Last Updated:
1 decade 1 year ago

ވޯލްޑް ކަޕް: ސްޕެއިން 1-5 ނެދަލޭންޑްސް

    ބުލޮގު ޚުލާސާ
    މިފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ބީގައި ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ސްޕޭން އާއި އެންމެ ފަހުގެ ރަނަރަޕް ނެދަލޭންޑްސް ބައްދަކުރާ މެޗަށް މަރުހަބާ.
    02:00

    މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ، ނެދަލޭންޑްސްގެ ހުނަރުވެރި ފޯވާޑް ރޮބިން ވެން ޕަސީ. އޭނާ ވަނީ މިރޭ އެޓީމަށް ދެ ލަނޑު ޖަހާދީފައި. މެޗުގައި 79 މިނިޓް ކުޅެފައި ވާއިރު، 27 ޕާސް، އަދި 4 ޝޮޓް ހަދާފައިވޭ.
    01:53

    ވޯލްޑް ކަޕް މެޗެއްގައި ސްޕެއިން ކޮޅަށް 3 ލަނޑަށް ވުރެ ގިނައި ވަދެފައިވަނީ، މީގެ 64 އަހަރު ކުރިން، ބްރެޒިލްއާ ދެކޮޅަށް 1950ގައި އެގައުމުގައިި ކުޅުނު މެޗުގައި. އެމެޗުން ސްޕެއިން ބަލިވީ 6-1 ލަނޑުން.
    01:51

    ސްޕެއިން 1-5 ނެދަލެންޑްސް.
    01:51

    މެޗު ނިމިއްޖެ.
    01:51

    ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން ކޮޅަށް މިވަނީ ލަނޑު ގޯންޏެއް އަޅާލާފައި.
    01:50

    އިތުރު ވަގުތުގެ ހަތަރު މިނިޓް ކުޅެނީ.
    01:49

    މި މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ގޯލް ފެނިގެން ގޮސްފައިވާ މެޗަށް މި މެޗު ވެގެންދާއިރު އެންމެ ފަހުގެ ޗެމްޕިއަނުން ކޮޅަށް މިވަނީ އެންމެ ގިނަ ލަނޑު ވަދެފައި.
    01:47

    ހަމަ ގައިމުވެސް އެންމެ ފަހުގެ ވޯލްޑް ކަޕުގެ ފައިނަލްގައި މި ދެޓީމު ވާދަކޮށް ނެދަލެންޑްސް މައްޗަށް ސްޕެއިން ހޯދި ކާމިޔާބީގެ ރަނގަޅު ބަދަލަކަށް ވާނެ.
    01:46

    މެޗުގެ ފުރި ހަމަ ވަގުތުގެ ފަހު މިނިޓްގެ ކުޅުން ކުރިއަށް ދާއިރު ނެދަލޭންޑްސް އިން މިވަނީ، ސްޕެއިން ޓީމަށް ތޫފާނެއް ކުރިމަތި ކުރުވާފައި.
    01:38

    ކަސިއަސް ކައިރިން ބޯޅަ ނައްޓާލުމަށް ފަހު، ސްޕެއިންގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެޓީމުގެ ޑިފެންޑަރުން ބީޓްކޮށްފައި ރޮބެން ފޮނުވާލި ބޯޅަ ގޮސް ގޯލްތެރެއަށް. މިއީ މި މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ރީތި އެއް ލަނޑު.
    01:38

    ނެދަލޭންޑްސްގެ ފަސް ވަނަ ލަނޑު ޖަހައިފި.
    01:36

    ވެން ޕަސީ ގެ ބަދަލުގައި ލެންސް ކުޅެން އަރުވައިފި.
    01:35

    ބެލްޖިއަން ކުޅުންތެރިން ސްޕެއިން ނެދަލެންޑްސް މެޗު ބަލަނީ.
    01:33

    ރާމޯސް ފޮނުވާލި ބާރު ހިލޭ ޖެހުން ގޯލަށް އަމާޒެއް ނުވި.
    01:30

    އިކާ ކަސިއަސް ކައިރިން ނައްޓާލާފައި ވެން ޕަސީ ސްޕެއިންގެ ގޯލް ތެރެއަށް ފޮނުވާލި ބޯޅައަކީ އޭނާ މިރޭ ކާމިޔާބުކުރި ދެވަނަ ލަނޑު.
    01:30

    ނެދަލެންޑްސް ގެ ހަތަރު ވަނަ ލަނޑު ޖަހައިފި.
    01:25

    މިފަހަރު ސްޕެއިންގެ ނަސީބު އަތަކު ނުހިފި. ނެދަލެންޑްސް ޕެނަލްޓީ އޭރިޔާ ތެރެއިން ޑެވިޑް ސިލްވާއަށް ލިބުނު ބޯޅަ ގޯލްތެރެއަށް ފޮނުވާލި ނަމަވެސް އެސިސްޓެންޓް ރެފްރީ ހުރީ ސިލްވާ އޮފްސައިޑް ކަމަށް ދައްކައިގެން.
    01:22

    ސްޕެއިންގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ނެދަލެންޑްސް ކުޅުންތެރިން ހުރަސްކޮށްލި ބޯޅަ ދިފާއުކުރަން ކީޕަރު ކަސިއަސް އެރި ނަމަވެސް، ގޯލްގެ އަރިމަތީ ހުރި ޑި ވްރިޖް ބޮލުން ޖަހައި ފޮނުވާޅި ބޯޅަ ގޯލްގެ ތެރެއަށް ވަނީ.
    01:21

