05 Jan 2011, 05:18
ދިވެހި ރައްޔިތުންނަށް ވާން އެދޭ ބިދޭސީން ހަދަން ޖެހޭ ޓެސްޓް ޕޭޕަރު އެޓާނީ ޖެނެރަލްގެ އޮފީހުން އާންމު ކޮށްފި އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން އާންމު ކޮށްފައިވާ 14 ސޮފުހާގެ ޓެސްޓް ޕޭޕަރު ބުނާ ގޮތުން އެ ޓެސްޓް ޕޭޕަރަކީ ދިވެހި ރައްޔިތަކަށް ވުމަށް އެދޭ ބިދޭސީންނަށް ގާނޫނު އަސާސީގެ މައުލޫމާތު އެނގޭ މިންވަރު ބެލުމަށް ދޭ ޓެސްޓެކެވެ.
ދިވެހި ރައްޔިތުންނަށް ވާން އެދޭ ބިދޭސީންނަށް ހާއްސަ ޓެސްޓް ޕޭޕަރުގައި ތިން ބައެއް ހިމެނެ އެވެ. އެއީ އަނގަ ބަހުން ޖަވާބު ދިނުމަށް ހާއްސަ ކޮށްފައިވާ 12 ސުވާލުގެ ބަޔަކާއި ލިޔުމުން ޖަވާބު ދިނުމަށް ހާއްސަ ކޮށްފައިވާ 12 ސުވާލުގެ ބަޔަކާއި ފާހަގަ ޖަހައިގެން ޖަވާބުދޭ 50 ސުވާލެވެ.
އޭޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ދިވެހި ރައްޔިތުންނަށް ވާން އެދޭ ބޭރު މީހުން އޭޖީ އޮފީހުގައި ގާނޫނީ ޓެސްޓް ހަދަން ޖެހޭއިރު އޭގެ ތެރެއިން 99 ޕަސެންޓް މީހުން ޓެސްޓުން ފާސް ނުވާ ކަމަށެވެ.
"ބުނާނެ ކިޔާކަށް ނޭނގެއޭ، ލިޔާކަށް ވެސް ނޭނގެއޭ. ރައްޔިތަކަށް ވާން އަންނަ އިރު ގިނަ މީހުންނަށް ދިވެހި ބަހުން ލިޔަން ވެސް ކިޔަން ވެސް ނޭނގޭ،" އޮފިޝަލު ވިދާޅުވި އެވެ.
އޮފިޝަލު ވިދާޅުވީ ދިވެހިންނަށް ވާން އެދޭ ބިދޭސީން ޓެސްޓް ހަދަން ޖެހެނީ ދިވެހި ބަހުން ކަމަށާއި ޓެސްޓްގައި ދިވެހި ބަހުން ލިޔަން ވެސް ކިޔަން ވެސް ޖެހޭ ކަމަށެވެ.
ޓެސްޓް ޕޭޕަރު އާންމު ކޮށްފައިވާއިރު އޭގައި މުޅިން ވެސް ހިމަނާފައިވާ ވަނީ ގާނޫނީ ސުވާލުތަކެވެ.