ރާއްޖޭގެ ކިޔަވާ ކުދިންނާއި އާއްމުން މަތީ ތައުލީމުގެ ފުރުސަތުތަކަށް ހޭލުންތެރިކޮށް އެފަރާތްތަކަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ރާއްޖޭގައި ހުންނަ ސްރީލަންކާ ހައި ކޮމިޝަނާއި އެގައުމުގެ އެކްސްޕޯޓް ޑިވެލޮޕްމަންޓް ބޯޑް (އީޑީބީ) ގުޅިގެން ތައުލީމީ ފެއާއެއް ފަށައިފި އެވެ.

"އިންޓަނޭޝަނަލް އެޑިއުކޭޝަން ފެއާ" ގެ ނަމުގައި މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކޮންމެ ދުވަހެއްގެވެސް ހަވީރު 4:00 އިން ރޭގަނޑު 11:00އަށް ނެޝަނަލް އާޓް ގެލަރީގައި ކުރިއަށް ގެންދާ ފެއާ މިއަދު ހަވީރު ހުޅުއްވައިދެއްވީ ސްރީލަންކާގެ ހައިކޮމިޝަނަރެވެ.

ސްރީލަންކާގެ ހައި ކޮމިޝަނުން ބުނީ، މިއަދު ފެށި ފެއާގައި ފަސް ގައުމަކުން ޖުމްލަ 30 ޔުނިވާސިޓީއެއް ބައިވެރި ވާ އިރު، ރާއްޖޭގެ ކްލިކް ކޮލެޖުގެ އިތުރުން ފެއާގައި މެލޭޝިއާ، ސްރީލަންކާ، ސިންގަޕޫރު، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާގެ މަޝްހޫރު ކޮލެޖް/ ޔުނިވާސިޓީތަކުން ބައިވެރިވެފައިވާ ކަމަށެވެ.

މީގެ އިތުރުން ނަތީޖާ ރަނގަޅު ދަރިވަރުންނަށް ފެއާގައި ބައިވެރިވާ ބައެއް ކޮލެޖް/ ޔުނިވާސިޓީތަކުން ހިލޭ ކިޔެވުމުގެ ފުރުސަތާއި ސްކޮލޮޝިޕްތައް ވެސް ވަނީ ހުޅުވައި ލައިފައެވެ.

ސްރީލަންކާގެ ހައި ކޮމިޝަނުން ބުނީ، ފެއާއަށް ޒިޔާރަތްކުރާ ހުރިހާ މީހުންގެ މެދުގައި ހާއްސަ ލަކީޑްރޯ އެއް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ފެއާއަށް ޒިޔާރަތްކޮށް ރަޖިސްޓްރީ ކުރައްވާ މީހުންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ކޮންމެވެސް އެއް ފަރާތަކަށް ސްރީލަންކަން އެއާލައިންސް އިން ލަންކާ ދެކޮޅު ޓިކެޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ލަންކާ ހައިކޮމިޝަނުން ބުންޏެވެ.

މީގެ ކުރިން "ޔުނިވާސިޓީ އެޑިއުކޭޝަން ފެއާ" ގެ ނަމުގައި ބާއްވަމުން ގެންދިޔަ، އެ ފެއާ އަކީ މީގެ ތިން އަހަރު ކުރިން ފެށިގެން ބާއްވަމުން އަންނަ ފެއާއެކެވެ. އެގޮތުން މިއަހަރުގެ ކުރީކޮޅު ހިރިޔާ ސްކޫލުގައި ވެސް ވަނީ މީގެ ފެއާއެއް ބާއްވައިފައެވެ.