައި އެގައުމު އަމިއްލަ އަށް ޔޫރޭނިޔަމް ފައްކާކުރުމަށެވެ. އެއްވެސް ހާލަތެއްގައި މިހައްގު ދޫކޮށްނުލާނެކަމަށް ތަކުރާރުކޮށް އީރާން ބުނަމުން ގެންދިޔަ ނަމަވެސް އީރާނުން ވަނީ މިމައްސަލާގައި ދޫތަކެއް ދިނުމަށް އުސޫލެއްގެ ގޮތުން އެއްބަސްވެފަ އެވެ. މިގޮތުން އދ.ގެ އިނިސްޕެކްޓަރުންގެ ބެލުމުގެ ދަށުން މިކަން ކުރިޔަށް ގެންދިޔުމާއި 20 އިންސައްތައަށްވުރެ މައްޗަށް ޔޫރޭނިޔަމް ފައްކާނުކުރާނެ ކަމުގެ ޔަގީންކަން ހުޅަނގަށް ދިނުމަށާއި މިކަން ބަލައި ޗެކްކުރެވޭނެ މެކޭނިޒަމެއް ގާއިމް ކުރުމަށް އުސޫލެއްގެ ގޮތުން އީރާން ވަނީ އެއްބަސްވެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ހުޅަނގުގެ ބާރުތަކާއި އީރާނާ ދެމެދު މިދިޔަ ހަފްތާގައި ވަކިވަކިން މަޝްވަރާތައް ނަކާމިޔާބު ވެފައިވަނީ ޔޫރޭނިޔަމް ފައްކާކުރުމުގެ މައްސަލާގަ އެވެ. މިމައްސަލާގައި އަދިވެސް ހުޅަނގުން ބޭނުންވަނީ ޔޫރޭނިޔަމް ފައްކާކުރުމުގެ ޓެކްނޮލޮޖީން އީރާން މުޅިން މަހްރޫމް ކުރުމަށް ކަމަށް ވާތީ މިމައްސަލާގައި އީރާނުން ފާޅުގައި ދެކޮޅު ހަދާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އީރާނުން އިއްޔެ ބުނެފައި ވަނީ ހުޅަނގުން މިމައްސަލާގައި ގޮތްދޫނުކޮށްފި ނަމަ އީރާނުން ދެން ފަށާނީ 20 އިންސައްތައަށް ވުރެ މައްޗަށް ޔޫރޭމް ފައްކާ ކުރުމުގެ މައްސައްކަތް ކަމުގަ އެވެ. މިއީ އީރާނުން ހުޅަނގަށް ދިން އިންޒާރެއް ކަމަށް މުރާސިލުން ވަނީ ސިފަކޮށްފަ އެވެ. އީރާނުން އަސްކަރީ ބޭނުންތަކަށް ނިއުކްލިޔާ ޓެކްނޮލޮޖީ ބޭނުންކުރާ ކަމަށް ހުޅަނގުން ކުރާ ތުހުމަތުތަކަށް އެއްވެސް ހެއްކެތް ހުޅަނގުގެ ގައުމުތަކަށް ދެއްކިފައެއް ނުވެ އެވެ. (ނޫސްއެޖެންސީތައް)