14 Jun 2014, 00:21
ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން އުސްފަސްގަނޑުގައި ބެހެއްޓި 40 ފޫޓުގެ ބޮޑު ސްކްރީނުން މެޗު ބަލަން އެތައް ސަތޭކަ ބަޔަކު އުސްފަސްގަނޑަށް މިރޭ އެއްވެއްޖެ އެވެ.
ވޯލްޑް ކަޕަށް ހާއްސަކޮށްގެން އުސްފަސްގަނޑުގައި އެސްޓީއޯ އިން ބެހެއްޓި ސްކްރީނަކީ މިހާތަނަށް ރާއްޖޭގައި ބެހެއްޓި އެންމެ ބޮޑު ސްކްރީނެވެ. އުސްފަސްގަނޑުގައި އާންމުން ވޯލްޑް ކަޕުގެ މެޗުތައް ބެލުމަށްޓަ ތައްޔާރުކުރި "ވޯލްޑް ކަޕް މަޖާ" ޖަގަހަ ހުޅުއްވައި ދެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ.
މެޗު ބެލުމަށްޓަކައި ތައްޔާރުކުރި "ވޯލްޑް ކަޕް މަޖާ" ޖަގަހާގައި 250 ޖޯލި ވެސް އެސްޓީއޯއިން ހަދައިފައި ވެ އެވެ. ވޯލްޑް ކަޕުގެ ގްރޫޕް އޭގައި މެކްސިކޯ އާއި ކެމަރޫން މިރޭ ކުޅުނު މެޗު ބެލުމަށްޓަކައި ގިނަ އަދަދެއްގެ ބަޔަކު އެ ޖަގަހައަށް ޖަމާވި އެވެ. އަދި ސްޕެއިނާއި ނެދަލެންޑް މިރޭ ދަންވަރު ބައްދަލު ކުރާ މެޗު ބެލުމަށް ވެސް ވެސް ގިނަ ބަޔަކު ވަނީ އުސްފަސްގަނޑަށް ޖަމާވެފަ އެވެ.
އުސްފަސްގަނޑުގައި ޖަހާފައިވާ ބެންޗުތައް ފުރި، އެތައް ބަޔަކު އެ ސަރަހައްދުގައި މިރޭ ކޮޅަށްވެސް ތިއްބެވެ. އަދި ބޮޑު ސްކްރީން އުސްފަސްގަނޑުގައި ބެހެއްޓުމާއެކު އެ ސަރަހައްދުގެ ގާޑިޔާތަކުގެ ވިޔަފާރި ވެސް ވަނީ ރަނގަޅުވެފަ އެވެ.
ޖަގަހަ ހުޅުއްވައި ދެއްވުމަށް ފަހު ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވީ އެ ޖަގަހަ ހުޅުވުމުގެ ބޭނުމަކީ ރައްޔިތުން ހިތްހަމަޖެހޭ، އެކީގައި ތިބެގެން ވޯލްޑްކަޕް ބަލައިލެވޭނެ މާހައުލެއް ގާއިމް ކުރުން ކަމަށެވެ.
އެސްޓީއޯގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން އެ ކުންފުނީގެ ކޮންސްޓްރަކްޝަން މެޓީރިއަލް އަދި ހޯމް އިމްޕްވްރޫމަންޓުގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ޒިއަތު ވިދާޅުވީ، އެސްޓީއޯގެ ގިނަ މުވައްޒަފުންތަކެއްގެ ބުރަ މަސައްކަތުން ތައްޔާރުކުރި މި ޖަގަހާގައި މެޗުތައް ދައްކާނީ އެޗްޑީކޮށް ކަމަށެވެ.
މިހާރު ވެސް މާލޭގެ ގިނަ ސަރަހައްދުތަކެއްގައި ވޯލްޑް ކަޕުގެ މެޗުތައް ބެލުމަށްޓަކައި އަމިއްލަ ފަރާތްތަކުން ވަނީ ސްކްރީންތައް ބަހައްޓައިފައެވެ.
އެސްޓީއޯ އިން އުސްފަސްގަނޑުގައި މި ހުޅުވި "ވޯލްޑްކަޕް މަޖާ" ޖަގަހައިގެ ހުރިހާ މަސައްކަތެއް ވެސް ކޮށްފައިވަނީ އެސްޓީއޯގެ މުވައްޒަފުން އަމިއްލަ އަށެވެ.
މި ޖަގަހަ ހުޅުވުމުގެ ހަފުލާގައި އެސްޓީއޯގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އެ ކުންފުނީގެ މެނޭޖިންގް ޑައިރެކްޓަރު އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވި އެވެ.