    ނެދަލެންޑްސް ތިން ވަނަ ލަނޑު ޖަހައިފި.
    01:20

    ސްޕެއިން ޓީމުން ބަދަލުތަކެއް ގެނެސްފި. އެލަންސޯގެ ބަދަލުގައި ޕެޑްރޯ. ޑިއެގޯ ކޮސްޓާގެ ބަދަލުގައި ފެނާންޑޯ ޓޮރޭޒް.
    01:17

    ސްޕެއިންގެ ޕެނަލްޓީ އޭރިޔާ ތެރެއިން ވެން ޕަސީ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށް. ނުރައްކާތެރި ހަމަލާއެއް.
    01:14

    ނެދަލެންޑްސްގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އާޔެން ރޮބޭން. ސްޕެއިންގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ އެޓީމުގެ ދެ ޑިފެންޑަރު ކައިރިން ނައްޓާލާފައި ރޮބެން ފޮނުވާލި ބޯޅަ ތިރިތިރިން ގޮސް ގޯލަށް ވަނީ.
    01:10

    ނެދަލެންޑްސް ދެވަނަ ލަނޑު ޖަހައިފި.
    01:03

    ދެވަނަ ހާފުގެ ކުޅުން ފަށައިފި.
    00:49

    ފުރަތަމަ ހާފަށް ބަލާއިރު، ބޯލް ޕޮޒެޝަން އުޅެނީ، ސްޕެއިން 60 އިންސައްތަ. ނެދަލޭންޑްސް 40 އިންސައްތަ.
    ފައުލު ކުރި އަދަދަށް ބަލާއިރު، ސްޕެއިން 2 ފައުލް. ނެދަލެންޑްސް ވަނީ 11 ފައުލު ކޮށްފައި.
    ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމަލާތަކަށް ބަލާއިރު، ސްޕެއިން 2، ނެދަލެންޑް 3.
    ގޯލަށް ފޮނުވާލި ހަމަލާތަކަށް ބަލާއިރު ސްޕެއިން 3 ނެދަލެންޑް 4.
    ފުރަތަމަ ހާފުގައި ޖެހި ގޯލް ސްޕެެއިން 1، ނެދަލެންޑް 1.
    00:47

    ފުރަތަމަ ހާފް ނިމިއްޖެ. ސްޕެއިން 1-1 ނެދަލެންޑްސް.
    00:44

    ނެދަލެންޑްސްގެ ޑެލީ ސްޕެއިންގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ނަގައިދިން ރީތި ހުރަހެއް ވެއްޓިގަނެގެން ބޮލުން ޖަހައި ވެން ޕަ ސީ ފޮނުވާލި ބޯޅަ ވަނީ ގޯލްތެރެއަށް.
    00:44

    ނެދަލެންޑް އެއްވަރު ކޮށްފި.
    00:27

    ސްޕެއިންއަށް ލިބުނު ޕެނަލްޓީ އިން ނެދަލެންޑްސްގެ ގޯލް ހުޅުވާލަ ދިނީ، ޒާބީ އެލަންސޯ.
    00:26

    ސްޕެއިންއަށް ޕެނަލްޓީއެއް.
    00:22

    މުބާރާތުގައި މިހާތަނަށް ދެ މެޗު ކުޅެފައި ވާއިރު ދެ މެޗުގެ ރެފްރީންގެ ނިންމުން ތަކަށް ވެސް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުން. މި މެޗުގެ ރެފްރީއަކީ، އިޓަލީގެ ރެފްރީއެއް ކަމަށްވާ، ނިކޮލާ ރިޒޯލީ.
    00:20

    ސްޕެއިންގެ ޑިއެގޯ ކޮސްޓާ ފޮނުވާލި ބޯޅަ ގޯލަށް އަމާޒެއް ނުވި.
    00:17

    މިރޭގެ މެޗުގައި ނެދަލެންޑްސްގެ ފޯވާޑް ވެސްލީ ސްނެއިޑާ ވަނީ، މި މެޗުގެ ސްޕެއިންގެ ފުރަތަމަ 11 ކުޅުންތެރިން އެއްކޮށް ޖަހާފައިވާ ލަނޑަށް ވުރެ ގިނަ ވޯލްޑް ކަޕް ލަނޑު ޖަހާފައި. ސްނެއިޑާ ޖެހި ވޯލްޑް ކަޕް ލަނޑުގެ އަދަދަކީޯ 5، ސްޕެއިންގެ ފުރަތަމަ 11ގައި މިހާރު ތިބި ކުޅުންތެރިންނަށް ޖެހިފައިވަނީ، 3 ލަނޑު.
    00:16

    މި މެޗަކީ އެންމެ ފަހުގެ ވޯލްޑް ކަޕް ފައިނަލް މެޗުގެ ފައްކުރުމެއް.
    00:12

    އިނިއެސްޓާ ފޮނުވާލި ބޯޅަ ނެދަލެންޑްސްގެ ގޯލަށް އަމާޒެއް ނުވި.
    00:10

    ސްނެއިޑާ ފޮނުވާލި ބޯޅަ ކަސިއަސް ދިފާއުކޮށްފި.
    00:00

    މެޗު ފަށައިފި.