14 Jun 2014, 04:04
ވޯލްޑް ކަޕުގެ އެންމެ ފަހުގެ އިން ސްޕެއިން ލަދުގަންނަ ވަރުގެ ބޮޑު ބަދަލެއް ހިފައިފި އެވެ.
އެރީނާ ފޮންޓޭ ނޯވާގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ ފުރަތަމަ ހާފުގައި ވެސް ސްޕެއިން އާންމުކޮށް ދައްކަމުންދާ ބޯޅަ ހިފަހައްޓައިގެން ކުޅުމުގެ ސިސްޓަމަށް ނެދަލޭންޑުން ވަނީ ވަރަށް ފުރިހަމައަށް ހުރަސް އަޅައިފަ އެވެ.
ސައުތު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގައި ފައިނަލުގައި މި ދެޓީމު ބައްދަލުކުރި މެޗު 1-0 ލަނޑުން ސްޕެއިން ކާމިޔާބުކުރި ނަމަވެސް، މިރޭ ކުޅުނު މެޗު 5-1 ލަނޑުން ކާމިޔާބުކުރީ ނެދަލޭންޑްސް އެވެ. މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިން އަދި ނެދަލޭންޑްސްއަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައި ވެއެވެ.
މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ މިރޭ ބޮޑު ލަދަކާ ކުރިމަތިލާން ޖެހުނު ސްޕެއިން އެވެ. މެޗުގެ 27 ވަނަ މިނެޓްގައި ސްޕެއިނަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ރެއާލް މެޑްރިޑަށް ކުޅެމުންދާ މިޑްފީލްޑަރު ޒަބީ އަލޮންސޯ އެވެ. ސްޕެއިނަށް މި ޕެނަލްޓީ ލިބުނީ ޑިއެގޯ ކޮސްޓާއަށް ނެދަލޭންޑްސްގެ ޑި ރިޖް ކުރި ފައުލަކާއި ގުޅިގެންނެވެ.
ސްޕެއިނުން ލީޑު ނެގުމާއެކު ނެދަލޭންޑްސްގެ ކުޅުން އިތުރަށް ރަނގަޅު ކުރި ތަން ފެނިގެންދިޔަ އެވެ. އެގޮތުން އެ ވަގުތު ކޮޅުގެ ތެރޭގައި ނަދެލޭންޑްސުން ސްޕެއިންގެ ގޯލަށް ނުރައްކާ ކުރަމުން ދިޔަ އެވެ. ނެދަލޭންޑްސަށް މެޗުގެ ނަތީޖާ ހަމަހަމަކުރެވުނީ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ. ޑެލޭ ބްލައިންޑްގެ ރީތި ބޯޅައަކުން ނެދަލޭންޑްސް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ އަދި އެ ޓީމުގެ ކެޕްޓަން ރޮބިން ވެން ޕާސީ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި މޮޅު ކުޅުމެއް ފެނިގެންދިޔައީ ނެދަލޭންޑްސްގެ ފަރާތުންނެވެ. ސްޕެއިންގެ ދެ ޑިފެންޑަރުން ކަމަށްވާ ޖެރާޑް ޕީކޭ އަދި ސާޖިއޯ ރަމޯސް ތަޅުވާލުމަށް ފަހު، ނެދަލޭންޑަށް ލީޑު ނަގައިދިނީ ބަޔާން މިއުނިކަށް ކުޅެމުންދާ ވިންގާ އާރްޔެން ރޮބެން އެވެ. އޭނާ މިލަނޑު ކާމިޔާބުކުރީ މެޗުގެ 53 ވަނަ މިނެޓްގައެވެ.
ގިނަ ތަރިންތަކެއް ހިމެނޭ ސްޕެއިނަށް އިތުރު މާޔޫސްކަމެއް ގެނުވީ ނެދަލޭންޑްސްއަށް ލިބުނު ހިލޭ ޖެހުމަކުންނެވެ. މެޗުގެ 64 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން ވެސްލޭ ސްނެއިޑާ ނެގި ހުރަހުން ނެދަލޭންޑްސްގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ސްޕެއިންއަށް ޕެނަލްޓީ ހަދިޔާކޮށްދިން ޑި ރިޖް އެވެ. މިއީ އޭނާ ގައުމީ ޓީމަށް ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
މެޗުގެ ތިންވަނަ ލަނޑާއެކު ސްޕެއިނުން ހަމަނުޖެހި އުޅެނިކޮށް، ނެދަލޭންޑްސްގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކުރީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ވެން ޕާސީ އެވެ. މި ލަނޑު ވެން ޕާސީ ކާމިޔާބުކުރީ ސްޕެއިންގެ ކެޕްޓަން އަދި ގޯލްކީޕަރު އިކާ ކަސިޔަސްއަށް ހެދުނު ގޯހަކުންނެވެ.
މެޗުގައި ނެދަލޭންޑްސް ކާމިޔާބުކުރި ފަހު ލަނޑަކީ މި އަހަރުގެ ވޯލްޑް ކަޕުގައި ފެނިގެންދިޔަ އެންމެ ރީތި އެއް ލަނޑެވެ. މެޗުގެ 80 ވަނަ މިނެޓްގައި ނެދަލޭންޑްސްްއަށް މި ފުރިހަމަ ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ރޮބެން އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ސްޕެއިންގެ ޑިފެންޑަރުންނާއި ގޯލްކީޕަރު ކަސިޔަސް ކައިރިން ނައްޓާލުމަށް ފަހު އެވެ.
ނެދަލޭންޑްސް އަތުން 5-1 ލަނޑުން ލިބުނު ނާކާމިޔާބީއަކީ ފަހުގެ ތާރީހުގައި ސްޕެއިން ޓީމަށް ލިބުނު އެންމެ ބޮޑު ނާކާމިޔާބީ އެވެ. ވޯލްޑް ކަޕް މެޗެއްގައި ސްޕެއިން ކޮޅަށް 3 ލަނޑަށް ވުރެ ގިނައި ވަދެފައިވަނީ، މީގެ 64 އަހަރު ކުރިން، ބްރެޒިލްއާ ދެކޮޅަށް 1950ގައި އެގައުމުގައިި ކުޅުނު މެޗުގައެވެ. އެ މެޗުން ސްޕެއިން ބަލިވީ 6-1 ލަނޑުންނެވެ.
ސްޕެއިނުން 2010 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދި ވޯލްޑް ކަޕުގެ ފުރަތަމަ މެޗުގައި ވެސް އެ ޓީމު ބަލިވެފައި ވެއެވެ. ސްވިޒަލޭންޑާއި ދެކޮޅަށް ކުޅުނު އެ މެޗުން ސްޕެއިން ބަލިވީ 1-0 ލަނޑުންނެވެ. ނަމަވެސް އޭގެ ފަހުން ކުޅުން ރަނގަޅުކޮށް، ރީތި ކުޅުމަކާ އެކު ސްޕެއިން ވަނީ އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައެވެ.