13 Jun 2014, 23:28
ރާއްޖޭގެ ބައެއް ރަށްތަކަށް ކުރިއަށް އޮތް ދެ ދުވަހު ވެސް އުދައިގެ އަސަރު ކުރުމަކީ އެކަށީގެން ވާ ކަމެއް ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސް (މެޓް އޮފީސް) އިން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ، ހުޅަނގު މޫސުން ފެށޭ ދުވަސްވަރަކީ އުދައިގެ އަސަރު ރާއްޖެއަށް ކުރަމުންދާ ދުވަސްވަރެއް ކަމަށެވެ. އަދި މިމަހުގެ އެންމެ ދިޔަވަރު ބޮޑުވާ ދުވަސްތައް ވެސް ދިމާވަނީ މިދުވަސްތަކާ ކަމުން، އުދައިގެ އަސަރު ކުރިއަށް އޮތް ދެތިން ދުވަހު ވެސް ރާއްޖޭގެ ބައެއް ރަށްތަކަށް ކުރުން އެކަށީގެންވާ ކަމަށެވެ.
ހުޅަނގު މޫސުމާ ދިމާކޮށް ރާއްޖޭގެ ރަށްރަށަށް ރަށް ގިރުމާއި އުދަ އެރުމުގެ އަސަރު ތަންކޮޅެއް ބޮޑަށް ތަހައްމަލު ކުރަން ޖެހޭ އިރު، އެކަމުގެ ބިރު ރާއްޖޭގެ އެތަށް ރަށަކަށް އެބަ އޮތެވެ.
މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ. އަދި އުތުރާއި ދެކުނުގެ ބައެއް ރަށްތަކަށް ގުރުރުމާ އެކު ވިއްސާރަކުރާނެ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް ވައިޖެހޭނެ ގޮތަށް ބަލާ އިރު، ހުޅަނގާއި ހުޅަގު އުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ތިން މޭލާއި 10 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެ އެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ އެވެ. އަދި ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.
ދެކުނުގެ ކަނޑުތައް މަޑުވާނެ ކަމަށާއި ނަމަވެސް އެހެން ހިސާބުތަކަށް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.