ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގެ ދެ ވަނަ މެޗުގައި ކެމަރޫންގެ މައްޗަށް 1-0 ލަނޑުން ކުރި ހޯދައިގެން މުބާރާތުގެ ފެށުން މެކްސިކޯއިން ރަނގަޅު ކޮށްފިއެވެ.

ބްރެޒިލްގެ ރިއޯ ޑި ޖެނެއިރޯގެ އެރީނާ ޑަސް ޑުނާސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ކެމަރޫން ކޮޅަށް މެކްސިކޯއިން ޖެހި ހަމައެކަނީ ލަނޑު މެޗުގެ 61 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އުމުރުން 30 އަހަރުގެ ފޯވާޑް އުރިބޭ ޕެރަލްޓާ އެވެ.

މިރޭގެ މޮޅާއެކު ގްރޫޕް އޭ ގައި މެކްސިކޯ އޮތީ ތިން ޕޮއިންޓާއެކު ދެ ވަނަ މަގާމްގައެވެ. އެއް ވަނަ މަގާމް ގައި އޮތީ ރޭ ކްރޮއޭޝިއާ އަތުން 3-1 ލަނޑުން މޮޅުވި ބްރެޒިލް އެވެ. ގްރޫޕް އޭ ގައި ބްރެޒިލްއަށް ވެސް ތިން ޕޮއިންޓު ލިބިފައި ވީނަމަވެސް އެއް ވަނަ ބްރެޒިލްއަށް ލިބެނީ ގޯލްގެ ތަފާތުންނެވެ. އަދި މިގްރޫޕްގެ ކެމަރޫން އަދި ކްރޮއޭޝިއާ އަކަށް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

ދެޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ހާފުގައި ކެމަރޫނަށްވެސް ލަނޑު ޖަހާނެ ދެ ތިން ފުރުސަތެއް ލިބުނެވެ. ނަމަވެސް ކެމަރޫންގެ ފޯވާޑުން މެކްސިކޯގެ ގޯލަށް ފޮނުވާލި ދެހަމަލާ ވެސް އެޓީމުގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ. އަދި ފުރަތަމަ ހާފުގައި ކެމަރޫންގެ ޓީމަށް ލަނޑު ޖަހަން ލިބުނު އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެޓީމުގެ ތަޖުރިބާކާރު ފޯވާޑް އަދި ކެޕްޓަން ސެމުއެލް އެޓޫއަށެވެ. ނަމަވެސް އެޓޫ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އެއް އަރިމަތިން ބޭރަށެވެ.

މެޗުގެ ދެ ވަނަ ހާފުގައި ކެމަރޫނަށް ލަނޑު ޖަހަން ލިބުނު ފުރުސަތުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ 61 ވަނަ މިނެޓުގައި މެކްސިކޯއިން ލަނޑުޖަހައި މެޗުގެ ލީޑް ނެގުމެވެ. އެލަނޑު މެކްސިކޯއަށް ކާމިޔާބު ކޮށްދިނީ ފޯވާޑް އުރިބޭ ޕެރަލްޓާއެވެ.

މިރޭގެ މެޗް ނިމެން ދަނިކޮށް މެކްސިކޯއަށް މެޗުގެ ލީޑް ފުޅާ ކުރުމަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެއީ އެޓީމުގެ ފޯވާޑް ހާވިއާ ހަނާންޑޭޒަށް ލިބުނު ފުރުސަތެކެވެ. ކެމަރޫންގެ ގޯލަށް ހަނާންޑޭޒް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މުބާރާތުގެ ގްރޫޕް އޭ ގައި މެކްސިކޯ ދެން ނުކުންނާނީ ބްރެޒިލްއާ ދެކޮޅަށެވެ. އެމެޗް ކުޅޭނީ އަންނަ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12:00ގައެވެ.