14 Jun 2014, 09:43
ބެލެނިވެރިޔަކުނެތި މޫދަށް އެރި އުޅެނިކޮށް ގެނބެމުން ދިޔަ ހަތަރު އަހަރުގެ އަންހެން ކުއްޖަކު ފުލުހެއް އިއްޔެ ސަލާމަތްކޮށްފި އެވެ.
އާޓިފިޝަލް ބީޗަށް މޫދަށް އެރި އުޅުނު ހަތަރު އަހަރުގެ ކުއްޖާ ގެނބެމުން ދަނިކޮށް އިއްޔެ ހަވީރު ގާތްގަނޑަކަށް ހައެއް ޖަހާ އެހާކަންހާ އިރު ސަލާމަތްކޮށްފައި ވަނީ ފޮރެންސިކް ސަވިސް ޑައިރެކްޓަރޭޓްގައި މަސައްކަތްކުރާ ޕޮލިސް ކޯޕްރަލް ޝާޢިރާ ރަފީއު ކަމަށް ފުލުހުން ބުންޏެވެ.
ޝާޢިރާ ދަރިފުޅު ގޮވައިގެން އާޓިފިޝަލް ބީޗު ސަރަހައްދު ސްޓޭޖާ ދިމާ ސިޑިމަތީ ހުއްޓައި، ކުޑަކުއްޖަކު ގެނބެމުން ދިޔަ މަންޒަރު ފެނުމުން އޭނާގެ ދަރިފުޅު އެކުވެރިޔަކާ ހަވާލު ކުރުމަށް ފަހު، ދުވެފައި ގޮސް މޫދަށް އެރި ގެނބެމުން ދިޔަ ކުއްޖާ މޫދުން ނަގައި ވަނީ ފުރަތަމަ އެހީ ފޯރުކޮށްދީފައި ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެވަގުތު ބޮޑުތަކުރުފާނުމަގުން ދަތުރުކުރަމުން ދިޔަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ އޮޕަރޭޝަންސް ވެހިކަލްގައި އެ ކުއްޖާ ގޮވައިގެން ޝާއިރާ ވަނީ އިތުރުފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގޮސްފަ އެވެ.
އާޓިފިޝަލް ބީޗަށް މޫދަށް އެރިއުޅެނިކޮށް ގެނބުނު ކުއްޖާ އަށް ހޮސްޕިޓަލްގައި ވަނީ ފަރުވާދީފަ އެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު މޯލްޑިވްސް ޕޮލިސް ސާވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓުން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.