13 Jun 2014, 23:19
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ފާއިތުވި 15 އަހަރު މެދުކެނޑުމެއް ނެތި ކުޅެމުން އަންނަ އެއް ނަންބަރު ކީޕަރު އިމްރާން މުހައްމަދު ޓީމުގެ ވައިސް ކެޕްޓަންކަން ދޫކޮށްލީ އަރަމުން އަންނަ ޒުވާން މޮޅެތި ކުޅުންތެރިންނަށް އެ ފުރުސަތު ދިނުމުގެ ގޮތުން ކަަމަށް އިމްރާން ބުފި އެވެ.
ސަންއަށް މިރޭ ދިން އިންޓަވިއުގައި އިމްރާން ބުނީ، ފާއިތުވި ދުވަސްތަކުގައި ގައުމީ ޓީމުގެ ވައިސް ކެޕްޓަންގެ މަގާމްގައި ހުރިއިރު، ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދެވުނު ކަަމަށާއި ޓީމުގެ ވައިސް ކެޕްޓަންކަން ދޫކޮށްލިކަން އެފްއޭއެމްގެ އިސްވެރިންނަށް އަންގާފައި ވާ ކަމަށެވެ.
"ނިމިދިޔަ އޭއެފްސީ ޗެލެންޖް ކަޕްގެ ކުރިން ވައިސް ކެޕްޓަންކަން ވާނީ ދޫކޮށްލައިފައި. ވައިސް ކެޕްޓަން ކަން ދޫކޮށްލީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން. ވައިސް ކެޕްޓަންގެ މަގާމުގައި ހުރި އިރު ޓީމަށް ގިނަ ކާމިޔާބީތަކެއް ވާނީ ހޯދައިދެވިފައި،" އުމުރުން 34 އަހަރުގެ އިމްރާން ބުންޏެވެ.
އިމްރާން ބުނީ، ވައިސް ކެޕްޓަންގެ މަގާމު ދޫކޮށްލުމުގެ ކުރިން ޓީމުގެ ކުޅުންތެރިންނާ ވާހަކަ ދެއްކި ކަމަށާއި އޭނާގެ އެ ނިންމުމަކީ ވަރަށް ރަނަގަޅު ނިންމުމެއް ކަމަށް ވެސް އިމްރާން ބުންޏެވެ.
މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅެމުން އަންނަ އިމްރާން ބުނީ، ކްލަބު ފެންވަރުގައި ވެސް ކުރިއަށް އޮތްތާނގައި ވައިސް ކެޕްޓަން ކަން ނުވަތަ ކެޕްޓަންކަން ކުރުމާމެދު ވިސްނާނެ ކަމަށެވެ. އަދި މިއަހަރު ނިންމައިގެން ހުރީ ފުޓްބޯޅަ ކުޅުން ހުއްޓައިލާން ކަމަށާއި ނަމަވެސް ގިނަ ބައެއްގެ އެދުމުގެ މަތިން މިއަހަރު ވެސް ކުޅެން ނިންމީ ކަމަށެވެ.