މެލޭޝިއާގެ ޕްރިމިއާލީގު (ދެވަނަ ޑިވިޝަން) ކްލަބެއް ކަމަށްވާ ޕޮލިސް ޑި-ރާޖާ މެލޭސިއާއަށް ކުޅެމުން އަންނަ ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ޖަހައިދިން ދެ ލަނޑާ އެކު ޕީބީއޭޕީޕީ އަތުން 4-1 ލަނޑުން ޕީޑީއާރްއެމް މޮޅުވެއްޖެ އެވެ.

މިއަދުގެ މޮޅާއެކު ޕީޑީއާރްއެމް ވަނީ 49 ޕޮއިންޓާއެކު ލީގުގެ އެއް ވަނަ މަގާމް ގައި އޮވެ، މެލޭޝިއަން ސުޕަ ލީގަށް ކޮލިފައި ވެފައެވެ. ލީގުގެ ދެވަނަ މަގާމްގައި އޮތީ 41 ޕޮއިންޓާއެކު އޮތް ފެލްޑާ ޔުނައިޓެޑެވެ. އަދި ޕީޑީއާރުއެމް އަތުން ބަލިވި ޕީބީއޭޕީޕީ އޮތީ ހަތް ޕޮއިންޓާއެކު 12 ވަނައިގައެވެ.

މިއަދުގެ މެޗުގައި ޕީޑީއާރުއެމްގެ ފުރަތަމަ ލަނޑު މެޗުގެ ދެ ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ދަގަނޑޭއެވެ. އަދި މެޗުގައި ދަނގަޑޭ ޖެހި ދެ ވަނަ ލަނޑު އޭނަ ކާމިޔާބު ކުރީ ދެވަނަ ހާފުގެ ކުރީކޮޅުއެވެ. ޕީޑީއާރުއެމްގެ ތިން ވަނަ ލަނޑު ޖެހީ އެޓީމުގެ ބްރެޒިލް ފޯވާޑެވެ. އަދި ހަތަރު ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެލޭޝިއާގެ ފޯވާޑް ބޮބީ ގޮންޒާލޭޒް އެވެ.

މިއަދުގެ މެޗުގައި ޕީޑީއާރުއެމް ކޮޅަށް ޕީބީއޭޕީޕީ އިން ޖެހި ލަނޑު އެޓީމުން ޖެހީ މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށެވެ.

މެލޭޝިއާ ޕްރިމިއާ ލީގުގައި ޕީޑީއާރުއެމް އަންނަ ހޯމަ ދުވަހު ނުކުންނާނީ ލީގުގެ ދެ ވަނަ މަގާމުގައި އޮތް ފެލްޑާއާ ދެކޮޅަށެވެ.